ޝުއޫރު ފާޅުކުރަން އެމްޑީޕީ ޖެހިލުމެއްނުވާނެ: ފައްޔާޒު

އެމްޑީޕީން ފަހަތަށް ޖެހިތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތުދޭން

ޝުއޫރު ފާޅުކުރަން އެމްޑީޕީ ޖެހިލުމެއްނުވާނެ: ފައްޔާޒު

ޖަލަށް ލާފާނެތީ ނުވަތަ މުދާތައް އަތުލަފާނެތީ ނުވަތަ ފުރާނައަށް ގެއްލުމެއް ވެދާނެތީ ޝުއޫރު ފާޅުކުރަން ޖެހިލުންވާ ބަޔަކު އެމްޑީޕީގައި ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. މަގުމައްޗަށް ނުކުންނަށް ޖެހުނު ކަމުގައި ވަންޏާ އަޑު އުފުލުމަށް މަގުމައްޗަށް ވެސް ނުކުންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މުއިއްޒު ސަރުކާރުން ރައްޔިތުންގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައި އޮތުމުން އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މާލީ ކާރިސާ ފަދަ ހާލަތަކަށް ރާއްޖެ އެބަދާ ކަމަށް ކުރީގެ އިގްތިސާދީ ވަޒީރު ވިދާޅުވިއެވެ. އެކަމުން ގައުމު ސަލާމަތްކުރަން މަގުމައްޗަށް ނުކުންނަން ޖެހިއްޖެނަމަ އެކަން ވެސް އެމްޑީޕީން ކުރާނެއެވެ. 

މިވަރުން ދަންޏާ ރައްޔިތުން ބަނޑުހައިހޫނު ކަންމަތީ ނިކުމެ ސަރުކާރު ވައްޓާލާ ސަރުކާރުގެ ވެރިންނަށް އަނިޔާ ކުރާތަން ފެނިގެން ހިނގައިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެން އެކަން ވިޔަނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ. 

އެމްޑީޕީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ސަރުކާރުގައި ތިބި ފަރަތްތަކާއި ގައުމާއި ދިވެހިންގެ ސަލާމަތަށްޓަކާ މިހާރު ތިބިހެން ތިބެވެން ނެތްކަމަށް ގަބޫލުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

ޑޮލަރުގެ މުއާމަލާތްތަކާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ނިންމި ނިންމުމާ ގުޅިގެން ގައުމު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ކުއްލި ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ، އެ ޕާޓީން މިވަގުތު ޒިންމާދާރުކަމާއެކު ފަހަތަށް ޖެހިގެން ތިބީ ރައްޔިތުން އާނއެކޭ ބުނި މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.

"އެހެންނަމަވެސް، އަޅުގަނޑުމެން ޒިންމާދާރުކަމާއެއްކޮށް މި ދައްކަމުންދާ ވާހަކަތަކަށް ސަރުކާރުން ބީރު ކަންފަތެއް ދީ، އަދިވެސް ކުރީ ސަރުކާރޭ ކުރީ ސަރުކާރޭ ނުވަ މަސް ވީއިރު ކިޔަމުން ދަންޏާ އަޅުގަނޑުމެންނަށް މި ފެންނަނީ ސަރުކާރުގެ ނާގާބިލުކަން މަތީގަ ސިލޯނަށް ވީ ގޮތް މި ގައުމަށް ވަމުން ދާތަން." ކަމަށް ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ރޭގައި ފައްޔާޒު ވިދާޅުވިއެވެ.