ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުއިއްޒާ ދެކޮޅަށް ތެދުވަންޖެހޭ!

ގޮތްދޫނުކުރުމުން މަރުވިކުދިންގެ ޒިންމާ މުއިއްޒު ނަގަންޖެހޭ!

ޖައްބާރުވެރިކަމުން ކަޅިވެފައިވާ މުއިއްޒާ ދެކޮޅަށް ތެދުވަންޖެހޭ!

ރައީސުލްޖުމްހޫރިއޔާގެ އެންމެ ފުރަތަމަ ޒިންމާއަކީ އޭނާގެ ރައްޔިތުންގެ ފުރާނަ ސަލާމަތް ކޮށްދިނުމެވެ. އެހެން ހުރިހާ ކަމެއް އަންނަނީ އޭގެ ފަހަތަށެވެ. ރައީސްގެ އިހުމާލުން ރައްޔިތެއްގެ ފުރާނަ ދިޔުމަށްވުރެ ބޮޑު އެހެން ކަމެއް ނުއޮންނާނެއެވެ. 

ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދީ ހުވާ ކޮށްގެން ރައީސް މުއިއްޒު ހުރީ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށެވެ. ރައްޔިތެއްގެ އެންމެ މަތިވެރި ހައްގަކީ ދިރިހުރުމުގެ ހައްގެވެ. އެކަމަށް ގަސްދުގައި އިހުމާލުވެއްޖެ ރައީސަކު އެހުރީ ކަލާނގެ ގަންދީ ކުރި ހުވަޔާ ހިލާފު ވެގެންނެވެ. 

ދިވެހި ސަރުކާރުގައި ދުވަހުން ދުވަހަށް ހިންގަންޖެހޭ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ހިންގެން ނެތުމުން ގާބިލުކަން ހުރި ބައެއްގެ އެހީތެރިކަން ހޯދައިގެން ވެސް އެކަން ކުރުމަކީ ރައީސްގެ ޒިންމާއެކެވެ. ރައްޔިތެއްގެ ފުރާނައަށް ނުރައްކާވާ ކޮންމެ ހާލަތެއްގައި ފުރާނަ ސަލާމަތްކޮށް ދިނުމަށް ދުރާލާ ތައްޔާރުވެ ހުރުމަކީ ރައީސަށް ލާޒިމު ކަމެކެވެ. 

2010 ވަނަ އަހަރުއްސުރެ ރާއްޖޭގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގަނީ އަވައްޓެރި އިންޑިއާގެ އެހީތެރި ކަމާއެކުގައެވެ. ކުއްލި ފަރުވާއަށް ގެންނަން ޖެހޭ ފަރުވާ ދެވޭވަރު ހޮސްޕިޓާތަކާ ހަމައަށް ބަލިމީހުން އުފުލާދެނީ އިންޑިއާ އަސްކަރިއްޔާއިން ރާއްޖޭގައި ގެނެސްގެން އޮޕަރޭޓް ކުރާ ޑޯނިއާ ބޯޓާއި ދެ ހެލިކޮޕްޓަރ ގައެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިގެން ގޮސްފައި އެބަހުއްޓެވެ. 

މުއިއްޒު ވެރިކަމަށް އައުމާއެކު ކަންކަން ވަމުން ދާގޮތް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިއްޒަތްތެރި މެންބަރު ހުސައިން ޝަހީމު (އަދުން ހުސައިން) ކުރިޔާލާ ރައްޔިތުންގެ މަޖިލީހުގައިވަނީ ވިދާޅުވެ ދެއްވާފައެވެ. އެއްޗެއް ވިސްނޭނީ ކަމެއް ދިމާވީމައެވެ. މިއަދު މިއޮތީ އެހާލަތު ރައްޔިތުން ތަހައްމަލު ކުރަން ޖެހިފައެވެ. މުއިއްޒާ ދެކޮޅަށް ތެދުވަން ޖެހިފައެވެ، 

ރައީސް މުއިއްޒު ވެރިކަމަށް އެރީ ފޯރާ ދިގުވެފައި ހުރެއެވެ. ވެރިކަމަށް އެރީ ދިވެހި ރައްޔިތުންނަށް ނުލާހިކު މަދަދުވެރި ދެހެލިކޮޕްޓަރާއި ޑޯނިއާ ބޯޓާއި އެތަކެތި އޮޕަރޭޓްކުރަން ތިބި އިންޑިއާ މީހުން އައުޓު ކުރުމަށެވެ. ޖައްބާރުވެރި ކަމުގެ ގައުމިއްޔަތު ކޮނޑު އަޅައިގެންނެވެ.

