ސިޔާސީވެރިން އިހުތިރާމާއި ލޯބި މިހާރު ޖެހޭނީ ގަންނަން
ސިޔާސީ މީހުންނާއި ސިޔާސީ ޕާޓީތަކާއި ސިޔާސީ ކަންކަން ދެކެ ރައްޔިތުން ފޫހިވަނީ ދައުލަތް ހިންގަން ހޮވޭ މީހުންގެ ސަބަބުންނެވެ. ވާނީވެސް އެހެންތާއެވެ. ކޮންމެ އިންތިހާބަކާއި ދިމާކޮށް ކެނޑިޑޭޓުން ދައްކަނީ ގައުމީ އަދި ދީނީ ސިފަތަކެވެ. ހޮވުމުން އަމަލުން ފެންނަނީ ހޮވެންދެއްކި ވާހަކަތަކާއި ދިމާ އިދިކޮޅެވެ. މީގެ ސާފު ތަހުލީލީ ތަޖުތިބާތައް ދިވެހި ފަސްގަނޑުން ފާޅުކޮށް ފެންނާން އެބަހުއްޓެވެ. ދިވެހިރާއްޖެ އަކީ ސިޔާސީ ހުރިހާ ކަންކަމެއް ގޯސްކަމަށް ސާބިތުކޮށްދިނުމުގެ އެއް ލެބޯޓަރީ ކަމަށް ބުނެވިދާނެއެވެ.
2008ގައި ވަތަން އެދޭގޮތަށް ވެރިކަން ކުރަން އައި މީހާއަށް ވީވަރަކީ ހުރިހާ ކަމެއް ފާލުންނެއްޓުމުން ވަތަން އެދޭގޮތަށް ދައުރު މެދުން ވެރިކަން ދޫކޮށްލުމެވެ. ވެރިކަމުގެ މައްޗަށް އޮތް އިހުތިރާމާއި ކިޔަމަންތެރިކަން މުޅި ގައުމުން ގެއްލިގޮސް ނަފްރަތާއި ފަސާދައިގެ ދޮރުތައް ތައްމިނަށް ހުޅުވުނެވެ. ވީގޮތެއްވެ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުން ވެގެން ދިޔައީ ރާއްޖޭގެ ވެރިކަމުގެ ސިޔާސީ ކެންސަރަށެވެ.
2013 އިންތިހާބަށް ފަހުއައި ވެރިކަންވެސް ވަކީން ސަހަލެއް ނުވިއެވެ. ވެރިކަން ނިމިގެން ދިޔައީ ކޮރަޕްޝަނާއި ބޭއިންސާފުގެ ދެވަނައެއް ނެތްކަމަށް ވެގެންނެވެ. ސިޔާސީންގެ އެތައް ބަޔަކު ޖަލުގެ ތޭރިތަކުގެ ފަހަތުގައި ބައިތިއްބައިގެންނެވެ.
2018 ވަނަ އަހަރު އުފެދުނު ވެރިކަން އައީ ކޮރަޕްޝަން ނައްތާލާ އިންސާފު ގާއިމު ކޮށްދިނުމުގެ ވައުދާއެކުގައެވެ. ރައީސް ނަޝީދަށް އިންސާފު ގެއްލިއްޖެ ކަމާއި ދައުލަތުގެ ގާނޫނީ ނިޒާމު ހަލާކުވެއްޖެ ކަމަށް ބުނަމުންނެވެ. ރައީސް ނަޝީދު މިނިވަންވެ ސިޔާސީ ބާރު ހޯދާދެވުނު ނަމަވެސް ނިޒާމުން ގެއްލުވާލަން އުޅުމުގެ ތުހުމަތުގައި ނަފުރަތުގެ ހުޅުރޯވިއެވެ. ހަލާކުވެފައިއޮތް ގާނޫނީ ޝަރުއީ ނިޒާމު އަލުން އާރާސްތު ކުރަން ހުރި ގިނަ ކަންކަން ނުކުރެވި ރައީސް ޔާމީނަށް ކުރެވުނީ ހަރާން ހުކުމަކަށްވެ އިގްތިސޯދީ ގޮންޖެހުންތަކާއި އެކު ވެރިކަމުގެ ދައުރު ނިމިދިޔައީ ތަހުލީލީ ތަޖުރިބާއަކަށް ވެގެންނެވެ.
2023 ވަނައަހަރުގެ ވެރިކަމަކީ މިފަދަ ތަހުލީލެއްގެ އެއް އެކްސްޕެރިމަންޓެވެ. 2023 ވަނައަހަރުގެ ކެމްޕެއިންގައި ދެއްކީވެސް ޝަރުއީ ދާއިރާ ހިސޯރުވެފައިވާ ވާހަކައާއި ރައީސް ޔާމީން މިނިވަން ވާނީ ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ކަމާއި ހުސް ގޮނޑި ތަމްސީލު ކުރަނީ ރައީސް ޔާމީނުގެ ސިޔާސަތާއި ބާރުވެރިކަން ކަމުގައެވެ. ބުނަމުން އައީ ވެރިކަމުގެ ބާރުވެރި ފަރާތަކީ ޕީޕީއެމް ޕީއެންސީގެ ވެރިކަމެއްގައި ރައީސް ޔާމީން ކަމަށެވެ. ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާފަދަ ކަންކަން ހިނގާފައިވާ ކަމާއި ރާއްޖޭގެ މިނިވަންކަން ފުރިހަމަ ނުވާކަމުގެ ތުހުމަތުތައް ކުރިއެވެ.
