ޔާމީނަށް މުއިއްޒު ދެއްވީ ފެންކައްކާ ބޮލީގެ އިއްޒަތް
ޔާމީނަށް ހިތްހެޔޮކަން ފާޅުކޮށް ނުލެއްވުނުތާ ވޯޓުދިން މީހުނަށް ޝުކުރުގެ ބަހެއްވެސް ރައްދުކޮށް ނުލެއްވުނު
ބޭއްވިހާ ބައްދަލު ވުމެއްގެ ކުރީ ސަފުގެ މެދުގައި ހުސްގޮނޑިއެއް ބެހެއްޓިއެވެ. ގެންގުޅުނުހާ ފޮޓޯއެއްގައި މާސިންގާ ވަކި ފޮޓޯއެއް ހުރެއެވެ. ދެއްކިހާ ވާހަކައެއްގައި ކީ މުޅިންވެސް ވަކި އެކެއްގެ ނަމެވެ. ޕްރަމޯޓްކުރީ ވަކި މީހެއްގެ ވެރި ކަމުގައި ކޮށްފައި ހުރި ކާމިޔާބު މަސައްކަތްތަކެވެ. ރައްޔިތުންގެ ހިތުގައި ހަމްދަރުދީ އުފެއްދީ ވަކި މީހަކަށް ލިބޭ ވޭނާ ކެކުޅުންތައް އިހުސާސްކޮށްދީގެނެވެ. މިދައްކަނީ ރައީސް މުއިއްޒު ވެރިކަން ހޯއްދެވި ގޮތުގެ ވާހަކައެވެ.
ރައީސް މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވިއްޖެއެވެ. ވެރިކަން ލިބި ވަޑައިގަތުމާއެކު ވެރިކަމަށް ވަޑައިގެން ގޮތް ހަނދުމަފުޅު ނެތިއްޖެއެވެ. ވެރިކަމުގެ ހުވާކުރެއްވި ޖަލްސާއިން އެކަން ކިތަންމެ ރަނގަޅަކަށްވެސް ހާމަވެގެން ހިނގައްޖެއެވެ. ކެންޕޭނު ޖަލްސާތަކުގެ ކުރީސަފުގެ މެދުގައި ހުސްކޮށް ހުންނަ ގޮނޑިއެއް ނެތެވެ.
ކެންޕޭނުގައި ބޭނުން ކުރެއްވި ބޮޑު ފޮޓޯފުޅުގެ ހިޔަނިވެސް ނެތެވެ. ކެންޕޭން ކޮންމެ ޖަލްސާއެއްގައި ދެބަހުން އެއް ބަހުގައި އެނަމެއް ވިދާޅުނުވެ ވާހަކަފުޅު ނުދެއްކެވުނު ނަން ގައުމިއްޔަތުން ފުރި ބަންޑުންވި އިފްތިތާހީ ތަގުރީރުގައި ދުލުކުރިއަށް ނުވެސް އަޔެވެ.
މިހާ އަވަހަށް ރައީސް ޔާމީނު މަތިން ރައީސް މުއިއްޒު ހަނދުމަފުޅު ނެތިއްޖެއެވެ. ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރ ފަތަފޮޅިދަށުލީ ފަތްގަޑަށް ވެސް ނުވިއެވެ. ހަރާން ހުކުމެއްގެ އަނިޔާގައި ހުންނެވި ކަމަށް ބުނާ ރައީސް ޔާމީނުގެ ޖަލު ބަންދަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުން ކުރެއްވި ސިޔާސީ ހަތިޔާރެއްކަން ކަށަވަރުވެ ނިމިއްޖެއެވެ.
އަސަރުން ފުރިފައިވާ މާވަރުގަދަ ތަގުރީރެއް ދެއްވުނު ކަމަށް ވެގެން އުޅުއްވިއެއް ކަމަކު ޝުކުރުވެރިވުމުގެ އަސަރުވެސް އެތަގުރީރުގައި ނެތެވެ. ޑރ. މުއިއްޒަށް ވެރިކަމަށް ވަޑައިގެންނެވުނު ގޮތެއް ހަނދުމަފުޅެއް ނެތެވެ. ރައީސް މުއިއްޒު ވެރިކަން ހޯއްދެވީ ރައީސް ޔާމީނުގެ ލެގަސީ ވިއްކަވައިގެންނެވެ. ރައީސް ޔާމީނުގެ ހިޔަންޏަށް ވެވަޑައިގެންނެވެ. ރައީސް ޔާމީނު މިނިވަން ކުރެއްވުމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެއްވައިގެންނެވެ. ރައީސް ޔާމީން ތަހައްމަލު ކުރައްވާ ދަތި އުނދަގޫ ތަކުގެ ހަމްދަރުދީއާއި ތާއީދު ޑރ. މުއިއްޒު ހޯއްދަވައިގެންނެވެ.
ހަމަތެދެކެވެ. ވެރިކަމުގެ ހުވާ ކުރައްވާނީ ރައީސް ޔާމީނުގެ ހާޒިރުގައި ރައީސް ޔާމީނުގެ އަތްޕުޅުގައި ހިއްޕަވައިގެން ހުންނަވާ ކަމަށް ވިދާޅުވި ބަސްފުޅު ރީތިކޮށް އަނގަފުޅަށް ވަދެ ނިމުނީއެވެ. ރައީސް ޔާމީނު ހުންނެވީ އަދިވެސް ބަންދުގައެވެ. ވެރިކަމަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރަސްމީ އިއްޒަތުގައި ރައީސް ޔާމީނެއް ނުގެންނެވުނެވެ. ނުގެންނެވުނުތާ ޝުކުރުގެ ބަހެއްވެސް ވިދާޅެއްނުވެވުނެވެ. ރައީސް ޔާމީނަށް ހިތްހެޔޮކަން ފާޅުކޮށް ނުލެއްވުނުތާ ވޯޓުދިން ރައްޔިތުންނަށް ޝުކުރުގެ ބަހެއްވެސް ރައްދުކޮށް ނުލެއްވުނެވެ.
ރައްޔިތުން ވޯޓުދީ ވެރިކަމަށް ޑރ. މުއިއްޒު ހޮވީ ރައީސް ޔާމީނު މިނިވަން ކުރައްވާނެ ކަމަށް ދެއްވި ޔަގީންކަމުގައެވެ. އެކަން ގަބޫލުކުރައްވާ ދެއްވެން އޮތް ހުރިހާ ލުޔެއް ރައީސް ސޯލިހުވަނީ ރައީސް ޔާމީނަށް ދެއްވާފައެވެ. ގެއަށް ބަދަލު ކޮށްދެއްވާ ރަށުބަންދަށް ވެސް ބަދަލުކޮށް ދެއްވީއެވެ. އިހުތިޔާރުގެ ތެރެއިން މިނިވަން ކުރައްވާ، ދޫކޮށްލެއްވޭ ވަރުގެ ހަނި ފުރުސަތެއް އޮތްނަމަވެސް ރައީސް ސޯލިހު އެކަން ކޮށްދެއްވީހެވެ.
ބަޔަކަށް މަންޒަރެއް ދައްކަވަން ރައީސް ޔާމީން ބަންދު މީހެއްގެ ގޮތުގައި ހުންނަވައިގެން އެކަރާމާތްތެރި ޖަލްސާއަށް ވަޑައިނުގަތީ ވަޑައިނުގަންނަވާން ވެގެންނެވެ. ފެންކައްކާ ބޮލީގެ އިއްޒަތް ހޯއްދަވާކަށް ރައީސް ޔާމީނު ބޭނުންފުޅެއް ނުވާނެއެވެ. ރައީސް ޔާމީނަކީ ބަތްކައްކާ ކުޅުއްވާ ބޭފުޅެއް ނޫނެވެ.