އިންޑިއާ އައުޓް ކުރަން ވެރިކަމަށް މުއިއްޒު އިސްވިތަނާ ފުރަތަމަ ދިމާވިކަމަކީ އައްޑު އަތޮޅުގައި މަސްހިފަން ދިޔަ ނޫކަށި ފުރައިގެ ޒުވާނަކު ކަނޑުވެ ގެއްލުމެވެ. އެ ޒުވާނާ ހޯދުމަށް އިންޑިއާގެ ޑޯނިޔާ ބޯޓާއި ހެލްކޮޕްޓަރތައް ބޭނުން ކުރާކަށް ރައީސް މުއިއްޒު ބޭނުމެއް ނުވިއެވެ. ގާބިލު މީހުންނާއި ފަންނީ އާލާތް ހުއްޓާ ރައީސް މުއިއްޒު އިހުތިޔާރު ކުރީ ނާގާބިލު ކަމެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫ މަރަދޫގެ ޒުވާނާ ގެއްލި ދިޔައީއެވެ.

ކިތަންމެ ރަގަޅަށް ކަންތައް ކުރިޔަސް ފުރާނައެއް ވަކިވެދާނެއެވެ. އެހެނަސް ރަނގަޅު ވަގުތުގައި ރަނގަޅު ފިޔަވަޅު އަލާކުރެވެން އޮތް ހުރިހާ ކަމެއް ކުރުމުން މީހެއްގެ ފުރާނަ ދިޔުމުގެ ފުރުސަތު ވަރަށް ކުޑަވާނެއެވެ.

ގިނަ ދުވަހެއް ނުވެ ދިމާވީ ޢޭގެ އަނެއް ހަދިސާއެވެ. ގއ. ވިލިގިލިން ކުޑަ ކުއްޖަކު ފިޓްޖެހި ގޮތް ހުސްވެގެން މާލެ ނުގެނެވި ދިގުލައިގެން ދިޔުމެވެ. އެކުޑަ ކުއްޖާފުޅަށް ފަރުވާއެއް ދެވޭވަރުވީ ފިޓް ޖެހުނުތާ 16 ގަޑިއިރު ފަހުންނެވެ. ގަޑިއެއް ދެގަޑިއެއް ހާއިރުގެ ތެރޭގައި އެ ކުއްޖާ މާލެ ގެނެވޭނެ ގޮތް އޮވެމެ އެކަން ނުވެގެން ދިޔައީ ރައީސް މުއިއްޒުގެ ގޮތް ދޫނުކުރުމުގެ ސަބަބުންނެވެ. އިންޑިއާގެ މަތިންދާ ޑޯނިއާ ބޯޓައި ހެލްކޮޕިޓަރތައް ހުއްޓައެވެ. ގަސްދުގައި ބޭނުން ނުކޮށްގެނެވެ.

ދިވެހި ދަރިއެއްގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުއިއްޒަށް މުހިންމުވީ ހަސަދައާއި ގޮތް ދޫނުކުރުމެވެ. ބޮޑާކަމާ މަވެތިކަމެވެ. ކާރިސާގެ ވަގުތުގައާއި މީހެއްގެ ފުރާނަ ސަލާތް ކުރުމުގެ ވަގުތުގައި ވަކިމީހެއްގެ ދަރިއެއް، ވަކި ގައުމެއްގެ މީހެއް، ވަކި ގައުމެއްގެ އެއްޗެއް ބެލުމަކީ އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ކުރާކަމެއް ނޫނެވެ. ފުރަތަމަ ކަމަކަށް އޮންނަނީ ފުރާނަ ސަލާމަތް ކުރުމެވެ. 

އެހެން ނަމަވެސް މުއިއްޒު އިސްކުރީ ބޮޑަކަމާ ގޮތް ދޫނުކުރުމެވެ. އެ ކުޑަކުއްޖާފުޅު މާލެ ގެނައުމަށް އިންޑިއާގެ ޑޯނިއާ ބޯޓާއި ހެލްކޮޕްޓަރު ބޭނުން ކުރަން މުއިއްޒު ހުއްދައެއް ނުދިނެވެ. އާހިރުގައި މުއިއްޒުގެ ބޮޑާކަމާއި ގޮތް ދޫނުކުރުމާ އިހުމާލުން އެ ކުޑަ ކުއްޖާގެ ފުރާނަ އުދުހިގެން ދިޔައީއެވެ. މި ދެމަރުގެ ޒިންމާ އުފުލަންޖެހެނީ ރައީސް މުއިއްޒުނޫން މީހެއް ނޫނެވެ. އިތުރު މިކަހަލަ އެހެން ހާދިސާއެއް ހިނގުމުގެ ކުރީން މުއިއްޒު ސައިޒްކުރަން ނިކުންނަން ޖެހެއެވެ.