ޔާމީނުގެ ވަފާތެރިން އިންތިހާބު ބޮއިކޮޓްކުރަން ގޮވާލައިފި
ޕީއެންސީން އުފައްދާ ސަރުކާރަކީ ޕީޕީއެމް ސަރުކާރަކަށް ނުވާނެ
ޝެއިހު އަލީ ޒައިދު ފަދަ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ ފުރައްސާރަ ކުރެއްވި ބޭބޭފުޅުން ފާޅުގައި މުއިއްޒަށް ތާއީދު ކޮށްގެން އުޅުއްވުމަކީ ރައީސް ޔާމީނުގެ ވަފާތެރިންނަށް ހަޖަމް ކުރެވޭ ކަމަކަށް ނުވިއެވެ. އަލީ ޒައިދުމެން ބައިވެރިކޮށްގެން ކުރާ ކެމްޕެއިނެއްގައި ރައީސް ޔާމީނަށް ފަހިވާ ގޮތަށް އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށް ރައީސް ޔާމީނަށް ވަފާތެރި ގިނަ ބަޔަކު ބުނަމުން އެބަދެއެވެ.
ރައީސް ޔާމީނުގެ ނަންފުޅު ބޭނުން ކޮށްގެން ޑރ. މުއިއްޒު ކުރާ ކެންޕެއިންނަކީ ބޮޑު އޮޅުވާލުމެއް ކަމަށާއި ރައިސް ޔާމީނަށް ހެޔޮއެދޭ އެއްވެސް މީހަކު މުއިއްޒަށް ވޯޓު ނުދޭނެ ކަމަށް އެ މީހުން ބުނެއެވެ. އެގޮތުން ރައީސް ޔާމީނުގެ ވަފާތެރިން މުއިއްޒުގެ ކެމްޕޭނުން އެއްފަރާތްވެ އެކަހެރިވެ މުއިއްޒަށް ކުރަމުން އައި ތާއީދު ހުއްޓާލަން ދަނީ ނިންމަމުންނެވެ. އޭގެތެރޭގައި ބައެއް ސެނެޓަރުންނާއި މަޖިލިސް މެންބަރުން ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.
ރައީސް ޔާމީނަށް ވަފާތެރި އެތައް ސެނިޓަރުންނާއި މެންބަރުން ވިދާޅުވާ ގޮތުގައި ރައީސް ޔާމީނު ވަނީ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން އަމަލު ކުރަންވީ ގޮތުގެ އިރުޝާދު ދެއްވާފައެވެ. ރައީސް ޔާމީނުގެ އިރުޝާދަކީ ޕީޕީއެމުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމެވެ. ރައީސް ޔާމީނުގެ އިރުޝާދާ ދެކޮޅަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން މުއިއްޒަށް ތާއީދުކޮށް މަސައްކަތް ކުރަން ނިންމީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ރިޝްވަތު ދީގެން ކަމަށް އެ ބޭފުޅުން ތުހުމަތު ކުރައްވައެވެ.
ރައީސް ޔާމީނުގެ ބައެއް ވަފާތެރިން ފާޅުގައި ޓްވިޓަރގައިވެސް އަލީ ޒައިދަށް މަރުހަބާ ނުކިޔާކަން އަންނަނީ ބުނަމުންނެވެ. ރައީސް ޔާމީނުގެ ފޮޓޯފުޅާ ޕީޕީއެމްގެ ކުލަ ބޭނުންކޮށްގެން މުއިއްޒު ކެމްޕޭން ކުރައްވަމުން އަންނަނީ ޕީޕީއެމްގެ ވެރިކަމެއް ގާއިމު ކުރަން ނޫންކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ. މުއިއްޒުގެ ވެރިކަމެއްގައި ރައީސް ޔާމީން މިނިވަން ކުރައްވައިގެން ވެރިކަން ހިންގުމުގައި ރައީސް ޔާމީނު ބައިވެރި ނުކުރައްވާނެކަން ކަށަވަރުވާ ކަމަށް އެ ބޭފުޅުން ވިދާޅުވެއެވެ.
މުއިއްޒުގެ ރިޔާސީ ކެންޕެއިން ދިމްޔާތުގައި އިސްކޮށް ހިންގަނީ ޗާގޯސް މައްސަލައިގައި އިދިކޮޅުން ލީޑްކުރި މުއިއްޒުގެ ޅިޔަނު އިބްރާހީމް ބުން މުހައްމަދު ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ޕީޕީއެމްއާ މުއިއްޒާ ގުޅުމެއް ނެތްކަމަށާއި ޕީޕީއެމް މައިޕާޓީއެއްގެ ގޮތުގައި އޮއްވާ ޕީއެންސީ ކަހަލަ ކުޑަކުޑަ ޕާޓީއަކުން އުފައްދާ ސަރުކާރަކީ ޕީޕީއެމް ސަރުކާރަކަށް ނުވާނެކަމަށް އެބޭފުޅުން ވިދާޅުވެއެވެ.
ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމް މެންބަރުންނަށް އެ ބޭފުޅުން ގޮވާލައްވަނީ ރައީސް ޔާމީނު އެދިވަޑައިގެން ގޮތަށް މާދަމާ އޮންނަ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.