ސަރުކާރުގައި އެޅި ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު!
އަމާޒެއް ސްޓޭންޑެއް ނެތީ ސަރުކާރުގެއެއް ނޫނެވެ. އަމާޒެއް ސްޓޭންޑެއް ނެތީ ނަޝިދާއި އޭނާގެ ބައިގަނޑުގެއެވެ. ކޮރަޕްޝަނާ ފަސާދަ ހުއްޓުވަން ބޭނުން ނަމަ އަރަންވީ ވެސް ނަޝީދުގެ ފަހަތަކަށް ނޫނެވެ. އިސްލާހަށް މަސައްކަތް ކުރާނަމުގައި ވެރިކަމުގެ އާރާ ބާރުގެ ދަހިވެތިކަމުގައި އުޅެނީވެސް ނަޝީދު ނޫން ދެވަނަ މީހެއް ނޫނެވެ. އިސްލާހަށްޓަކައި ގައިގާ ކޫރާއި ބޫރު އެޅުނީކީ ނަޝީދުގެ އެކަންޏަކު ނޫނެވެ. ނަޝީދާ އެއްވިސްނުމެއްގައި ނެތް ކޮންމެ މީހަކީ އިސްލަހީ މަސައްކަތް ކުރި މީހެއް ކަމަށް ނުދުށުމަކީ ތިމާމެންގެ އަމިއްލަ އެދުން ބޮޑުކަން އެންމެ ބޮޑަށް ފާޅުވާ ސަބަބެވެ.
ކާޅު ހާލި ހެދީމާ ކޮވެލި ބިސްއަޅާ އުސޫލުން މަންޑޭލާ ހެދިގެން އުޅުނީ އަމިއްލަ ޖާހު މަތިކޮށް ހައިބަތު ބޮޑުކުރާށެވެ. އިމްތިޔާޒު ފަހުމީއަށް އެކަން ނޭގި އޮތުމަކީ އިސްލާހީ ހަރަކާތުގައި އިމްތިޔާޒު ނޫޅޭކަން ކަށަވަރު ވެގެން ދިޔަކަމެކެވެ. ނަޝީދުގެ ރައީސް ކަމާ ހަމައިން ދާއިރާގެ ގޮނޑިއަށްޓަކައި އެމްޑީޕީ ފެނުނު އިމްތިޔާޒު ފަހުމީ ކަހަލަ މީހުނަށް ވާނީ އެހެންނެވެ.
ނަޝީދުގެ ވެރިކަމުގައި ހިންގިހާ ކޮރަޕްޝަނާ ފަސާދައިގެ މޭސްތިރިއަކީ ހޮދު ނަޝީދެވެ. ޔާމީނު ކޮށްލިވަރު ނުކޮށްލިއެއް ކަމަކު ހިންގި ކޮރަޕްޝަނެއް މަދެއް ނޫނެވެ. އެނގޭނީ ބަޔަކު ބަލައިލީމައެވެ. އެދުވަސް ވަރުގެ އޮޑިޓް ރިޕޯޓްތަކުން އެކަނިވެސް ނަޝީދަކީ ވެސް ކޮރަޕްޓް މީހެއްކަން ސާބިތުވާނެއެވެ.
ނަޝީދުގެ ވެރިކަމުގައި ބައި އަޅައިގެން ފްލޯޓިންގ ސިޓީ އެޅުމަށް ފަޅުތަކެއް ވިއްކާ ފައިސާ ނެގީ މިސަރުކާރަކުން ނޫނެވެ. އަމިއްލަ ޖީބަށް ވައްދާފައި އޮތްލެއް ގިނަ ކަމުން އެއްބަސްވުމާ އެއްގޮތަށް އެކަން ނުކޮށް އޮތަސް އެކަމުގައި އެތައް ނަޖާއިޒު ކަންތައް ތަކެއް ހިނގާފައި އޮތްކަން އެގިހުރެ މި ސަރުކާރަށް ވީފަހުން އެއްބަސް ވުން އައުކުރަން ފޫގަޅާފައި އުޅުނީ ކޮން ބައެއް ހެއްޔެވެ. ހީލަތްތެރި ކަމާއެކު ސަރުކާރުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަންކަން ރާވާ ހިންގި މީހުން އެ ތިބީ ފެންނާށެވެ. ބޮޑު މަންފާއެއް ނުހޯދާ މި ބައިގަނޑު އެކަން ކުރާން ނޫޅޭނެކަން ކަށަވަރެވެ. ނަޒާހަތްތެރި ސިއްކަ ޖަހައިގެން ނަޝީދާއި އީވާއާއި އިމްތިޔާޒާއި ހަސަން ލަތީފު ހިންގާލި ކޮރަޕްޝަން ބަލައިލަން ނިކަން ފައްކާވާނެއެވެ. މިއެންމެން މިތިބީ މަޖިލީހުގެ ޖަލްސާއެއްގައެއް ނޫންނެވެ. ސަރުކާރާ ބޭރު ކުންފުންޏަކާ ހަދާ އެއްބަސްވުމެއް ހަދަން މި އެންމެން ގޮސް މި ތިބީ ކޮން ރަލެއް ބޮވިފައި ތިބެގެން ހެއްޔެވެ.
