ހަމަހަމަ ކަރަންޓްގެ އުފާވެރިކަން ރައްޔިތުންނަށް

އެރަށަކަށް ބޭނުންވާ ކަރަންޓް 24 ގަޑިއިރު ޔަގީންކޮށް ދެއްވި

ހަމަހަމަ ކަރަންޓްގެ އުފާވެރިކަން ރައްޔިތުންނަށް

ދުވާލު ހަތަރުދަމުން އެއްފަހަރު ނަމަވެސް ކޮންމެސް އެއްޗެއް ކައިގެން ހުރިއްޔާ ނުކައި ހުރިކަމަކަށް ނުވާނެތާއެވެ. ހޮވާކައިގެން އުޅުނަސް ވާނީ ކައިގެން ތިބޭ ކަމަށްތާއެވެ. އެ ގޮތަށް ރާއްޖޭގެ ވެރިކަމަށް ރައީސް ސާލިހު ވަޑައިގަތުމުގެކުރިން ރާއްޖޭގެ ރަށްރަށުގައި ކަރަންޓް ހުންނަކަމަށް ބުނާ މީހަކު ބުނެފާނެއެވެ. 

ރާއްޖޭގެ ރަށްރަށުގައި އޭރު ކަރަންޓެއް ނުހުރެއޭ ބުނެފިއްޔާ އެވާނީ ދޮގަކަށެވެ. ތެދެކެވެ. ކަރަންޓު ހުރެއެވެ. އެކަމަކު ކަރަންޓް ހުންނަނީ ނަމަކަށެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ދެއެވެ. ކަރަންޓް ގޮސްފައި އެނބުރި އަންނަ އިރު އަގުބޮޑު އެތައް އާލަތެއް ހަލާކުވެ އަލުން ހޮދަން ނުޖެހެނީ މަދު ރަށެއްގައި މަދު ފަހަރަކުއެވެ. ހަމަޔަށް ކަރަންޓް ނުލިބިގެން ހަލާކުވާ އެއްޗެތި އެހާ ގިނައެވެ. އިންޖީނުގެއާ ދުރު ހިސާބުގައި ހުންނަ ތަންތަނަށް ކަރަންޓް ލިބެނީ ބަލިމީހަކަށް އައިވީ ލިބޭ އުސޫލުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އިންޖީނުގެތަކަކީ ބާވެ ހަސްނެތި ވިރާނާވެފައި ހުރި ތަންތަނެވެ. އިންޖީނުގެ އަޑާހުރެ މީހުނަށް ނިދާ ހެދުމަށާއި ވާހަކަ ދައްކާ ހަދާ އުޅެން އުދަގުލެވެ. ގެދަނބުޅީގެ ސަބަބުން ހިސާބުގަނޑުގެ ގޭގޭ ރޯނުގައި ހުންނަ އަންނައުނަކީ އަތްދޮށް ފޮއްޗެކޭ ތަފާތެއްނުހުރެއެވެ. ގަސްގަހުގެ ފަތްތަކުން ފެހިކަން ކެނޑި މަސްކާ ދުމައްޓެއްގެ އޮށިތަކެކޭ ތަފާތެއް ނުހުރެއެވެ. ރަށުތެރޭގައި ރަނގަޅު ވިއުގައެއް ނެތި ކަރަންޓް ނަރުތައް އޮންނަނީ މަގުވާ ފުރާފައި އޮންނަހެނެވެ.

އިންޖީނުގޭގައި ވަޒީފާ އަދާކުރާ މުއައްޒަފުންނަށް ރަގަޅު މަސައްކަތުގެ މާހައުލެއް ނެތްތާ އިންޖީނުގޭގައި ރައްކާތެރިކަމުގެ ގޮތުން އެއްވެސް ކަމެއް ކުރެވިފައެއް ނެތެވެ. އަނެއްކާ ރަށުގައި ކަރަންޓް ބޭނުންކޮށްގެން މަސައްކަތް ކުރާމީހަކަށް މަސައްކަތްކުރެވޭ ވަރަށް ކަރަންޓް ލިބޭކަށްވެސް  ނުހުރެއެވެ.

ރައީސް ސޯލިހު އެންމެ އިސްކަމެއް ދެއްވި އެއްކަމަކީ ރަށްރަށުގެ ކަރަންޓްގެ ހާލަތު ބޮޑުތަނުން ރަނގަޅުކުރެއްވުމަށެވެ. އެރަށަކަށް ބޭނުންވާ ކަރަންޓް 24 ގަޑިއިރު ޔަގީންކޮށް ދެއްވުމަށެވެ. ކަރަންޓްކެނޑިގެން އަބަދު އުޅެން ޖެހުން ހުއްޓުވުމަށެވެ. ފުރިހަމައަށް ކަރަންޓު ނުލިބިގެން ލިބެމުން އައި ގެއްލުންތަކުން އަރައިގަންނާނެ ގޮތް ހެއްދެވުމަށެވެ. 

