މުއިއްޒުގެ ފަނުފުލު އިސްލާހު: ދުންފަތު އަނދިރި

ރައީސް މުއިއްޒު ގައުމުގެ ކަންކަން އިސްލާހު ކުރުންގަނޑު އަޖައިބެއްހާ މޮޅީއެވެ. ކަމަކަށް ދޫކުރާނެ ކަމެއް ނެތެވެ. ކުރާ ކޮންމެ ކަމެއް ދަނީ ފަނު ފުލުންނެވެ.
ދުންފަތާ ރައްޔިތުން ދުރުކުރަން ކުރިކަންތައް ވެސް ގޮވީ އަތަށެވެ. ސިނގިރެޓްގެ ޓެކްސް ބޮޑުތަނުން ބޮޑު ކޮށްލުމުން ވީގޮތް އޭގެ އެއް މިސާލަކަށް ފުދެއެވެ. ދުންފަތާ ގުޅުވާ މުއިއްޒު އެޅި ފިޔަވަޅުތަކުން ކަންވީ ގޮތާމެދު ފިކުރު ކޮށްލާށެވެ.
ދައުލަތުގެ ބަޖެޓްގައި ލިބޭނެ އާމްދަނީއެއްގެ ގޮތުގައި ޖަހާ ސިނގިރެޓުން ޓެކްސްގެ ގޮތުގައި ކުރިއްސުރެ ލިބެމުންއައި އެތައް މިލިޔަން ރުފިޔާ ދައުލަތުގެ އާމްދަނީގެ ގޮތުގައި ނުލިބި %80 ނުލިބި ގެއްލި ދިޔައީއެވެ. ބާޒަރުގައި ސިނގިރެޓްގެ އަގު އިންތިހާއަށް ބޮޑުވީއެވެ. ގޮތް ނޭނގޭ އެކި ޒާތްޒާތުގެ އޮޅި ސިނގިރެޓާއި ބިޑި ބުއިން އާއްމުވީއެވެ.
ކޮލިޓީއެއް ފެންވަރެއްނެތް ގޮތެއްގައި އެކި ފަހަރު އެކި ވައްތަރުގެ ދުންފަތް އެކިވަރަށް ބޭނުންކޮށްގެން އަނބުރާ ސިނގިރެޓާއި ބިޑި ބުއިމުން އިހުނަށްވުރެ ދުންފަތުން މީހުނަށް ލިބޭ ގެއްލުން އިތުރުވީއެވެ. ފުއްޕާމޭގެ ބަލިތައް ޖެހޭ މީހުން ގިނަވެ ސަރުކާރުގެ ވެލްފެއަރ ނިޒާމުން ހިނގާ ހޭދަ އެތައް ގުނައެއް އިތުރުވީއެވެ.
ވޭޕް މަނާކުރުމުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުނުވެ ވޭޕް ބުއި އެންމެން ސިނގިރެޓާއި އޮޅި ސިނގިރެޓަށް ހިޖުރަކުރީއެވެ. ގޭގޭގެ ތެރެއާއި ހޮޓާކެފޭ ރެސްޓައުރެންޓްތަކުގެ މޭޒުމައްޗަކީ ސިނގިރޭޓާއި ބިޑި އުފައްދާ ތަންތަނަށް ބަދަލުވީއެވެ.
އަނެއްކޮޅުން ސިނގިރެޓް ސުމަގުލު ކުރުން އާއްމުވެ ޓެކްސް ނުދައްކާ ވަގަށް ސިނގިރެޓް އެތެރެކޮށްގެން ކުރާ ވަގު ވިޔަފާރި ފުޅާވީއެވެ. ސިނގިރެޓަށް ސަލާންޖަހާ މީހުން ގިނަވެ މަގުމަތިން ބަޓުބުރި ހޮވައިގެން ވެސް އަލާފިލުވޭތޯ އުޅޭ މީހުން އިތުރުވީއެވެ. އަނބިދަރިންނަށް ކާންނުދީވެސް ހުންނަ މަދު ލާރިކޮޅަށް ބޮޑު އަގުގައި ސިނގިރެޓް ގަނެގެން ބޯ މީހުން އިތުރުވެ ބިކަހާލުގައި އާއިލާތައް ޖެހޭވަރަށް ދުންފަތު އަނދިރި އެޅީއެވެ.
ގާނޫނާއި ގަވައިދާެި އެއްގޮތަށް ސިނގިރޭޓް އެތެރެކޮށްގެން ވިއްކާ ވިޔަފާރި ކުރާ ވިޔަފާރި ވެރިން ބަނގުރޫޓް ވަނީއެވެ. ގައުމަށް އެތެރެވާ ސިނގެރެޓް މަދުނުވެ ސިނގިރެޓުން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބުނު އެތައް މިލިޔަން ރުފިޔާ ނުލިބި ގެއްލުނީއެވެ.
ދުންފަތާ ރައްޔިތުން ދުރުކުރުމުގެ ނަމުގައި ހާސިލް ކުރަން އުޅުނު ސިއްހީ މަގުސަދެއް ހަގީގަތުގައި ހާސިލެއް ނުވިއެވެ. ކުރިން ދުންފަތާ ދުރުގައި ވޭޕް ބޮއެގެން އުޅުނު އެންމެންހެން ދުންފަތުގެ ޝިކާރައަށްވެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން އެތައް ގުނައަކަށް އިތުރުވީއެވެ. އަނެއް ކޮޅުން ބޭސް ފަރުވާއަށާއި ސުމަގުލުކުރުން ހުއްޓުވުމަށް އިންސާނީ ވަސިލަތާއި ފައިސާ ސަރުކާރުން ހަރަދު ކުރުން އިހުނަށްވުރެ އެތައް ގުނައެއް އިތުރުކުރަން މަޖުބޫރު ވީއެވެ.
ވާނުވާ ނޭނގި ޖަޒްބާތުގައި މުއިއްޒު ކުރާ ކޮންމެ މިކަހަލަ ކަމަކުން ގައުމާއި ރައްޔުތުންނަށް ލިބެނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުމެވެ. ބޮޑެތި ދެރައެވެ. ދުންފަތާ ދެކޮޅަށް މުއިއްޒު އެޅި އިސްލާހީ ފިޔަޅުން ލިބޭ ނަތީޖާ ސުމަކަށްވުރެ ވެސް މާދަށެވެ. ދުންފަތު އަނދިރި ވެގެން ދިޔައީވެސް މުއިއްޒުގެ ފަނުފުލު އިސްލާހުގެ ބޮޅަކަށެވެ.