ޕީއެންސީ ޕީޖީ ގްރޫޕަކީ ޕަޕެޓުންކަން އެނގެނީ މިހެންވެ!

ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލުން ވަރަށް ގިނަ ވާހަކަ ބުނެދީފިއެވެ. ސްޕްރީމް ކޯޓްގެ ބެންޗް 7 އިން 5އަށް ދައްކުރަން އިސްލާހެއް މަޖިލީހަށް ފޮނުވީ އެއަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ސަރުކާރަށް ކުރަން ނެތިގެންނެވެ. ބެންޗް ކުޑަކުރާ ބިލް ހުށަހެޅީ ސްޕްރީމް ކޯޓުގެ ބެންޗް ކުޑަނުކޮށް ރާއްޖޭގައި އަދުލު އިންސާފު ގާއިމުކުރެވެން ނެތްކަމަށް ދެކިގެންނެވެ.
ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރާ ބިލް ޑްރާފްޓްކޮށް މަޖިލީހަށް ފޮނުވީ މުއިއްޒުގެ ބަންޑާރަ ނައިބެވެ. މަޖިލީހުގެ ސްޕަރމެޖޯރިޓީ އާއިއެކު މުއިއްޒު ރައީސްކަން ކުރާ ޕީއެންސީން ތިރީލައިނު ވިޕްނެރެ ބިލްފާސްކުރަން މެންބަރުންނަށް މަޖުބޫރު ކުރިއެވެ. މަޖިލީހުން ބިލް ފާސްކުރީ ހުރިހާ އިޖުރާތެއް ފަޓާސްބަރިއެއް އަދައިގެންދާހާ ހަލުވިކޮށް ފުރިހަމަ ކޮށްގެންނެވެ.
ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރުމުގެ މުހިންމުކަން ބޮޑުވިވަރުން ޕީއެންސީގެ ތިރީލައިން ވިޕާއި ހިލާފްވެގެން މެންބަރު އަޒާން ކުއްވެރިވިއެވެ. ނުސީދާ އެތައް ފިޔަވަޅެއް ޕީއެންސީން އަޒާނަށް އެޅިއެވެ. ޕާޓީން ކަނޑާ ނުލާކަމެވެ. މުއިއްޒު ވެރިކަމަށް ގެންނަން ބޮޑެތި ގުރުބާނީވި އަޒާން ފަދަ މީހަކަށް ފިޔަވަޅުއަޅާ ޕާޓީން ވަކިކުރުމާ ގާތަށް ކަންކަން ދުއްވާލާނީ ސްޕްރީމް ކޯޓްގެ ބެންޗް ކުޑަކުރުމުގެ މުހިންމުކަން ކިހާ ބޮޑެއްވީމާ ހެއްޔެވެ.
ސްޕްރީމްކޯޓުގެ ބެންޗް ކުޑަކުރާ ބިލް އެހާ އަވަހަށް މަޖިލީހުން ފާސްކޮށް ތަންފީޒު ކުރަން ފޮނުވުމުން ބިލް ތަންފީޒެއް ނުކުރިއެވެ. ތަންފީޒު ނުކޮށް ބާއްވަ ބާއްވާފައި އަލުން ވިސްނުމަށް އަަނބުރާ ފޮނުވާލީއެވެ. ޖޭއެސްސީގެ ރައީސް ގުރައިދޫ ކުޑަ ރިޒާއާއި އޭސީސީ ރައީސް ޝާމީލް ބަންޑަރަ ނައިބު އުޝާމާ ގުޅިގެން ސްޕްރީމް ކޯޓް ބެންޗު ކުޑަ ކުރުމުގެ ބޭނުން ކަނޑުވާލަ ދިނުމުން މުއިއްޒު އެބިލް ތަސްދީގެއް ނުކުރިއެވެ.
ތިރީ ލައިން ވިޕް ނެރެގެން އަވަސް އަރުވާލައިގެން މަޖިލީހުގެ މެންބަރުން އަމިއްލަ ނަފްސު ވެއްޔާ މޮޑެލައިގެން ފާސްކޮށްދިން ދިނުމުގެ އަގެއް މުއިއްޒު ވަޒަނެއް ނުކުރިއެވެ. މުއިއްޒު ރައްޔިތުންނާ ދުނިޔެއަށް ދައްކާ އެދިނީ މަޖިލިސް މެންބަރުންނަކީ އާރެއް ބާރެއްނެތް އަގުޅިނެތް ކަންނެޔޮ ތަކެއް ކަމެވެ. ޕީއެންސީ މަޖިލިސް މެންބަރުންނަކީ މުއިއްޒު ބޭނުން ގޮތަކަށް މޮޑެން އޮތް ކިސަޑުގަނޑެއް ކަމަށެވެ. ކަށަވަރުކޮށް އެދިނީ މަޖިލިސް ނިކަން ރަނގަޅަށް މުއިއްޒު އަތްދަށުވެފައި އޮތްކަމެވެ. ސާބިތު އެކޮށްދީނީ މުއިއްޒު ބޭނުން ނޫން ގޮތަކަށް މަޖިލީހުގެ މެންބަރުންނާއި ރައީސަށް އިނގިލިވެސް ހަލުވާ ނުލެވޭނެކަމެވެ.