ނަމުން ޑިމޮކްރަސީ - ކަމުން މުގާބޭ

ކުރިން ރަށްޔިތުންނަށް ފެންނަމުންދިޔައީ ކުރީގެ ރައީސް ނަސީދު އެއްފަޅި

ނަމުން ޑިމޮކްރަސީ - ކަމުން މުގާބޭ

މީގެ ކުރިން ރަށްޔިތުންނަށް ފެންނަމުންދިޔައީ ކުރީގެ ރައީސް ނަސީދު އެއްފަޅިއެވެ. އެއީ އެ ބޭފުޅާ މަގުމަތީ އުޅުއްވާ ގޮތެވެ. ހަމައެކަނި ޕޯޑިއަމްތަކަށް އަރާ ދައްކަމުންދާ ވާހަކައެވެ. 2018 ވަނަ އަހަރު އެމްޑީޕީ ވެރިކަމަށް ކުރިމަތިލީ ރައީސް ނަސީދު ސިޔާސީ މައިދާނުގައި ހުރިކަމަށް ބަލައިގެނެއްނޫނެވެ.

ޑީލަކުން ޖަލުން ނިކުމެ ވަޑައިގެން ބޭހަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެއްވިގެން ހުންނެވި ރައީސް ނަޝީދަށް އެނބުރި ރާއްޖެ ވަޑައިގެންނެވުމުގެ ސަބަބަކަށްވީ އެމްޑީޕީ އިސްވެ ހިންގާ ވެރިކަމެއް ރާއްޖެއަށް އައުމެވެ. ރައީސް ނަސީދު ކުރެއްވި ބޮޑުކުށަށް ވީގޮތެެއްވެ އެކަން ރައްޔިތުންގެ ހަނދާނުން ފުހެވުނެވެ. އަރުވާލެއްވިގެން ހުންނެވި ރައީސް ނަސީދުގެ އަސްލު ސިޔާސީ ސޫރައިގައި މަގުމައްޗައް ރައީސް ސޯލިހު ނެރެދެއްވިއެވެ. އެވަރުން ވެސް ނުފުދުނެވެ.

ބޭނުންފުޅުވެ ވަޑައިގެން ރައީސް ނަޝީދު ވިދާޅުވި ކޮންމެ މީހަކަށް ސިޔާސީ މަގަމު ދެއްވިއެވެ. ގިނަ ޕްރޮޖެކްތަކެއް ސީދާ އެ ބޭފުޅާ ބޭނުންވެ ވަޑައިގެން ގޮތަކަށް އޮޕަރޭޓް ކުރެއްވުމަށް ފުރުސަތު ދެއްވިއެވެ. ފުލޯޓިން ސިޓީ ހެދުން ފަދަ ބޮޑެތި އެތައް ޕްރޮޖެކްތަކެއް އެ ބޭފުޅާގެ އިހުތިޔާރަށް ދޫކޮށް ދެއްވިއެވެ. މަޖިލީހުގެ މެންބަރުކަމަށް ހޮވައިދީ، ދައުލަތު އެއްބާރު އެ ބޭފުޅާއާއި ހަވާލު ކުރެއްވިއެވެ. ދިވެހިރާއްޖޭގައި މުޅިން އަލަށް މަޖިލީހުގެ ރައީސަކަށް ހާއްސަ ގެކޮޅެއް ތައްޔާރުކޮށް ދެއްވިއެވެ. އަދި ރައީސަކަށް ނުލިބޭވަރުގެ ހައި ސެކިއުރިޓީ ދެއްވިއެވެ. އެމްޑީޕީ އިސްކޮށް އޮތް އިބުގެ ސަރުކާރުން ރައީސް ނަޝީދަށް ކޮށްނުދެނީ ކޮންކަމެއް ހެއްޔެވެ. ކުރުކޮށް ބުނާނަމަ ރައީސުލްޖުމްހޫރިއްޔާ ކަން ނުކުރަށްވާ ކަމެވެ. 

މަންޒަރު ބަދަލުވީ ވެރިކަމުގެ ބައިވެރިންނާ ދެކޮޅުވެރިވެ ވަޑައިގެން ކޯލިޝަން ޕާޓްނަރުން ބޭރުކޮށްލެއްވުމަށް ބޭނުންފުޅުވެ ވަޑައިގެން ހިސާބުންނެވެ. ސަރުކާރު ހިންގުމުގެ ބާރު ރައީސް ނަޝީދުގެ އަތްޕުޅު މައްޗަށް ފޮރޮޅާލެއްވުމަށް ފިޔަވަޅު ނެންގެވުމުން ރައީސް ސޯލިހުގެ އެއްބާރު ލެއްވުން ލިބި ވަޑައިނުގެން ހިސާބުންނެވެ. ބޮޑުވަޒީރުކަން ހޯއްދަވާ ދެއްވާ ރައީސް ސޯލިހު އެކަހެރިވެ ވަޑައިގަތުމަށް ދެންނެވުމުން އެކަމަށް އެއްބާރުލުން ނުދެއްވި ހިސާބުންނެވެ. ޕާޓީގެ ގުނަންތަކުން އެބޭފުޅާގެ މެޖޯރިތީ ގެއްލި އެ ބޭފުޅާއާއި އެ ބޭފުޅާގެ ޓީމް އިންތިހާބުތަކުން ބަލިވާން ފެށުމުންނެވެ.

