އީދުވިލޭރޭ ފުލުހުން ހިންގި އޮޕަރޭޝަނަކީ އިންޒާރެއް!

ފުލުހުންގެ ކޮމިޝަނަރާއި ދެކޮޅަށް އެތެރޭން ބަޔަކު ހިންގި ބަގާވާތެއް!؟

އީދުވިލޭރޭ ފުލުހުން ހިންގި އޮޕަރޭޝަނަކީ އިންޒާރެއް!

އެސްއޯ ފުލުހުން ފޮނުވީ ރަައީސްގެ އެންގެވުމާ ހިލާފަށް ކަމަށް ރައީސް ވިދާޅުވީމާ އެނގުނީ ފުލުހުންގެ އީދު ވިލޭރޭގެ އެއޮޕަރޭޝަން ކުރިއަށް ގެންދަން ރައީސް އެންގެވި ވަކި ގޮތެއް އޮތް ކަމެވެ.  

ނަމަވެސް ކުރީގެ ފުލުސް ކޮމިޝަނަރ އެމްސީ ހަމީދު ވިދާޅުވަނީ ފުލުހުންގެ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ވަކި ގޮތެއް އެންގެވުމުގެ ގާނޫނީ ޖާގަ ރައީސަށް ނޯންނަ ވާހަކައެވެ. އެހެންވިޔަސް ހެޔޮތާއެވެ. ރައީސް ފުލުހުންނަށް ގޮތެއް އަންގަވާފައި ވާތީ، ފުލުހުންގެ އޮޕަރޭޝަން ދިފާއުކޮށް އީދުވިލޭރޭ ކަމުގެ ހޫނުގަނޑުގެ ތެރޭގަައި އޮތީ އެކަން ރަސްމީކޮށް ރައީސް އޮފީހުން ކަށަވަރުވެސް ކޮށްދީފައެވެ. 

އެ އޮޕަރޭޝަން ދިޔައީ ވަގުތުން މީޑިއާ ތަކުން ލައިވް ކުރަމުންނެވެ. އަނެއްކޮޅުން ރޭގެ ކަންތަކާ ހެދި ރައީސް އުޅުއްވީ އަވަހާރަވެސް ނުލައްޕަވާ ކަމަށް ހޮދު ރައީސް ވިދާޅުވެއްޖެއެވެ. 

ހޭލާ ހުންނަވާ ހުރިހާ ކަމެއް ހިނގާ ނިމި އިރުއަރާ، އީދު ސަލާންކޮށް ނިމުނު އިރު ކަމަކުދާކަށް ނެތެވެ. ފުލުހުން ގޯސްވެ، ބޮޑުތަހުގީގެއް ކުރަންޖެހި ރައީސަށް އެއްޗެއް އެނގިވަޑައިގަތީ މާފަހުން ނޫހުން ކަމުގައި ވެއްޖެއެވެ. ދެންމީގެ ދެކޮޅު ދިމާކުރާނެ ގޮތަކީ ކޮބައިހެއްޔެވެ.

ހުވާކުރުމާ އެކު ރައީސް ޔާމީން މިނިވަންވާނެ ކަމުގެ ވައުދާއެކު އެދެއްކި ހުސްގޮނޑި އެއީ ދޮގުކަމަށް ނުވަންޏާ ދޮގާ މަކަރަކީ އޮތް އެއްޗެއް ނޫނެވެ. ވަކި ކަމެއްގެ ދަޅަދައްކައިގެން ހޯދާ މޮޅާ މަންފާ އެއީ ޓެކުމެއްވެސް ނޫނެވެ.

ވެރިކަމުގެ ހުވާ ކުރެއްވިތާ 5 މަސް ތެރޭ، ކުޑަޢީދު ވިލޭރޭ މާލޭ ގިޔާސުއްދީން ސްކޫލް، އަލަށް އުފައްދާ ޕީއެންއެފް ނަމަކަށް ކިޔާ ރައީސް ޔާމީންގެ ސިޔާސީ ޕާޓީއަށް ކުއްޔަށް ދިނެވެ. ފަހުން އެކަމާ މޭބޮޑުވެ ފަހުވަގުތު އެކަން ކެންސަލް ކުރާނީ، މަތިފަޑީގެ ކޮންމެވެސް ހިސާބަކުން އެންގީމަތާއެވެ. އެކަމެއް އެ ޕާޓީގެ އާންމު މެމްބަރުންނަކަށް ނޭނގޭނެ ނޫން ހެއްޔެވެ،

ކުރިން ހަމަޖެހިފާ އޮތްގަޑިއަށް މީހުން އައިސް ހޯލް ފުރެނިކޮށް އެކިވައްތަރުގެ ހެދުން އެޅި ފުލުހުންގެ ފައުޖުތައް އައިސް ރައީސް ޔާމީނުގެ މީހުން ފައްސާ ނަގާލީއެވެ. އެންމެ ފަހުން ވެރިންގެ އެންމެން ރެކި ފުލުހުން ގޯސް ހެދިކަމަށް ވެގެން ތަހުގީގެއް ފަށަން ޖެހުނީއެވެ. 

ރާއްޖޭގެ ސަލާމަތީ ފައުޖުތަކަކީ ހަމަ ތިބެފައި އަމިއްލަ އަމިއްލައަށް ކަންކުރާ ބައެއް ނޫނެވެ. އެންމެ ހުތުރު ގޮތަކަށް ތާރީހުގައި ފެނުނު ފެބްރުވަރީ 7 ގައި ވެސް އެމީހުން ކަންކުރީ މައްޗަށް ތިބި ބަޔަކު އެކަން ރާވާ ކޮމާންޑްކޮށް އެކަން ކުރަން އެންގީމައެވެ.

އީދު ވިލޭރޭގެ ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ވަރުގަދަ ހަސަން ކުރުސީ ދައްކަނީ ޝައުގުވެރި ވާހަަކަ އެކެވެ.

އޭނާ ބުނާގޮތުން އީދު ވިލޭރޭ ފުލުހުން ހިންގި ހަރަކާތަކީ ފުލުހުންގެ މިހާރުގެ ކޮމިޝަނަރާއި ދެކޮޅަށް އެތަނުގެ ތެރޭން ބަޔަކު ހިންގި ބަގާވާތެކެވެ. ބޭނުމަކީ މިހާރުގެ ކޮމިޝަނަރ ވަކިކޮށް އެހެން ބަޔަކު ފުލުހުންގެ މަތިފަޑިއަށް އަރަން ބޭނުންވުމެވެ. މިކަމުގައި އެއްވެސް ވަރެއްގެ ހަގީގަތެއް އޮތްނަމަ އެއީ ނުރައްކާތެރިކަން ބޮޑު އިންޒާރެކެވެ.