ދަރިލައްވާނީ ތަންމައްޗަށް - އެބޯޝަނުންވެސް ވެއްޓޭކަށްނެތް
މުއިއްޒު ސަރުކާރުގެ ދަރަންޏެކޭ ހަވާލުނުވާން އުޅޭ ދަރިއެކޭ ތަފާތެއް ނެތް
ކައިވެނިކުރީ ހަށި ހުއްދަ ކަން ޔަގީން ކޮށްފައެވެ. ކައިވެންޏަށް ހަތްމަސް ވީފަހުން އިނީ ބަލިވެކަން ޔަގީން ވެއްޖެއެވެ. ކައިވެންޏަށް ހަތް މަހަކަސް ބަޑަށް ހަތް މަހަށްވުރެ ގިނަވެއްޖެ ކަމަށް ބޭކެނބިން ބުނެއެވެ. ކަމަކު ދާކަށް ނެތެވެ. ފިރިމީހާ ދަރިޔާ ހަވާލެއް ނުވިއެވެ. ބަނޑުގައި އޮތް ދަރި ފިރިމީހާ އަޅުވަނީ ކުރީގެ ފިރިމީހާ ބޮލުގައެވެ.
ފަހުގެ ކައިވެނިކުރީ ހަށިހުއްދައޭ ކިޔައިގެންވީމާ ކުރިން އެއްދާންކުރި ކުރީގެ ފިރިމީހާވެސް ދަރިއަކާ ހަވާލެއް ނުވިއެވެ. އެހެން މީހަކާ އިނދެ ކައިވަންޏަށް ހަތް މަސް ވީފަހުން ކުރީގެ ފިރިމީހާ ބޮލުގައި ދަރި އަޅުވަން އުޅުނަކަސް ހަމަހޭގައި ހުރެ އޭނާ ދަރިއާ ހަވާލެއް ނުވަނެތާއެވެ. ބަލިވެ އިންކަން އެނގެންވާނީ ކައިވަންޏަށް ހަތް މަސް ވާފަހަކުން ނޫންތާއެވެ.
ކައިވަންޏަށް ހަތް މަސް ވާފަހުން ވިހާދަރި ލައްވަނީ ތަންމައްޗަށެވެ. ހަތްމަސް ވަންދެން ކައިވެނިކޮށްގެން ރޭކުރަމުންދާ ފިރިމީހާއަށެވެ. ފިރިމީހާ ދަރިޔާ ހަވާލުނުވާން އެބޯޝަން ހެއްޖަސް ދަރިވެއްޓޭކަށް ވެސްނެތެވެ. އެބޯޝަނަކުން ވައްޓާލެވޭ ވަރަށްވުރެ މާބަނޑަށް ގިނަ ދުވަސްވެއްޖެއެވެ.
އޮތްހާވެސް ގޮތަކީ ދަރި ވިއްސުމެވެ. މީހަކާ އިނދެ ކައިވެންޏަށް ހަތްމަސް ފުރެފައިވާތީ ފިރިމީހާ ކިތަންމެ ނުރުހުނަސް ބޮލުން ދަރި ނައްޓާލެވޭކަށް ނެތެވެ. ރުހުނަސް ނުރުހުނަސް ދަރި ލައްވާނީ ތަންމައްޗަށެވެ. ވަކި މީހަކަށް ނުލައްވާ ރަށްމެދު ދަރިއަކަށް ވީހީވެސް އިނދެގެން މީހަކު ނެތް ނަމަތާއެވެ. އެހެން ނޫނީ އޮތްގޮތަކީ ލިއާނުކުރުމެވެ.
ލިޔާނު ކޮށްފިނަމަ ރޫޅޭނީ ކައިވެންޏެވެ. ލިޔާނުން ރޫޅޭ ކައިވެނިގައި ހިމެނޭ ދެމީހުނަށް އަބަދުގެ އަބަދަށް ކައިވެނި ވާނީ ހަރާމެވެ. ދަރިއާ ހަވަލުވާން ބޭނުން ނެތަސް ކައިވެނި ރޫޅޭކަށްވެސް ބޭނުމެއް ނޫނެވެ. ދައްޔޫސް ހެދިގެންވެސް ބޭނުންވަނީ ކައިވެނި މަތީ ދެމިހުންނާށެވެ.
ހަމަތެދެކެވެ. މުއިއްޒު ސަރުކާރުގެ ދަރަންޏެކޭ ހަވާލުނުވާން އުޅޭ ދަރިއެކޭ ތަފާތެއް ނެތެވެ. ދަރަނި ބޮޑުވެ ހިތިބޭސް ބޯންޖެހިއްޖެކަން އެނގެނީ ކުޅޭނެ ނާޗަރަންގީއެއް ކުޅެ ވެރިކަމަށް ހަތްމަސް ވީފަހުންނެވެ. ދެން މިގޮވަނީ މަށެއް ނޫނެވެ. ކުރީގެ ސަރުކާރެވެ.