ގާޒާއަށް އެހީވާން ހޯދި 1.24 މިލިޔަން ޑޮލަރު ދިރުވާލީތަ!
ސަރުކާރުން ދޭން ނިންމައިގެން ދޭކަށް އެއްޔަކީ ސަރުކާރު ފައިސާއެއްނޫން
އިޒްރޭލުން ފަލަސްތީނުގައި ހިންގާ ނަސްލު ނައްތާލުމުގެ އުދުވާނުގައި ހާލުގައި ޖެހިފާ ތިބި މީހުނަށް އެހީވުމަށް ރާއްޖޭގައި ތެލެތޯނެއް ހުސްވި ޖޫންމަހުގެ 12 ވަނަަ ދުވަހު ވަނީ ބާއްވާފައެވެ. ތެލެތޯން ބާއްވައިގެން 18.4 މިލިޔަން ދިވެހި ރުފިޔާއާއި 49800 އެމެރިކާ ޑޮލަރު ލިބިފައިވެއެވެ. އެކު ޖުމްލަ 1.24 މިލިޔަން ޑޮލަރ އެ ހަރަކާތުން ދިވެހި ރައްޔިތުން ވަނީ ސަރުކާރަށް ޖަމާކޮށް ދީފައެވެ.
އިޒްރޭލުގެ އަނިޔާގެ ވޭނާ ކެކުޅުމުގައި ގާޒާގެ ރައްޔިތުން ހަނާވެ ފަނާވެ ދަނީއެވެ. ކާބޯތަކެއްޗަށް ޖެހި ބަނޑަށް މަރުވަނީއެވެ. ފަލަސްތީނަށް އެހީވުމަށް ރާއްޖޭގައި ތެލެތޯން ހިންގިތާ މަހަކަށްވުރެ ގިނަވެގެން ދިޔައީއެވެ. ރާއްޖޭގެ ރައްޔިތުން ވެދިން އެހީގެ ފައިސާކޮޅު އަދިވެސް ހުރީ ރާއްޖޭގައެވެ. އެފައިސާ ހަވަލުކުރާނެ ކަމަށް ސަރުކާރުން ބުނި ޔޫއެންއާރްޑަބްލިއުއޭ އަށް ރައްދުކޮށެއް ނުދެއެވެ.
ކޮންމެ އަހަރަކުވެސް ފަލަސްތީނަށް ރަމްޒީ އެހީއެއްގެ ގޮތުގައި 5000 ޑޮލަރު ހަދިޔާކުރެއެވެ. ރާއްޖޭން ފަލަސްތީނަށް އެހީގެ ގޮތުގައި ދެމުންއައި 5000 ޑޮލަރުގެ ބަދަލުގައި 50000 ޑޮލަރަށް އެހީގެ އަދަދު މަތިކުރާނެ ކަމަށް ރައީސް ވަށަފަރު މުހައްމަދު ބުންޏެވެ. ރައީސް މުހައްންމަދު އެބުނާ އަހަރީ އެހީގެ ފައިސާއެއް ވެސް އަދި ނުދެއެވެ. ފަލަސްތީނަށް އެހީވުމާބެހޭ "އަންރުވާ ޕްލެޖިންގ ކޮންފަރެންސް"އަށް އިހައްދުވަހު ގޮސް ރާއްޖޭން ބުނީ 1.29 މިލިޔަން ޑޮލަރު އެހީގެ ގޮތުގައި ދޭން ނިންމާފައިވާކަމަށެވެ. ރައީސް ވަށަފަރު މުހައްމަދަށް ކަންކަން ކުރަން ނިންމެނިކޮށް ނިމުނީއެވެ. ނުކުރެވުނަސް ކުރަން ނިންމުމުން އެއޮތީ ކުރެވިފައެވެ.
އަޖައިބެކެވެ. އެހީގެ ގޮތުގައި ފަލަސްތީނަށް ރާއްޖޭން ދޭން ނިންމި ކަމަށް އެބުނާ 1.29 މިލިޔަން ޑޮލަރުގެ ތެރެއިން 1.24 މިލިޔަން ޑޮލަރަކީ ދިވެހި ރައްޔިތުން އެހީގެ ގޮތުގައި އެއްކޮށް ދީފައިވާ ފައިސާއެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު ތެލެތޯނަށް ހަދިޔާކުރި ފައިސާއެވެ. ސަރުކާރުން ދޭން ނިންމައިގެން ދޭކަށް އެއްޔަކީ ސަރުކާރުގެ ފައިސާއެއް ނޫނެވެ. ދައުލަތުގެ އާމްދަނީން ދޭއެއްޗެއް ވެސްނޫނެވެ. އާއްމު ރައްޔިތުން ހިތާރޫހުން ލޮލުން ބޮލުން އެދިގެން ހަދިޔާ ކުރި ފައިސާއެވެ. ދޭން ނިންމިކަމަށް ސަރުކާރުން އެބުނާ ފައިސާގެ ތެރެއިން އަނެއް 0.05 މިލިޔަނަކީ އަހަރީ އެހީގެ ގޮތުގައި ދެމުންއައި އެހީގެ މިންވަރު ބޮޑުކުރުމުން ކޮންމެ އަހަރަކު ދޭން އެބުނާ މި އަހަރަށް ރާއްޖޭން ދޭއެހީގެ 50000 ޑޮލަރެވެ.
ކޮންމެ ނަމެއްގައި ކޮންމެ ގޮތަކަށް ވެދޭ އެހީއެއް ނަމަވެސް ތެލެތޯނަށް މަސް ދުވަސް ވެގެން ދިޔައިރުވެސް އެކަމަށް ލިބުނު ފައިސާ ހަވާލުނުކޮށް މިތިބެނީ ކީއްވެފައިހެއްޔެވެ. ސަރުކާރުން ދޭންބުނާ 50000 ޑޮލަރު ދެވެން ސަރުކާރަށް ނެތަސް ރައްޔިތުން ތެލެތޯނަށް ޖަމާކުރި 1.24 މިލިޔަން ޑޮލަރ ހަވާލުނުކޮށް ތިބެ، ދޭން ހަމަޖައްސައިފިމޭ ކިޔާލަ ކިޔާލާ ތިބެންޖެހޭ ސަބަބެއްނެތެވެ. ތެލެތޯނުން ގާޒާއަށް އެހީވުމަށް ރައްޔިތުން ޖަމާކުރި 1.24 މިލިޔަން ޑޮލަރުވެސް ފެން ފޮދަކާ ނުލާ ރައީސް ވަށަފަރު މުހައްމަދު ދިރުވާލީތޯ ބައެއް ރައްޔިތުން އެބަ ސުވާލު އުފައްދައެވެ.