ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭންވީ މިހެންވެ!

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމުގެ ނަމުގައި ދައުލަތް ދަވާލަން ރޭވެނީ

ބަންޑާރަ ނައިބު އުޝާމަށް ރުހުން ނުދޭންވީ މިހެންވެ!

މިހިރަ ބަންޑާރަ ނައިބޫއެވެ. ތިބާޔާ އަވަލާފައި ތިޔަހުރީ ކޮންބާވަތަކު ޖިންނިއެއް ހެއްޔެވެ. ތިބާއަށް އަހުރެން އިތުބާރު ކުރަންވީ ކީއްވެހެއްޔެވެ. ތިބާއަކީ ފައިސާ ހުރިނެތް މިންވަރަށް ބަލައިގެން ގާނޫނީ ލަފާދޭން ހުރި މީހަކީ ހެއްޔެވެ. ޒާތީ ތައައްސުބާއި ބަދަލު ހިފުމުގައި ތިބާ ތިޔަހުރީ ހާދަހާވާ މަތީގައެވެ. 

ބަންޑާރަ ނައިބު އުޝާމޫއެވެ. ތިބާއަށް ގައުމެއްގެ ސަރަހައްދީ އިމެއް އިގްތިސާދީ ހާއްސަ ސަރަހައްދީ ކަނޑުގެ އިމެއް ވަކިނުވާކަން އަހުރެން ދެނަހުރީމެވެ. ރާއްޖެއަށް ހާއްސަ އިގްތިސާދީ އިމުގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާސީ އިން (ޓެރެޓަރީ) ނޫން ކަމެއް ތިބާއަށް ނޭނގޭކަން ތިބާގެ ގާނޫނީ ލަފާތަކުން އަހުރެން ސާބިތުކޮށްދޭނަމެވެ. 

ގާނޫނު އަސާސީ ބުނާ އާކިޕެލަޖިކް ބޭސް ލައިނުގެ ބޭރަށް 12 މޭލު އެތެރޭގައިވާ ކަނޑާ، ބިމާ، ބިމުގެ އަޑިއާ، ޖައްވު ނޫން އެއްވެސް ތަނަކީ ރާއްޖޭގެ ތަނެއް ނޫންކަން ތިބާއަކަށް ނޭނގެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތަކާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތާހިލާފަށް ހައްގުނޫން އެއްޗެއް ފޭރިގަންނަން ގާނޫނީ ލަފާދޭ ބައިގަނޑުގެ ތެރޭގައި ތިބާގެ އަޑު ގަދައެވެ. ދުނިޔޭގެ ހަމަތަކާ އުސޫލުތައް މުގުރާލާ ކަނޑުފޭރެން ގާނޫނީ ހުއްޖަތް ނެރޭ މީހަކީ ރާއްޖޭގެ ބަންޑާރަ ނައިބުކަމަށް ކުފޫ ހަމަ މީހެއް ނޫނެވެ. 

ބަންޑާރަ ނައިބޫއެވެ. ތިބާ ކަހަލަ ފޭރޭ ވިސްނުމުގެ މީހަކު ގާނޫނީ ލަފާދޭ ސަރުކާރެއްގައި ބިމާ ކަނޑުފޭރުމަކީ ރާއްޖޭގެ ޒާތްކަމަށް ވެދާނެއެވެ. އެއިރުން ދައްކާނީ އިޒްރޭލުން ފަލަސްތީނު ބިންތައް ފޭރެން ދައްކާ ފާޑުގެ ހުއްޖަތެވެ. ގައުމަށް ވަފާތެރިވުމަކީ ހައްގުނޫން އެއްޗެއް ހެދުނު އެއްޗެއް ހަދައިގެން ދަމައިގަންނަން އުޅުމެއް ނޫނެވެ. 

ބަންޑަރަ ނައިބު އުޝާމޫއެވެ. ދެކުނު ކަނޑުން ގެއްލުނުބައި ހޯދާށޭ ކިޔައިގެން ދެއްކުނު ވާހަކަ ހަލާލު ކުރަން ބިލިއަން ބިލިއަނުން ފައިސާ ހަރަދު ކުރަން ނޫޅޭށެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމުގެ ބަހާނާގައި ދައުލަތުން ފައިސާތަކެއް ދަވާލާ ބޭކާރުކޮށްލަން ނުވިސްނައްޗެވެ. އެހެން ކިޔައިގެން ރައްޔިތުނަށް އޮޅުވާލައިގެން ތިޔަ ތިބީ ވެރިކަމަށް އާދެވިފައެވެ. ގެއްލުނު ކަނޑު ހޯދުމުގެ ބަހަނާގައި ފަސް އަހަރުވަންދެން ދައުލަތުން ފައިސާތަކެއް ފައިކޭޓަށް އަޅާލެވޭނެ ކަމަށް ހީކޮށް އެ ގަނޑު ގަންނަން ނުހަދައްޗެވެ. 

އޭ މިހިރަ ބަންޑާރަ ނައިބޫއެވެ. ހުވައެއް ކޮށްގެން ހުއްޓަސް ތިޔައިއްޔަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުމެއް ލިބިގެން ހުރި މީހެއްވެސް ނޫނެވެ. ގާނޫނީ ނުލަފައެއް ދީގެން ހުއްޓުވޭނީ އަތްފޯރާ ހިސާބުގައި ހުންނަ ކަންކަމެވެ. ކޯޓުން ބޭރުން ބަދަލު ދިނުމުގެ އުސޫލު ބާތިލުކޮށް ކޯޓު އަމުރަކުން ދައުލަތުން ބަދަލު ދޭން ޖެއްސީމާ ދައުލަތަށް ލިބޭނެ ގެއްލުން މާ ބޮޑުވާނެއެވެ. ސިޔާސީ ޖަޒްބާތުގައި މޮޅުކަމެއް ކޮށްލެވުނީއޭ ހީވިޔަސް ރުހުން ނުލިބެނީސް ދައުލަތަށް ތިޔަ ދިނީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑުގެއްލުމެކެވެ. މަޖިލީހުން ރުހުން ދިނުމުގައި މިހުރިއްޔަކީ ނުބަލާ ދޫކޮށް ލެވޭނެ ކަންކަމެއް ނޫނެވެ.