ހުއްޓާނުލާ ބުނަމުން ގެންދިޔައީ އިންޑިއާ ސިފައިންގެ 2000 އަށްވުރެ ގިނަ މީހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމުގެ ތުހުމަތު ތަކާއި ސިއްރު އެއްބަސް ވުންތަކެއްގެ ސަބަބުން ދިވެހިންގެ އަމިއްލަ ވަންތަކަމަށް ހުރަސް އެޅިފައިވާ ކަމަށްވެ “އިންޑިއާ އައުޓް” ކުރުމަކީ ލާޒިމް ކަމެއް ކަމުގައެވެ. ދައްކަމުން ދިޔައީ އެމްޑީއެން އާއި އުތެމާފަދަ ޖަމާއަތްތަކުން އިސްލާމް ދީނަށް ގޮންޖެހުމާއި ރަސޫލާއަށް ފުރައްސާރަ ކުރާ ވާހަކައެވެ.
ބާނަ ބާނަ ތިއްބާ ކަނޑު ވިއްކާލި ވާހަކަ އަކީވެސް ކުއްވެރިކޮށް އޭރުގެ ކެމްޕެއިންގެ އެއް ތަނބެވެ. ދިވެހި އިގްތިސާދު މެނޭޖު ނުކުރެވިގެން ދައުލަތް ދަރަނިވެ އެތަށް ގުނައަކުން ދަރަނި އިތުރު ވެގެން ދިޔަދިއުމަށް އިހުތިޖާޖު ކޮށް ކެމްޕެއިން ކުރިއެވެ. ދިވެހިވަންތަ ސިފަތަށް ގައުމުން ގެއްލުވާލި ވާހަކައާއި ދިވެހީންގެ ރާއްޖެ ހޯދަން ވެއްޖެ ވާހަކައެވެ. މުޅިންހެން ދެއްކީ އިސްލާމީ ޝިޔާރު މަތިވެރި ކުރަން ޖެހޭނެ ވާހަކަ އާއި ހާމަކަން ބޮޑުކޮށް މައުލޫމާތު އާންމު ކުރަން ޖެހޭނެ ވާހަކަ އާއި ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެން ނުވާނެ ކަމުގެ ވާހަކަތަކަށް ތާއީދު ކުރާ ވާހަކައެވެ.
އެހެން ކަމުން ސިޔާސީ މީހުންދެކެ ފޫހި ވާން ޖެހޭ ސަބަބުތައް މިހާރު ދިވެހި ސިޔާސީ ލެބޯޓަރީން ސާފުވެއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހި ވައިގެ ބަނދަރު ވިއްކާލާ އިގްތިސާދު ރޫޅިގެން ދިޔައީ، ރައީސް ސޯލިހުގެ ވެރިކަމުގައި އިގްތިސާދީ ހާލަތު ދަށަށް ދިޔައީ، މިއަދު ފެންނަނީ މާއްދިއްޔަތުގެ ސިހުރުގައި ރައްޔިތުން ޖައްސާ ވައުދުތައް ބޮލާލާ ޖެހިތަނެވެ. ވެރިކަމަށް އަންނަން ދެއްކި އެއްވެސް ވާހަކައެއްގެ ނަތީޖާއެއް ނެތެވެ.
އެންޑީއެން ރިޕޯޓެއް ކުރީން ބަޔަކު ނެރުމުގެ މުގާބިލުގައި ސަމޯއާ އެއްބަސް ވުމެއް ހަމަ ދީނީ ތޯއެވެ. މިވަރުން ސިޔާސީ ކަންކަމަށް ލިބޭނީ ހިތްވަރުތޯ ނުވަތަ ވާނީ ފޫހިތޯއެވެ. އިންޑިއާ ސިފައިން ތިބި ކަމަށް އޭރު ބުނި މީހުން މިއަދު ބުނަނީ އިންޑިއާ ސިފައިން ތިބީ ގަންޖުފަރާސް ލައިގެން ކަމަށެވެ. ސިއްރު އެއްބަސްވުންތައް ހާމަ ނުވިތާ ވީ އިތުރު އަދިވެސް ސިއްރު ލިސްޓު ވަނީ އިތުރެވެ. ވިއްކާލި ކަނޑު ހޯދަން ކުރި މަސައްކަތެއް ނެތެވެ. އޭރު ޔޯގާ ހަރާމެވެ. މިއަދު ހަލާލެވެ. އޭރު ހަރާމް ހުކުމް މިއަދު ހަލާލެވެ. މިވަރުން ރައްޔިތުން ސިޔާސީ ވެރިންދެކެ ވާނީ ފޫއްސެވެ. އިހުތިރާމާއި ލޯތްބާއި އަޅާލުން ޖެހޭނީ ގަންނާށެވެ.

