ކޫކު މޫނުގައި ރައީސް އަޅާލީ ތަފާލެއް!
ރައީސަކު މިފާޑަށް އުޅޭތީ ފެންނަ މިއީ ފުރަތަމަ ފަހަރު
މައްޗަށްގޮޅި މެދު ދައިރާއަށް ޕީއެންސީގެ ޓިކެޓް ލިބުނީ މުހައްމަދު އަބްދުލްގާދިރު (ކޫކު) އަށެވެ. އެހެން ނަމަވެސް 174 ވޯޓު ލިބުނު ކޫކާ ވާދަކޮށްގެން ޕްރައިމަރީގައި ބަލިވި ކައުންސިލަރ ޒަމީރަށް ރައީސް މުއިއްޒު ތާއީދު ކުރިކުރުމަކީ ސިޔާސީ ގޮތުން މުއިއްޒު އެޅި ޅައެއްޗެކެވެ. ޕްރައިމަރީގައި 127 ވޯޓް ލިބުނު އަހުމަދު ޒަމީރަކީ، މާލެ ސިޓީ ކައުންސިލްގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމު އަދާކުރެއްވި ދުވަސްވަރު ސިޓީ ކައުންސިލުގައި މަސައްކަތް ކުރުމުން މުއިއްޒާ ޒަމީރުގެ އޮތް ގާތްކަމަކީ ސަރުކާރަށާއި ޕީއެންސީއަށް އޮތް ކިތަންމެ ބޮޑު ގެއްލުމަކަށް ވިޔަސް ފަރުވާލެއް ނެތީތާއެވެ. އެމްޑީޕީގެ ޓިކެޓްގައި ސިޓީ ކައުންސިލަށް އިންތިހާބު ވެގެން ޕާޓީ ބަދަލުކޮށްގެން އުޅޭ ޒަމީރާއި މުއިއްޒަކީ ދުލި ބަދަލު ކުރުމުގައި އެއްގަލުން ފެހިކާ ދެލަނޑައެވެ.
އިންތިހާބު ވުމަށްފަހު މަގާމަށް އިންތިހާބު ކޮށްދޭ އާއްމުން މެންބަރުންގެ އިހުސާސަށް ނުބެލުމުގައި މުއިއްޒާއި ޒަމީރަކީ ލާމަސީލު ބައެކެވެ. އެންމެ މަޖާކަމަކީ މުއިއްޒު ސޮއިކޮށް ކުކޫއަށް ޕާޓީގެ ޓިކެޓް ދީފައި ނިކުމެ "ޕްރައިމަރީން ބަލިވި ބަލި ބުޅާގަނޑެއް" ގެ އަތުގައި މުއިއްޒު ހިފުމެވެ. މަޖިލީހުގެ މެޖޯރިޓީ ހޯދަން އުޅޭ ރައީސަކު މިފާޑަށް އުޅޭތީ ފެންނަ މިއީ ފުރަތަމަ ފަހަރެވެ. ޕާޓީ ޓިކެޓް ދޭ މީހާއާއި ރައީސް ތާއީދުކޮށް މަސައްކަތްކުރާ މީހާ ތަފާތުވުމަށް ވުރެ ބޮޑު އަރަތެއް ނެތެވެ.
ދާއިރާގައި ކޫކުއަށް އޮތް ބޮޑު ތާއީދަށް އިހުތިރާމް ނުކޮށް ޒަމީރަށް މުއިއްޒު ތާއީދު ކުރުމަކީ އެމްޑީޕީއަށް ދާއިރާގެ ގޮނޑި ހަދިޔާ ކުރުމެވެ. ރައީސް މުއިއްޒުގެ ނަގާބިލުކަމާއި މީހުންގެ ދަށުވެފައި ހުރިވަރުން ސިޔާސީ ގޮތުން މުއިއްޒަށް ކޮޅުކެހި ލިބުންނޫން ކަމެއްނުވެއެވެ.
ޕާޓީ ޓިކެޓާ ދެކޮޅަށް މީހުން ނެރެގެން މުއިއްޒު އުޅެނީ އެއް ދިމާލެއް ދެ ދިމާލަކަށް ނޫނެވެ. ޕީއެންސީގެ ކެންޑިޑޭޓަކު ހުރި ނަމަވެސް އެހެން ކެންޑިޑޭޓުންގެ ކެމްޕެއިނުގައި ސަރުކާރުގެ އިސް ވެރިން ބައިވެރިވަމުން އެބަދެއެވެ. އެމީހުން ބުނާ ގޮތުން، ރައީސް މުއިއްޒުގެ ތާއީދު އޮތް ކެންޑިޑޭޓުންނަކީ އެއީއެވެ. ޒަމީރު ގޮތަށް ޕްރައިމަރީން ބަލިވި އެތައް ކެންޑިޑޭޓުންނަށް މުއިއްޒު ތާއީދު އެބަކުރެއެވެ. ހޮވަން ކެންޕޭނު އެބަ ކޮށްދެއެވެ.
ހުރާ ދާއިރާއިން ޕްރައިމަރީގާ ބަލިވި އަނާރާ ނައީމާއި ވިލިނގިލި ދާއިރާގެ ޕްރައިމަރީން ބަލިވި އާޒިމް އަބްދުލްއަޒީޒާއި ކުޅުދުއްފުށި ދެކުނު ދާއިރާއިން ބަލިވި އައިމަން މުހައްމަދަކީ ސަރުކާރު ކެންޑީޑޭޓް ކަމަށް ބުނެ ދަނީ މުއިއްޒު ކެންޕޭން ކޮށްދެމުންނެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުއްލާ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒު އަމިއްލަ ގޮތުން ވާދަކުރާއިރު އޭނާއަށް ކެމްޕެއިނުކޮށްދެނީ ސަރުކާރުގެ އިސް ވެރިންނެވެ. އޭނާއަކީ ޕީއެންސީގެ ޕްރައިމަރީގައި ބައިވެރިވީވެސް ކެންޑިޑޭޓެއް ނޫނެވެ. އެމްޑީޕީގައި ތިއްބާ މުއިއްޒު ގަނެގެން ގެންދިޔަ ދެ މެންބަރަކު ވެސް މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި ސަރުކާރުން ކެމްޕެއިން ކޮށްދެމުން އެބަދެއެވެ. މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީއެވެ. އެ ދެ ދާއިރާގައި މުއިއްޒުގެ ކެންޑިޑޭޓުންގެ ގޮތުގައި އެމީހުން ވާދަކުރަނީ ޕީއެންސީގެ ޓިކެޓުގައި ކެންޑިޑޭޓުން ނެރެފައި ތިއްބައެވެ.