ދެންއޮތީ މުއިއްޒުގެ ވެރިކަން ނިންމުން: ފައްޔާޒު

ދެންއޮތީ މުއިއްޒުގެ ވެރިކަން ނިންމުން: ފައްޔާޒު

ޑރ. މުއިއްޒުގެ ވިސްނުން ހުރީ ކުރިއަށް އޮތްތާ އިންތިހާބެއް ވެސް ބޭއްވިޔަ ނުދިނުމުގައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އޮނަރަބަލް އަލްއުސްތާޒު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއަރ ޕާސަން ވިދާޅުވިގޮތުގައި އިންތިހާބެއް ބޭއްވިޔަ ނުދިނުމަށްޓަކާ 2013 ގައި ސްޕްރީމްކޯޓުން ގައިޑްލައިން ތަކެއް ނެރުވައިގެން އިންތިހާބު އޮޅާލިއެވެ. ޑރ. މުއިއްޒު މިއަދު އެހުންނެވީ އެދިމާލަށް ގެންދިޔުމުގެ ވިސްނުމުގައި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ދެންއޮތީ އިހުތިޖާޖުކޮށްގެން މުއިއްޒުގެ ވެރިކަން ނިންމަން ކުރަންޖެހޭ މަސައްކަތް ކުރުމެވެ. އެކަމުގައި އެމްޑީޕީގެ މެންބަރުން އެންމެފަހު މީހާއާ ޖެހެންދެންވެސް ތިބޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އިހުތިޖާޖް ތަކަށް އެމްޑީޕީއަށް މީހުން ނުނެރެވޭކަމަށް ބުނެ މުއިއްޒުގެ ސަޕޯޓަރުން ދޭރައްދަށްވެސް ޗެއަރޕާސަން ފައްޔާޒު ރޭ ހަރުގެ ޖަލްސާގައި ޖަވާބު ދެއްވިއެވެ. " އަޅުގަނޑުމެނާ ދިމާލަށް އެބަ ބުނޭ. އަޅުގަނޑުމެން އިހުތިޖާޖު ކުރަމުން ދާއިރު މީހަކު ނެތޭ. އެމްޑީޕީއަކަށް މީހަކު ނުނެރެވުނޭ." ފައްޔާޒު ވިދާޅުވިއެވެ. " ތެދުވާހަކައެއް. ރައްޔިތުން ތިބީ ބިރުން. ރައްޔިތުން ތިބި ބިކަހާލު މަސްދަޅުކިޔުން އެފެންނަނީ" ޗެއަރޕާސަން ފައްޔާޒް ވިދާޅުވިއެވެ. އެންމެން ތިބީ ވަޒީފާގެ ބިރުގައި ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

މީގެ ކުރީންވެސް ބިރުވެރިކަމުގައި ރައްޔިތުން ތިއްބާ ބިރުވެރިކަމުން ރައްޔިތުން ނެރެދިނީ އެމްޑީޕީން ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވިއެވެ. މުއިއްޒުގެ ބިރުވެރިކަމުން ރައްޔިތުން ސަލާމަތްކޮށް ދޭނީ އެމްޑީޕީން ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

" މުއިއްޒަށް ވޯޓް ލެއްވި ބޭފުޅުންވެސް މުއިއްޒުވެރިކަމަށް ގެންނަން މިފާޓީ (އެމްޑީޕީ) ފުނޑުފުނޑު ކޮށްލާނަމޭ ހިތާ ނިކުންނެވި ބޭފުޅުންނަށް ވެސް މިގޮވާލަނީ އަޅުގަނޑުމެންގެ މިމަސައްކަތުގަ ބައިވެރިވާށޭ. އިހުލާސްތެރިކަމާ އެއްކޮށް މިކަމުގަ ބައިވެރިވާށޭ" ވިދާޅުވެ ފައްޔާޒު ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތުދެއްވިއެވެ.