ގައުމީ ތަރައްގީގެ ޕްލޭނޭ ނުކިޔާ ރައްޔިތުންނާ ގައުމު ހަވާލުކުރޭ: އައްބާސް

ހުރިހާ ކަމެއް ރައީސް ޑރ. މުއިއްޒު އަށް ފެނިވަޑައިގަންނަވާހާ ގޮތަކަށް ކުރައްވަން ނިންމަވާ އިއުލާން ކުރައްވަމުން އެ ވިދާޅުވަނީ ކޮން ގައުމީ ތަރައްގީގެ ޕްލޭނެއްގެ ވާހަކައެއްތޯ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ސުވާލު އުފައްދަވައިފިއެވެ.
މެންބަރ އައްބާސް ވިދާޅުވަނީ "މަސްވަރާ ކުރެއްވުމެއް ނެތި ޕްލޭނެއް ނެތި ވަޑައިގެންނެވިހާ ރަށެއްގައި އަރާ ވަޑައިގެންނެވިހާ ޕޯޑިއަމެއްގައި ވަޢުދުތައް ވަމުން ގެންދެވީ ކޮން ޕްލޭނެެްގެ ދަށުންތޯ"އެވެ. ޖެހިޖެހިގެން އޮތް ތިންރަށުގައި އެއާރޕޯޓު އަޅަން ނިންމެވީ ކޮން ޕްލޭނެއްގެ ދަށުންތޯ ވެސް މެންބަރު މުހައްމަދު އައްބާސް ސުވާލުކުރައްވައެވެ.
ރައީސް މުއިއްޒު ކުއްލިކުއްލިޔަށް އިއުލާނު ކުރައްވާ ބޮޑެތި ބިޑެތި މަޝްރޫއުތައް އިއުލާނު ކުރައްވަނީ ކޮން ސާރވޭއެއް ކޮށްގެންތޯ އާއި ކޮންކަހަލަ ފީޒިބިލިޓީއެއް ހައްދަވައިގެންތޯ މެންބަރ އައްބާސް ވިދާޅުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރ މުހައްމަދު އައްބާސް ރައީސް މުއިއްޒަށް ޓެގް ކުރައްވާ ކުރެއްވި އެކްސް ޕޯސްޓެއްގައި ކުރެއްވި އަނެއް ސުވާލަކީ "އިތުރު 30 ވަރަކަށް އެއާރޕޯޓު އަޅަން މަނިކުފާނު ނިންމެވީ ރާއްޖޭގައި އޮތީ ކިތަށް ފުލައިޓުތޯ"އެވެ. ރާއްޖޭގެ ޑޮމެސްޓިކު އެއްވެސް އެއާޕޯރޓަކުން ފައިދާވޭތޯ ވެސް މުހައްމަދު އައްބާސް ސުވާލުކުރެއްވިއެވެ.
ކުރިން ހަދާފައިހުރި އެއާރޕޯރޓުތައް މަރާމާތު ކޮށް ބެލެހެއްޓޭތޯ އައްސަވަމުން ވިދާޅުވީ " މަނިކުފާނު ނޫނީ ދެން މިތިބީ ތަނެއްދޮރެއް ނުދަންނަ ، ލޯކަނު ، ގަމާރުންކަމަށް ދެކެނީތޯ"އެވެ.
ގައުމީ ތަރައްގީގެ ޕްލޭން އޭ ކިޔައިގެން އިތުރު ބޭކާރު ހަރަދުތައް ނުކުރައްވާ ރައީސް މުއިއްޒުގެ ދޯހަޅި، މަކަރުވެރި، ދޮގުބުނުމުގެ ސިޔާސަތު ދޫކޮށްލައްވާފައި ރައްޔިތުންނާ މިގައުމު ހަވާލު ކުރެއްވުން އެދޭ ކަމަށް މެންބަރ އައްބާސް ވިދާޅުވިއެވެ.