ޕާޓީއަށް ވަފާތެރި ގިނަ ބަޔަކަށް ވަޒީފާ ލިބުނަނުދީ އަންނި
ވަޒީފާތައް ދިނުމަށް ހުށަހެޅުމުގައި އަންނި ގެންގުޅުނު ސިޔާސަތަކީ ސަރުކާރު ދެކެ މީހުން ރުޅިއެރުވުން
ތިމާމެން މިތިބީ ދައުލަތުގެ މުސާރަ ނަގައިގެން އެތައް އަހަރެއް ވަންދެން ޖަމާކޮށްލަ ކޮށްލައެވެ. އުޅެނީ އަމިއްލަ ޕާޓީ ހަދައިގެން އެނޫން އެއްޗެއް ދުނިޔެ މަތީގައި ނެތް ކަމަށް ހަދައިގެންނެވެ. އަބަދާ އަބަދު އުޅެނީ އަމިއްލަ ޕާޓީއާއި އަމިއްލަ ލީޑަރުގެ ފަހަތުގައެވެ. ދެންތިބި ޕާޓީތަކާ ދިވެހިންނަކީ ނެތް އެއްޗެކެވެ، ތިމާއާއި ތިމާގެ ލީޑަރ ނުރުހޭ އެންމެންނަކީ ޑިމޮކްރަސީގެ ނަރަކަވަންތަ ވެރިންނެވެ. ހައްގުތަކަށް ކާފިރުވީ މީހުންނެވެ. ބޯކަނޑަން ޖެހިފައި ތިބި ޑިމޮކްރަސީގެ ތޯގޫތުންނެވެ. އެއިރެއްގައި ތިމާ އުޅޭ ކޮންމެ ގޮތަކީ ހުއްދަ، ހަލާލް ގޮތެވެ. ރުހޭ މީހާއަށް ވަޒީފާދީ އެދޭ މީހާއަށް ފަޅުރަށް ލިބުނީމާ އެއީ ލިބޭ ގަނީމާ މުދަލެވެ. އެކަމަކު ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރަށް ވަނީ އެއްބައެކެވެ.
ހައްދަކީ ވަކި ކޮޅަކަށް ފަހަނަ އަޅާ އެއްޗެއް ނޫނެވެ. ތިމާމެން ބަލަން ބޭނުން މަންޒަރަކާ އަހަން ބޭނުން އަޑެއް އެކަނި އަހަންޏާ އެތިބީ ހައްދު ފަހަނަ އެޅި ހަރުކަށި ފިކުރުގައެވެ.
ރައީސް އޮފީހުގެ މިނިސްޓަރ ސިއްޕެއަށް ގައިމު ނުފޫޒަކާ ނާޖާއިޒު ބާރެއް ހިންގެން އޮންނާނެތާއެވެ. މިނިސްޓަރުންނާއި ނައިބުންނާއި ކުންފުނި ތަކުގެ ޗެއަރމަނުންނާއި އެމްޑީންނާއި އެތައް ސިޔާސީ މަގާމުގައި ތިބި މީހުން ހޭބޯ ނާރާ އަންނި ފަހަތުން ދުވާއިރު އެތަނެއް ނުފެނެއެވެ. އެއަޑެއް ނީވެއެވެ.
ސިއްޕެއަށް ރައީސް އޮފީހުގެ ވަޒީރުކަން ދޭން ބާރު އެޅީ އަންނިއެވެ. އަންނި ބުނީ ޕެޕަރސްޕްރޭ ޖެހުނު މީހުންނަށް ވަޒީފާ ދޭން ނުޖެހޭ ކަމަށެވެ. ޕާޓީއަށް އިހުލާސްތެރި އެތަކެއް މެންބަރުންނަށް ވަޒީފާ ލިބުނަ ނުދީ އެކަމަށް ހުރަސްއެޅީ ސީދާ އަންނިއެވެ. ރައީސް އޮފިހުގައި ރައީސް އައްޔަނު ކުރައްވާ ސިޔާސީ މީހުން އައްޔަނުކޮށް ވަކި ކުރުމުގެ ހުރިހާ މަސައްކަތެއް ކުރީ މިދާކަށް ދުވަހާ ޖެހެންދެން ސިއްޕެއެވެ. އެމްޑީޕީގެ މެންބަރުންނަށް މަގާމުދިނުމުގައި ފަހުބަސް ބުނަމުން އައީ ޕާޓީގެ ރައީސާ ނައިބު ރައީސެވެ. މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެމްޑީޕީ މީހުނަށް ލިބިފައިހުރީ އަންނި ބޭނުންވި ގޮތަށް އަންނި ބޭނުން ބަޔަކަށެވެ.
މީސްމީހުނަށް ވަޒީފާތައް ދިނުމަށް ހުށަހެޅުމުގައި ވެސް އަންނި ގެންގުޅުނު ސިޔާސަތަކީ ސަރުކާރު ދެކެ މީހުން ރުޅިއެރުވުމެވެ. ރައީސް ސާލިހު އަންނި ކުރެއްވި އިތުބަރާއި އޮތް ގަތްކަމުގެ ނާޖާއިޒު ފައިދާ ނެގުމެވެ. ހަމަ ތެދެކެވެ. އެ މަގާމުގައި ސިއްޕެ ހުރެގެން މި 4 އަހަރު ކުރި ކަމަކީ އެމްޑީޕީ މީހުން ރުޅިއެރުވުމެވެ. މިއަދު މިސާފުވަނީ ސިއްޕެ އެ މަގާމަށް ފޮނުވައިގެން އެކަން އެހެން ކުރީ މި ދުވަސް ގެންނަން އަންނި ބުނެގެން ކަމެވެ.