މަޖިލިސް ބޭނުންކުރަނީ ވައްކަމަށް މަގުހެދުމަށާއި ވައްކަން ފޮރުވަން
އަކުރުން ފިއްޔަށް ނުފުއްދަން ވީވައުދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ޕީއެންސީ ޖަގަހައިގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅެއްގެ ހަނދުމަ އައުކޮށް ލައްވާށެވެ. ރައީސް މުއިއްޒުގެ ވެރިކަމަށް ފަސްމަސް ވީތަނާހެން ދެއްކެވި އުންމީދާއި ޔަގީން ކަމުން ފުރިފައިވާ ވާހަކަފުޅާއި އެ ވާހަކަފުޅާ އެއްގޮތަށް ކަންކަން ވެގެން ދޭތޯ އަޅާ ކިޔާލުމަކީ ރަނގަޅު ކަމަކަށް ވެދާނެއެވެ.
ޕީއެންސީގެ މެންބަރުންގެ ކުރިމަތީގައި ރައީސް ވިދާޅުވި ބަސްފުޅު ރަނގަޅަށް އަކުރުން އަކުރައް ވިދާޅުވެ ލައްވާށެވެ. ރައީސް މުއިއްޒު ވިދާޅުވިއެވެ. " އަޅުގަނޑު ރައްޔިތުންނަށް ވީވައުދުތައް އަކުރުން ފިއްޔަށް ރަނުން ރަނަށް ފުއްދަން ވައުދުވީ. މި ފަސް މަހުގެ ތެރޭގަ ފެނިފަ ވާނެ އިރާދަ ކުރެއްވީތީ އެކަން އަމަލީގޮތުން. ކޮންމެ ދާއިރާއަކުން ވެސް ފެނިފަވާނެ. މިހުރިހާ ދަތިކަމުގެ ތެރޭގަވެސް. ހުރިހާ ދަތިކަމުގެ ތެރޭގަވެސް. ދެން ކިހިނެއްތޯ ވާނީ. އަޅުގަނޑުމެންގެ 93 ކެނޑިޑޭޓުން ހޮވާ ދިނީމަ. ކިހާ ބާރު މިނުގަ ކަންކަން ދާނެތޯ ކަންކަން ކުރިއަށް. ވިސްނާލައްވާ"ށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވައުދުވެ ވަޑައިގަންނަވަނީ އަކުރުން ފިއްޔަށް ރަނުން ރަނަށް ފުއްދަވާށެވެ. ވެރިކަމުގެ ފުރަތަމަ 5 މަހުގެ ތެރޭގައި އަކުރުން ފިއްޔަށް ރަނުން ރަނަށް އަމަލީގޮތުން ވައުދު ފުއްދަވާތަން ފެނިފައިވާނެ ކަމަށް ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވި އިރު ފުއްދެވުނު އެންމެ ވައުދެއްގެ ވާހަކަވެސް ވިދާޅެއް ނުވިއެވެ. ފުރަތަމަ ފަސްމަހުގެ ތެރޭގައި ފުއްދެވި ވައުދެއް ދެނަހުރި މީހަކު ނެތެވެ.
ރައީސް އެދިވަޑައިގަތް ގޮތަށް ރައީސް މުއިއްޒުގެ 93 ކެނޑިޑޭޓުން ހޮވާ ނުދެވުނަސް 80 ކެނޑިޑޭޓުން ރައީސަށް ވަނީ ހޮވާދެއްވާފައެވެ. މަޖިލިސް މެދުވެރިން ކޮށްގެން ކުރައްވަން ބޭނުންފުޅު އެއްވެސް ކަމެއް ކުރެއްވުމަކަށް ރައީސަށް މަޖިލީހުގެ ބިޔަ ބޮޑު މެޖޯރިޓީ ވަނީ ރައްޔިތުން ދީފައެވެ. ގާނޫނު އަސާސީ ބަދަލުކުރައްވަން ވިޔަސް، ރާއްޖޭގެ ރަސްމީ ދީން ބަދަލު ކުރައްވަންވިޔަސް ވެރިކަމުގެ ނިޒާމް ބަދަލުކުރައްވަން ވިޔަސް ގައުމު ވިއްކާލައްވަން ވިޔަސް ރައީސަށް އެއްވެސް ހުރަހެއް ނެތްވަރުގެ ބޮޑު މެޖޯރިޓީއެއް ރައްޔިތުން ވަނީ ދީފައެވެ.
ލިބިވަޑައިގެން ބޮޑު މެޖޯރީޓީއާއިއެކުވެސް ރައީސް މުއިއްޒު ވިދާޅުވިގޮތަށް ރައްޔިތަކަށް ހެވެއްލާބައެއް ލުޔެއް ލިބޭގޮތަކަށް އެއްކަމެއް ނުހިނގިއެވެ. އަކުރުން ފިއްޔަށް ރަނުން ރަނަށް ވެވަޑައިގެން ވައުދުތައް ނުފުދި ދަނީ ރައްޔިތުންގެ ބޯމަތިންނެވެ. މަޖިލިސް ލިބުމުން މައްޗަށް ނާރާނެކަމަށް ވިދާޅުވަމުން ދިޔަ ޑޮލަރު އަރާ އޮތީ އާސުމާނުގައެވެ. ދިންތާކުން ދީފައޮތް ގޮތަކަށް ދޫކުރައްވަން ވިދާޅުވި ގޯތިތައް އޮތީ އޮތްތާކު އޮތްގޮތަކަށެވެ. ފަށައިގެން ހިނގަމުން އައި އެއްވެސް ޕްރޮޖެކްޓެއް ނުހިނގާތާ އަމިއްލަފުޅަށް ފެއްޓެވި މަދުކަމެއްވެސް ކުރެއްވުނީއެއް ނޫނެވެ. ލޮލުން ބޮލުން އެދިވަޑައިގެން ފެއްޓެވި ރަސްމާލެ ހިއްކާ ނުލެއްވިގެން އުލުއްވާ ރައީސަކަށް ކުރެއްވޭނީ ކޮންކަމެއް ހެއްޔެވެ.
ރައީސް ވެވަޑައިގަންނަވާ ވައުދުތައް ވެގެންދަނީ ތިނަދޫ އެއަރޕޯޓާއި ހުޅުމާލޭ ހަލިމަގު ސޯލަރ ހަރުތައް ނެގުމަށެވެ. ރަސްމާލެ އަންޑަރ ވޯޓަރ ޓަނަލާއި ފުނަދޫ ޝޮޕިންގ ކޮމްޕްލެކްސްއާއި ގުޅުވާލާ މޮނޯ ރޭލް ވިއުގައާއި އައްޑޫ ހުޅުމީދޫ ބްރިޖު އެޅުއްވީ ހުވަފެނުގައެވެ. ބަނޑޮސް ކައިރީގައި އަޅުއްވާ ސޯލަރސިޓީ އާއި ހުޅުމާލެ ސްޕައިން ބިޒްނަސް އަވަށާއި ފޭސް 3ގައި އަޅުއްވާ އިންޓަރނޭޝަނަލް ފައިނޭންޝަލް ހަބު ބޮކިޖަހާފައި ދިޔައީ އަޑިއަށެވެ. އަހަރަކު 400 މިލިޔަން ޑޮލަރު ވައްދަން ބައިސާ ކެނޑި ވިޓޯލް ބަންކަރިން ސްކޭމުން ދަރާވިކެނީ އެސްޓީއޯއެވެ.
މަޖިލީހުގެ ބިޔަ މެޖޯރިޓީ ހޯދައިގެން ރައީސް މުއިއްޒު ކުރައްވާހާވެސް ކަމަކީ ބައަޅައިގެން ދައުލަތް ލޫޓުވުމެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ދުވަހެއް ދުވަހަކަށް ގައުމުގެ ހާލަތު ފަތުއަޑުކިޔާފައި ވެއްޓެނީ ދަށަށެވެ. ރައްޔިތުން ޖެހެނީ ހާލުގައެވެ. މަޖިލީހުން ލިބި ވަޑައިގެން ބިޔަ ބޮޑު މެޖޯރިޓީ ބޭނުން ކުރައްވަނީ ވައްކަމަށް މަގުހެދުމަށާއި ވައްކަން ފޮރުވުމަށެވެ.