ރައީސް ސޯލިހު މަސައްކަތްކުރެއްވީ ދެނދަބުޅިން ކަޅިވެ ޖައްވާ ފެންތަގައްޔަރު ކުރި ހަސްނެތިފައިވާ އިންޖީނުގެތަކުން ރައްޔިތުންނަށް އުފުލަން ޖެއްސި ތަކުލީފުތަކުން މިންޖު ކުރެއްވުމަށެވެ. މަސަްކަތުގެ މާހައު މުއައްޒަފުންނަށް ފަހިކޮށްދީ ރަށުގައިތިބެ އަދާކުރާނެ ވަޒީފާތައް ރަށްރަށުގެ މީހުނަށް އިތުރުކޮށް ދިނުމަށެވެ. 

ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއިން ރާއްޖޭގެ ކަންކޮޅުތަކުގައި އެކުރަނީ އެމަސައްކަތެވެ. ރައްޔިތުންގެ ލަބައާއި މަންފާއަށްޓަކައެވެ. ރައީސުލް ޖުމްހޫރިއްޔާގެ ދަތުރު ފުޅުތަކުގައި ހުޅުއްވާ ދޭއްވަމުން ފައްޓަވާ ދެއްވަމުން އެގެންދަވަނީ އެހިދުމަތްތަކެވެ. ވަކި ރަށެއް ތަފާތު ނުކުރައްވައެވެ. 

ށ. މިލަންދޫ

22 އަހަރު ވެފައިވާ އިންޖީނުގެއަކީ މިހާރު ތިން ބުރިއަށް އިމާރާތްކޮށްފައިވާ ޒަމާނީ ރީތި އިމާރާތެކެވެ. 12 މުއައްޒަފުންނަށް ކުރިން މަސައްކަތްކުރެވޭ ވަރަށް ހުރި އިންޖީނުގެގައި ދަތިކަމެއް ނެތި 54 މުއައްޒަފުންނަށް މަސައްކަތްކުރެވެއެވެ.

2532 ކިލޯވޮޓްގެ ކެޕޭސިޓީގައި މިލަންދުއަށް މިހާރު ކަރަންޓްގެ ހިދުމަތް ދަތިކަމެއް ނެތި ދެވެއެވެ. 

ހއ.މޮޅަދޫ

މޮޅަދޫ އިންޖީނުގެއަކީ 25 އަހަރުވެފައިވާ ތަނެކެވެ. ރަށަށް ބޭނުންވާ ކަރަންޓް ދިނުމަށް އެކަށީގެން ނުވާ ބައު އިންޖީނުގެ ތަޅުލާ އެރަށުގައި މުޅިން އަލަށް އެންމެ ޒަމާނީ ފެންވަރަށް އިންޖީނުގެއެއް އަޅާ އެތަނުގެ ހިދުމަތް ރައްޔިތުންނަށް ވަނީ ލިބެން ފަށާފައެވެ.

މ.ރަތްމަންދޫ

ރަތްމަންދޫއަކީވެސް ބައުވެ ހަސްނެތިފައި ހުރި އިންޖީނުގެއެއް ހުރި ރަށެކެވެ. އެރަށު އިންޖީނުގެއަށް ވެސް ވަނީ ފަސްސަވީސް އަހަރު ފުރިފައެވެ. ރަތްމަންދޫގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ ކަރަންޓް ފޯރުކޮށް ދިނުމަށް މިސަރުކާރުން އެރަށުގައިވެސް ޒަމާނީ ފެންވަރަށް އިންޖީނުގެއެއް ބިނާކޮށްދީ އެތަނުން ހިދުމަތް ދޭން ވަނީ ފަށާފައެވެ.

މިބަޔާން ކޮށްލާ ދިނީ ރައީސް ސޯލިހުގެ ތަފާތު ނުކުރާ ހަމަހަމަ ސިޔާސަތުގެ ތެރެއިން ކަރަންޓް ހިދުމަތް ކަށަވަރު ކޮށްދެއްވުމަށް ކުރައްވާފައިވާ މަސައްކަތް ތަކުގެ ތެރެއިން ކުޑަކުޑަ ދެތިން މިސާލެވެ. ޝުކުރުވެރިވާ ބަޔަކު އުފަލުން ފުރޭހާ ވެއެވެ. ޝުކުރުވެރި ނުވުމަކީ ނިއުމަތްފިލާދަނިވި ކަމެކެވެ،