ކަނޑުން ބައެއް ގެއްލުނިއްޔާ ގެއްލުނީ ޔާމީނުގެ އިހުމާލުން!

ގައުމެއްގެ ސިޔާދަތީ ބާރު ހިނގާނީ އެގައުމެއްގެ އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 12 މޭލާ ހަމައަށެވެ. ގައުމަކަށް ލިބިގެންވާ ހުރިހާ ހައްގެއް އެ ބާރަ މޭލުގެ އެތެރޭގައި އެސަރަހައްދު ނިސްބަތްވާ ގައުމަކަށް އޮންނާނެއެވެ. އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 12 މޭލުގެ އެތެރެއަކީ އެގައުމެއްގެ ޓެރެޓަރީއެވެ. އޭގެ ބޭރަކީ ބައިނަލް އަގުވާމީ ކަނޑެވެ.
ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) އަކީ އެގައުމެއްގެ ސިޔާސީ ސަރަހައްދެއް ނޫނެވެ. އެކްސްކްލޫސިވް އެކޮނޮމިކް ޒޯންއަކީ އެ ސރަހައްދަކާ ގުޅިފައިވާ ގައުމެއްގެ އިގްތިސޯދީ ބޭނުމަށް ބައިނަލް އަގުވާމީ ކަނޑުން ހާއްސަކޮށްފައިވާ ސަރަހައްދެކެވެ.
ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) ކަމުގައި ކަނޑައެޅިފައި އޮންނަނީ އެ ގައުމެއްގެ އާޕިލަޖިކް ބޭސް ލައިނުން ފެށިގެން ބޭރަށް 200 މޭލު ހިމެނޭ ސަރަހައްދެވެ. ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) އަކީ އެގައުމެއްގެ ސިޔާސީ ސަރަހައްދެއް ނޫނެވެ. އެހެން ކަމުން އެއްވެސް ހާލެއްގައި ގައުމެއްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން) ކަނޑަކީ އެ ސރަހައްދު ނިސްބަތްވާ ގައުމެއްގެ އަމިއްލަ ތަނެއް ނޫނެވެ.
ދެ ގައުމެއްގެ އިގްތިސޯދީ ސަރަހައްދު ފުށުއަރައިގެން އެއްވެސް ދިމާއަކުން 200 މޭލު ނުލިބޭނަމަ އޮންނަ ބައިނަލް އަގްވާމީ ހަމައަކީ ދެ ގައުމުން އެއްބާސްވާ ގޮތެއްގެ މައްޗަށް ބަހާލުމެވެ. ރާއްޖޭގެ އުތުރުން ސްރީލަންކާއާއި އިންޑިއާއި ރާއްޖޭގެ ގުޅޭ ސަރަހައްދުގެ ބައިނަލްއަގުވާމީ ކަނޑުން ތިން ގައުމުން ކުރެއެއްވެސް ގައުމަކަށް އެކްސްކްލޫސިވް އެކޮނޮމިކް ޒޯންގެ ގޮތުގައި 200 މޭލެއް ނުލިބެއެވެ. އެހެންކަމުން ތިން ގައުމު އެއްބަސްވީ ގޮތުގެ މައްޗަށް އެ ސަރަހައްދު އޮންނަނީ ބަހާލެވިފައެވެ. ތިން ގައުމުންމެ އެ އެއްބަސްވުމަށް އިހުތިރާމް ކުރެއެވެ.
ވަރަށް ފަހަކާ ޖެހެންދެންވެސް ރާއްޖޭގެ ދެކުނުން އޮތް ޗާގޯސްއަކީ ވަކިބައެއްގެ ސިޔާދަތީބާރު ހިނގާ ތަނެއްގެ ގޮތުގައި ނެތުމުން ކުރިއަކުން ޗާގޯސްއާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުން ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދު (އެކްސްކްލޫސިވް އެކޮނޮމިކް ޒޯން)ގެ ގޮތުގައި 200 މޭލު ނުލިބުމުގެ މައްސަލައެއް ނެތެވެ. ޗާގޯސް ކަނޑުގެ ސަރަހައްދުން ރާއްޖެއަށް 200 މޭލުގެ ހާއްސަ އިގުތިސޯދީ ސަރަހައްދެއް ނެތުމުގެ މައްސަލަ އުފަންވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބައިނަލްއަގުވާމީ ގޮތުން ގަބޫލު ކުރި ހިސާބުންނެވެ.
އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓީސް (އައިސީޖޭ) އާއި އދ ގެ ޖެނެރަލް އެސެމްބްލީން ޗާގޯސްގެ ސިޔާދަތީބާރު މޮރިޝަސްއަށް އޮތްކަމަށް ގަބޫލުކުރި ހިސާބުން ކަނޑުގެ ސަރަހައްދުތަކުގެ މައްސަލަ ނިންމާ ބައިނަލްއަގުވާމީ ކޯޓް "އިޓްލޮސް" މެދުވެރިކޮށް ރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތްކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ފުށުއެރުން ހައްލުކުރިއެވެ. ބައިނަލްއަގުވާމީ ހަމަޔަކީ ފުށުއެރުން ހަމައަށް ދެބައިކުރުމެވެ. އެގޮތުން ރާއްޖޭން ކުރިމަސައްކަތުން "އިޓްލޮސް"އިން މައްސަލަ ހައްލު ކުރުމުގައި ރާއްޖެއަށް ވީގެއްލުމެއް ނެތެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް އޮތްކަމަށް ބައިނަލްއަގުވާމީ ހުރިހާ އިދާރާއަކުން ގަބޫލުކުރުމުން ރާއްޖޭން ރުހުނަސް ނުރުހުނަސް ރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގެ ފުށުއެރުން ހައްލުނުކުރާން ރާއްޖޭން ކިތަންމެ ވަރަކަށް ހިފެހެއްޓިޔަސް "އިޓްލޮސް" މެދުވެރިކޮށް މޮރިޝަސްއިން އެކަން ހައްލުކުރާނެއެވެ.
ހާއްސަ އިގުތިސޯދީ ސަރަހައްދުން ރާއްޖެއަށް ގެއްލުނު އެއްޗެއް ގެއްލުނީ ރައީސް ޔާމީނުގެ އިހުމާލުން ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މަސައްކަތް ނުކުރުމުންނެވެ. ޗާގޯސްގެ ސިޔާދަތީބާރު ހޯދަން މޮރިޝަސް އިން އދ ގައި ލޮބީކޮށް ހުރިހާ މަސައްކަތެއް ކުރީ ޔާމީނު ރާއްޖޭގެ ވެރިކަމުގައި ހުއްޓައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް މަސައްކަތް ކުރިއިރު ޔާމީނު ހުރީ އަޅާކަހާވެސް ނުލައެވެ. ޗާގޯސް ހޯދަން ކުޑަވެސް ކަމެއް ނުކޮށެވެ.
2019 ގައި އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓްގައި މޮރިޝަސްއާއި ދެކޮޅަށް ރާއްޖޭން ވޯޓު ދިނުމުން އެކަން ކުށްވެރިކޮށް ބަޔާންނެރެ އެ މައްސަލައިގައި ރައީސް ސޯލިހު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުވީވެސް ޔާމީނެވެ. ކަނޑުން ބައެއް ގެއްލުނިއްޔާ ގެއްލުނީ ޔާމީނުގެ ފަރުވާކުޑަކަމާ ގޮތްނެތް ކަމުންނެވެ. އެމްޑީޕީ ސަރުކާރަކުން އަކަ އިންޗިއެއްވެސް ވިއްކައިގެނެއް ނޫނެވެ.