ކައުންސިލްތަކުގެ ބާރުކަޑުވާލާ ކައުންސިލަރުންގެ ގާނޫނީ ހައްގަށް މުއްތޮލިބު އަރައިގެންފި!

ކައުންސިލްތަކުގެ ބާރުކަޑުވާލާ ކައުންސިލަރުންގެ ގާނޫނީ ހައްގަށް މުއްތޮލިބު އަރައިގެންފި!

ހާދަހެއްވައެވެ. ޒަމާނުއްސުރެ މީހަކާބެހޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަނީ އެމީހެއްގެ ރަށްވެހިކަން ރަޖިސްޓްރީ ކޮށްފައި އޮންނަ އޮފީހަކުންނެވެ. ޝަރުއީ ކޯޓުތަކުން މީހަކާބެހޭ މައުލޫމާތެއް އޮޅުން ފިލުވިޔަސް ފިލުވަނީ އެ މީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގެ ރަށު އޮފީސް ނުވަތަ ކައުންސިލުންނެވެ.

މީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގެ ރަށު ކައުންސިލުންދޭ މައުލޫމާތަށްވުރެ ސައްހަ މައުލޫމާތެއް ދެވޭނެ އެހެން އިދާރާއެއް މީހަކާ ބެހޭގޮތުން ނުހުންނާނެއެވެ. އެކި އެކި ހާލަތްތަކާއި ގުޅިގެން ކައުންސިލްތަކުން އެރަށެއްގެ ރަށްވެހިންނާބެހޭ މައުލޫމާތު ހުންނަނީ އަބަދުމެ އަދާހަމަ ކޮށްކޮށެވެ. ރަށަކަށް ނިސްބަަތްވާ މީހަކު އާއްމުކޮށް އުޅޭތަނެއް އެންމެ ރަނގަޅަށް އެނގޭނީ އެ މީހަކު ރަޖިސްޓްރީވެފައިވާ ރަށެއްގެ ކައުންސިލަށެވެ. 

ގެދޮރުވެރިޔާ ސްކީމުގައި މީހަކު މެދުނުކެޑި މާލޭގައި އުޅުނުކަން ކަށަވަރުކޮށް ދިނުމަށް ރަށު ކައުންސިލަށްވުރެ އިތުބާރު ހުރި އެހެން މުއައްސަސާއެއް ނުއޮންނާނެއެވެ. ރަށު ކައުންސިލުންދޭ ކޮންމެ ރަސްމީ ލީޔުމަކީ އޭގައި ގާނޫނީ ބުރަދަން ހުރި ޑޮކިއުމެންޓެކެވެ. ވަޒީރަކު ހިތައްއެރީމާ ކައުންސިލުތަކުގެ ބާރު ކަނޑުވާލާ ގާނޫނީ ގޮތުން ކައުންސިލުންދޭ ލިޔުމަކީ ގާނޫނީ ހައިސިއްޔަތުނެތް އެއްޗަކަށް ނުހެދޭނެއެވެ.

ވަޒީރަކާ ހިލާފަށް ކައުންސިލަރުންނަކީ ރައްޔިތުން އިންތިހާބުކޮށް ގާނޫނީ ހުވާއެއްކޮށްގެން ޒިންމާދާރު މަސައްކަތެއްކުރާ ބައެކެވެ. އެއްވެސް ކައުންސިލަކުން ދީފައިވާ ލިޔުމަކީ ހަގީގަތާއި ހިލާފަށް އޮޅުވާލައިގެން ދީފައިވާ ލިޔުމެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތު ކުރުމަކާނުލާ ކައުންސިލުތަކުންދޭ އެއްވެސް ލިޔުމަކީ ގައިރު ގާނޫނީ ލިޔުމަކަށް ނުހެދޭނެއެވެ. 

މާލޭގައި ދިރިއުޅޭކަން އަންގާ ދިނުމަށް ރަށު ކައުންސިލުން ހުށަހަޅާ ލިޔުން ބަލައިގަންނަ ގޮތަށް ކުރީ ސަރުކާރުން ހަމަޖެއްސީ ވަކި ކުންފުންޏެއްގައި ވަޒިފާއެއް އަދާނުކޮށް އަމިއްލަ މަސައްކަތް ކޮށްގެން އެތައް ޒަމާނެއްވަންދެން މާލޭގައި ދިރިއުޅެމުން އައި އެތައް ބަޔަކަށް ހިޔާވަހިކަން ހޯދުމުގެ ފުރުސަތު ގެއްލޭތީއެވެ. އެބަދަލަކީ ރައްޔިތުންގެ ހައްގުގައި ގެނައި ހެޔޮބަދަލެކެވެ.

ގެދޮރުވެރިޔާ ސްކީމުން ހައްގުވާ އިތުރު ބަޔެއްގެ ހައްގު ގެއްލޭތީ ޝަރުތު ހަމަކުރަން  އިތުރު ކުރި ޝަރުތުތަކަށް ނުބަލާ މުއްތޮލިބު ބޭނުންހާ ގޮތަކަށް ކަންކަން ކުރެވިގެން ނުވާނެއެވެ. ރަށު ކައުންސިލްތަކުން ދޫކުރި ލިޔުންތައް ބަލައިނުގަނެ ގެދޮރުވެރިކަން ހައްގު އެތައް ބަޔަކު އެކަމުން މަހުރޫމުކޮށް ރަށު ކައުންސިލްތަކުގެ ބާރު ކަނޑުވާލަން މުއްތޮލިބަކީ ކާކުހެއްޔެވެ. ހަމަހިލާ އެހެނަކުން ނުހެދޭނެއެވެ.