ޑިމޮކްރަސީގެ ބައްޕައަށް ޕްރައިމަރީތައް ކަމަކު ނުދިއައެވެ. ވޯޓް ލެވުނު ގޮތާއި އިންތިހާބުތައް ބޭއްވުނު ގޮތްވެސް އެ ބޭފުޅާއަށް ކަމަކު ނުދިޔައެވެ. އެމްޑީޕީ އަކީ ގޯނި ގޯންޏަށާއި، ސިމެންތިގަށާ މެސިން ތަކަށްވެސް ޕްރައިމަރީގައި ވޯޓްލީ ފިސާރި މެންބަރުން ތަކެއް ތިބި ޕާރޓީއެކެވެ. އެމްޑީޕީ ޗެއަރޕާރސަން އިންތިހާބުގައިވެސް ބަލިވީ އެ ބޭފުޅާގެ ޓީމެވެ. އެހިސާބުން މުޅި މަސްރަހު ބަދަލުވިއެވެ.

"ތިމަންނަގެ ބާރު ނުހިނގާނަމަ ، ތިމަންނައަށް ވެރިކަމަށް ނާދެވޭނަމަ" އެމްޑީޕީގައި ވެރިކަން ބާއްވަން ވެސް ބޭނުންފުޅެއް ނުވިއެވެ. ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވުނު ތާރީހީ ޕްރައިމަރީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބު ކުރެއްވި ހިސާބުން މުޅި ސިޔާސީ މަސްރަހަށް ރައީސް ނަޝީދުގެ ހަގީގީ ސޫރަ ސާފުވިއެވެ. ރައީސް ނަސީދާ އެ ބޭފުޅާގެ ޓީމަށް ވެރިކަން ނޫން އެއްޗެއް ބޭނުމެއް ނޫނެވެ.

ކުރީގެ އެތައް ރައީސުންނަށް ތިރީސް އަހަރޭ ، މުގަބޭއޭ، ވިދާޅުވެ ޑިމޮކްރަސީގެ ނިވަލުގައި ހުންނެވި ރައީސް ނަޝީދަކީ ރައީސް ނަސިރާއި ރައީސް މައުމޫނާއި ރައީސް ޔާމީނަށްވުރެ ވެސް މުގާބޭކަން ބޮޑު ބޭފުޅެކެވެ. ރައީސް ނަޝީދާ އަޅާ ކިޔާލާނަމަ އެބޭފުޅުންގެ މުގާބޭކަމުގެ ބުރަދަން ރައީސް ނަޝީދާ އަޅާ ބަލައިފިނަމަ ހުވަނދަކަށްވެސް ނުވާނެއެވެ. އެހާވެސް މުގާބޭއެވެ. ވޯޓަކީ ދެނެވަޑައި ގަންނަވާ އެއްޗެއްވެސް ނޫނެވެ. ޕްރައިމަރީ އާއި އިންތިހާބުގައި ބަލިވުމަކީ ރައީސް ނަޝީދު ނޫން އެހެން އެންމެނަށް އޮންނަ ކަމެކެވެ. ރައީސް ނަޝީދު ނޫން މީހަކު ވެރިކަން ކުރުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ޕްރައިމަރީއަކާ ނުލާ ވެރިކަމަށް ކުފޫ ހަމަ އެހެން މީހަކު ރައީސް ނަޝީދު ނޫނީ ނެތެވެ.

ރައްޔިތުން ބާރުވެރި ކުރަން ނުކުތް މީހާއަށް މިވީ ކިހިނެތް ހެއްޔެވެ. މަންޑެލާ ހެދިގެން ޑިމޮކްރަސީގެ ބަޕައަވެގެން މިއުޅުނީ ވެރިކަމުގެ ދަހިވެތިކަމުގައިތާއެވެ. މުގާބޭވެސް ފަހުވަގުތު ފަހަތަށް ޖެހުނެވެ. އެކަމަކު އެންމެ ބޮޑު ޑިމޮކްރޭޓް މިވީ ވެރިކަމުގެ ބަގުޑި ނައްޓާލަން ބޭނުންނުވާ ޑިކްޓޭޓަރަކަށެވެ،