މިސްކިތްތަކުގެ އަޑުކަނޑުވާލި ލާދީނީ ސަރުކާރު
އެމްޑީޕީގެ ވެރިކަމެއްގައި ކުރި ކަމެއްނަމަ ފިސާރި ބޮޑު ކަމަކަށްވީސް
ދީނުގެ ކަންފުޅެއް ހިތުގައި ނެތި ދީނީކަން ބޭރުފުށަށް ދައްކައިގެން ރައްޔިތުންނަށް އޮޅުވާލިޔަސް އެކަން ހެއްދެވި ފަރާތަށް އޮޅުވާނުލެވޭނެކަން ހިތަށް ނާރާކަމެވެ.
ޕީޕީއެމް ކިޔަސް ޕީއެންސީ ކިޔަސް ބިރެއް ޖެހިލުމެއް ނެތި އަބަދުވެސް ބޭރު ފުށުން ދީންވެރިކަމާ ގައުމުދެކެ ލޯބިވާކަން ދައްކައިގެން ރައްޔިތުން ވާވެއްދުމަކީ އެމީހުން އެކަން ކުރާ ގޮތެވެ.
އެމްޑީޕީ އަކީ އަބަދުވެސް އެކަމަށް ޖެހިލުންވާތީ ދީނުން ކަންދައްކައިގެން ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ކަމަށް ގަބޫލު ނުކުރާ ޕާޓީ އެކެވެ. އެގޮތަށް ދެފުށް ދެގޮތްވުމަކީ އެންމެ ލާދީނީ މުނާފިގުންގެ ގޮތްކަން އެމްޑީޕީން އަބަދުވެސް ގަބޫލު ކުރެއެވެ.
ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުން ދީނާ ގައުމޭ ކިޔާ ކަރުފެލުނީ ވެރިކަން ހޯދުމުގެ ބޭނުމުގައިކަން މިރޯދަ މަހު މިސްކިތްތަކުގެ އަޑު ކަނޑުވާލި ގޮތުން ވެސް ވިސްނާ ބަޔަކަށް އެނގޭނެއެވެ. މިއީ އެމްޑީޕީގެ ވެރިކަމެއްގައި ކުރި ކަމެއްނަމަ ދީނީ އިލްމުވެރިންނޭ ކިޔައިގެން މި ރާއްޖެ ފިތުނަކުރާ ބަޔަކާ ހުރެ ފިސާރި ބޮޑު ދުއްޕާނަކަށްވީހެވެ.
އެއިން މީހެއްގެ އަޑެއް ބަޑެއް ހިލަމެއް މިހާރަކު ނެތެވެ. ވާނީ ވެސް އެހެންނެވެ. ބޭނުންވާ އިއްޒަތާ މަގާމާ ބޮޑު މުސާރައާ ނާޖާއިޒު ފައިދާ ލިބޭ އަމިއްލަ ސަރުކާރު އޮތީ ވެރިކަމުގައެވެ.
ދޮގާ މަކަރާ އޮޅުވާލުން ހައްދުފަހަނަ އެޅިޔަސް މިހާރު އޯކޭ އެވެ. މާލޭ މިސްކިތްތަކުގެ މުންނާރުތަކާ ލޯޑް ސްޕީކަރުތައް މުއިއްޒާ އަދުރޭ ހަފާ ކެޔަސް މިހާރު އެވާނީ އިސްލާމް ދީން ދެކެ ލޯބިން އެބޭފުޅުން އެތަކެތި ފަރީއްކުޅުއްވަނީ ކަމަށެވެ.