ރިޔާސަތުން ނަޝީދު ބޭލުމެއް ނުހުއްޓުވޭނެ: މޮސްޓާ

ގަޕޯ ހުންނެވީ ގަދަކޮށް އެމްޑީޕީގައި

ރިޔާސަތުން ނަޝީދު ބޭލުމެއް ނުހުއްޓުވޭނެ: މޮސްޓާ

މަޖިލީހުގައި އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލިގެން ދިޔުމަކީ ޑިމޮކްރެޓުން ނިކަން ބޭނުންވާ ކަމެކެވެ. އަންނި ނޫން ގޮތެއް އެމްޑީޕީއަށް ނުއޮންނާނެ ކަމަށް ޑިމޮކްރެޓުންނަށް ހީވަނީއެވެ. އަންނި ނެތި އެމްޑީޕީއަކީ ނެތް ޕާޓީއެއް ކަމަށް ދައްކަން ގައިވީދޭ އަންނިގެ ގުނބޯކޮޅު ގޮތްގޮތަށް އަބަދުވެސް ދޮގު ވާހަކަ ފަތުރައެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރު ޕީއެންސީއަށް ސޮއި ކުރެއްވި ކަމަށް ދެކެވޭ ވާހަކައަކީ ވެސް އެޒާތުގެ ވާހަކައެކެވެ. އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ސިއްޕެއަކީ އެމްޑީޕީ ފުޑުފުޑު ވެގެން ދާތަން ދެކެން އެންމެ ބޭނުންވާ އެކެވެ. މަޖިލިހުގެ ރައީސް ކަމުން އަންނި ވަކިކުރަން ދެވަނަ ފަހަރަށް ހުށަހެޅުމަކީ ސިއްޕެމެނަށް ހަޖަމް ކުރެވޭ ކަމަކަށް ނުވާނެއެވެ. އެހެން ކަމުން އެމްޑީޕީއާ ގުޅުވައިގެން ފެތުރެން އޮތިއްޔާ އޮތް ދޮގު ވާހަކައެއް އެވެރިން ފަތުރާނެއެވެ. 

ވެރިކަމުގައި އެމްޑީޕީ އޮންނަތަން ދެކެން ބޭނުން ނުވާހެން މަޖިލީހުގައި އެމްޑީޕީއަށް މެޖޯރިޓީ ނެތް ތަން ދެކެން ޑިމޮކްރެޓްސްގެ ވެރިން ނިކަން ބޭނުމެވެ. މަޖިލީހުގެ މެންބަރަކު އެމްޑީޕީން ވަކިވާތަން ދުށުމަށްވުރެ ހިތް އެދޭ އެހެން އެއްވެސް ކަމެއް މިހާރަކު އެމީހުންގެ ނެތެވެ. ހަނިމާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަބްދުލް ގަފޫރު މޫސާ (ގަޕޯ) ޕީއެންސީއަށް ސޮއި ކުރައްވައިފިކަމަށް ބުނެ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ސިއްޕެ) ދޮގު ވާހަކައެއް ފަތުރާލީ އެހެން ވެގެންނެވެ. 

ސިއްޕެ ފެތުރި ބޮޑު ދޮގަށް އެންމެ ވަރުގަދަ ރައްދެއް ދެއްވީ ނޮޅިވަރަމް ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ނަޝީދު އަބްދުއްލާ (މޮސްޓާ) އެވެ. މޮސްޓައަކީ އެމްޑީޕީގެ މެންބަރެއް ނޫނެވެ. އެމްޑީޕީއަށް ތާއީދުކުރައްވާ މެންބަރެއް ވެސް ނޫނެވެ. ގިނަ ކަންކަމުގައި ދެކިވަޑައިގަންނަވާ ގޮތަކަށް ހައްގު ބަސް ވިދާޅުވާން ކެރި ވަޑައިގަންނަވާ ދެފުށް ދެގޮތްކަމެއް ނެތް ބޭފުޅެކެވެ. 

މޮސްޓާ ވިދާޅުވާ ގޮތުން މެންބަރު ގަފޫރު (ގަޕޯ)އަކީ ކެފޭއެއްގެ މޭޒު ދޮށުގައި އެކަހެރިވެ ވަޑައިގެން އިންނަވާ އެހެން ޕާޓީއަކަށް ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ ވަރަށްވުރެ ގަދަ ބޭފުޅެކެވެ. މޮސްޓާ ވިދާޅުވާ ގޮތުން މެންބަރ ގަފޫރު (ގަޕޯ)އަކީ ސަރުކާރު މެދުވެރިކޮށް ދާއިރާއަށް ބިލިޔަން ރުފިޔާގެ ޕްރޮޖެކް ގެނެސް ދެއްވި މެންބަރެކެވެ. ގަޕޯއަކީ މިވަގުތު މަޖިލީހުގައި އިންނެވި އެންމެ ތަޖުރިބާކާރު ވަރުގަދަ މެންބަރެވެ. އެވަރުގެ މެންބަރަކު ޕީއެންސީގެ ލީޑަރޝީޕްގެ އެއްވެސް މީހަކު ނެތި ކެފޭއެއްގެ މޭޒެއްގެ ދޮށުގައި އެކަހެރިކޮށް އިންނާވާ ޕީއެންސީއަށް ސޮއި ކުރެއްވި ކަމަށް ބުނާ ބުނުމަކީ ބޮޑު ޖޯކެއް ކަމަށް މޮސްޓާ ސިފަކުރެއްވިއެވެ. 

ހަނިމާދޫ ދާއިރާގެ މެންބަރޭ ކިޔައިގެން ދޮގުވާހަކަ ދައްކައިގެން އަންނި މަޖިލީހުގެ ރިޔަސަތުން ބޭލުމުގެ މަސައްކަތް ހުއްޓުވޭނެ ކަމަށް ސިއްޕެ ހީނުކުރުމަށް މޮސްޓާ ވިދާޅުވެއެވެ. މި މޭރުމުން މޮސްޓާ ރައްދު ދެއްވާފައި ވާއިރު ގަދަކޮށް އެމްޑީޕީގައި ހުންނެވި ކަމަށާއި އެމްޑީޕީ ނޫން ޕާޓީއަކަށް ދުވަހަކުވެސް ސޮއި ކުރައްވާފައި ނުވާނެކަމަށް މެންބަރ ގަފޫރު (ގަޕޯ) ވަނީ ވިދާޅުވެފައެވެ.