މި ސަރުކާރު ތެރޭގައި ކޮރަޕްޝަނާ ފަސާދަ ހިންގިއްޔާ ހިންގީވެސް ނަޝީދުގެ ބައިވެރިންނެވެ. ރައީސް ސޯލިހު ބަދުނާމު ކުރުމަށްޓަކައި ދުރާލާ ރާވައިގެންނެވެ. އެންމެން މަޝްހޫރު ކުރާ ވެންޓިލޭޓަރ ގަތުމުގެ ކަންކަމުގައި އުޅުނީ ސީދާ ނަޝީދެވެ. ފޫޅުކަނޑާލީ އޭރުގެ ހެލްތު މިނިސްޓަރ ބޮލަށެވެ.
މަޖިލީހުގައި ކޮރަޕްޝަނުގެ ވާހަކަ އެންމެ ބާރަށް ދެއްކި ވިލުފުށި އަފީފުގެ އަނގަ ބަންދުވީ ނަޝީދު މެދުވެރިވެގެން ހޯދި ޓެސްޓްކިޓް ޑީލުންނެކޭ ބުނާކަށް ނެތީމެވެ. އެ އަފީފަކު އަދިވެސް އެފުއްޕަނީ ކޮވިޑްގެ މެޑިކަލް އިކްވިޕްމަންޓް ސަޕްލައި ކުރަން ނުދީގެންނޭ ބުންޏަސް ގޯސްވަނީ މަށެވެ. އެވެސް ބިޑް ވިންކުރާ ފަރާތް ކަޓުވާލާފަ އަފީފާއި ހިޔަލީ ގެ ކުންފުންޏަށް ނުދީގެނެވެ. އަރާއިރު އަހުމަދު ރަޝީދުމެނަށް ވެސް ވެގެން މިއުޅެނީ އެހެންތާއެވެ.
އީވާގެ ފިރި ސާބެއާއި އިލްޔާސް ލަބީބުގެ ކުންފުންޏަށް ޕްރޮޖެކްޓްތައް އޮއްސުވާލުމުގެ ފަހަތުގައި ހުރީ އެހެން ކާކުހެއްޔެވެ. ޕްރޮޖެކްތްތައް ނަގައިގެން ޕްރޮޖެކްތްތައް ނުނިންމާ ތިބީ އެހެން ކަމަކު ނޫނެވެ. ސަރުކާރު ބަދުނާމު ކުރާށެވެ.
ރިނަޔަބްލް އެނަރޖީ ރާއްޖެއަށް މާރކެޓްކޮށް ރާއްޖޭގައި ކުރާ ސޯލަރހަކަތައިގެ ކޮންމެ ވިޔަފާރިއަކުން ނަޝީދުގެ އަމިއްލަ ޖީބަށް ފައިސާ ވައްދައެކޭ ނުބުނަމެވެ. ނަންވާނީ އަލްގީނު މީޓިއޮރޮލޮޖީއަށް ޖަޕާނުން ދިން ޑޮލަރުކޮޅެއް އަމިއްލަ އެކައުންޓަށް ވެއްދި ކަމެވެ. ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ ނަމުގައި ދައުލަތަށް ލިބޭފައިސާއަށްވުރެ ގިނަ ފައިސާ ނަޝީދުގެ ޖީބަށް އޮހޭކަމަކަށް މަށަކު ނުކިޔަމެވެ.
ވަޒީރުންނާ ގުޅާ ބިރު ދައްކައިގެން ރައްޓެހިންނަށް ލޯނާއި އެކި ނަން ނަމުގައި ފައިސާ ހޯދަން ނަޝީދު އުޅެއެކޭ ނުބުނަމެވެ. އެމްޑީޕީ ގައުމީ މަޖިލީހުގައި ތިބި ނަޝީދުގެ ޕަޕެޓުންނަށް މަންފާ ލިބޭ ގޮތަށް ޕްރޮޖެކްޓާއި މަސައްކަތް ހޯދާދީގެން ބަޔަކު އަޅުވެތި ކޮށްގެން އުޅެއެކޭ ވެސް ނުކިޔަމެވެ. ޕާޓީގެ ސްލޮޓްގައި ސަރުކާރަށް ބޭވަފާތެރި ނަޝީދަށް ވަފާތެރި ސިޔާސީ ވެރިން އިސްކޮށްގެން ސަރުކާރުގެ ކަންކަން ފަސްކޮށް ލަސްކޮށް މުއައްސަސާތައް ވާގިނައްތަމުން ގެންދާ ކަމަށް ބުނެ ފިއްޔާ އެވެސް ވަނީ ދޮގަކަށްތާއެވެ.
ގުޅިގެން ހީލަތްތެރިކަމާއެކު ގޯސްތައް ހަދައިގެން ތިބެ އިދިކޮޅު ވާދަވެރިންނަށް ވުރެބާރަށް ސަރުކާރަށް ކޮރަޕްޝަނޭ ވައްކަމޭ ކިޔައިގެން ނަޝީދާ ބައިވެރިން އެބަ ބަވައެވެ. ސަރުކާރުގައި ކޮރަޕްޝަން އޮވެގެން އެންމެ ބާރަށް ނެގިނެގިފަ ޖެހޭއިރު މި ސަރުކާރުގައި އަޅާފައިވާ ކޮރަޕްޝަނުގެ ބޮޑުފަންޏަކީ ނަޝީދު ނޫން ހެއްޔެވެ.