ނިދިނިދި އޮއްވާ އެ ކެނޑުނީ ކަރަންޓް!

ނިދިނިދި އޮއްވާ އެ ކެނޑުނީ ކަރަންޓް!

އާއްމު ގޮތެއްގައި މިޒަމާނުގައި ގައުމެއް ބަނގުރޫޓްވަމުން ދާކަމުގެ ހެއްކަކީ ހަމައެކަނި ކާންބޯ ނުލިބުމެއް ނޫނެވެ. ރަނގަޅު ހާލަތުގައި އޮންނަ ގައުމުތަކުގައިވެސް ބަނޑުހައި ހޫނު ކަމުގައި އުޅޭ މީހުން ތިބެއެވެ. ލިބޭ އާމްދަނީ ދަށްވުމާއި އިންފްލޭޝަން މަތިވުމުން ކާބޯތަކެތި ލިބުން ދަތި ކިތަންމެ ބަޔަކު ބައެއް ގައުމުތަކުގައި ތިބެއެވެ. އަވަށްޓެރި ސްރީލަންކާ އާއި އިންޑިޔާ އެކަނިވެސް އޭގެ މިސާލަކަށް ފުދޭނެއެވެ. 

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުގައިވެސް އެންމެ ރަނގަޅު އެއް އިގުތިސޯދެވެ. އެހެނެއްކަމަކު އިންތިހާ ދަރަޖައިގެ ފަގީރުން އެތާނގައި މަދެއް ނޫނެވެ. ސްރީލަންކާގައި ބަނގުރޫޓް އިއުލާނު ކުރުމުގެ މާކުރިއްސުރެ ވެސް ގިނަ އަދަދަކަށް ފަގީރުން އުޅެއެވެ. ވަރަށް ފަހަކާ ޖެހެންދެންވެސް ސްރީލަންކާއަކީ މި ސަރަހައްދުގައި އިގުތިސޯދީ ގޮތުން އެހާ ދެރަވަރު ގައުމެއް ނޫނެވެ. 

ސްރީލަންކާ ބަނގުރޫޓް ވެގެން ދިޔުމުގެ ސަބަބުތަކަށް ބަލާއިރު އެންމެ ބޮޑަށް ފެންނަން އޮތް ހަގީގަތަކީ ކޮރަޕްޝަނެވެ. އިސްރާފާއި ވެރިންގެ އަގު ބޮޑު ދިރިއުޅުމެވެ. އާމްދަނީގެ ގޮތުގައި ގައުމަށް ވަންނަ ބޭރު ފައިސާއަށްވުރެ ލޯނާއި ކޮރަޕްޝަނާއި ފަސާދައާއި ރޭވުންތެރިކަންނެތި ބޭރުވަމުން ދިޔަ ބޭރުފައިސާ ނިހާޔަތަށް އިތުރުވުމެވެ. 

ނަތީޖާއަކަށްވީ މުޅި ގައުމަށް ފުދޭވަރާ ގާތަށްވެސް ތެޔޮ ނުލިބުމެވެ. ތެލުގެ ރިޒާވް ފަތުއަޑުކިޔާފައި ހުސްވުމެވެ. ތެލާއި ގޭސް އެތެރެކުރެވޭ ވަރަށް ދައުލަތުގައި ބޭރު ފައިސާ ނެތުމެވެ. މައިގަޑު ކާބޯތަކެތި ގައުމުން ލިބުނަސް ލަންކާ ބަނގުރޫޓްވީ ތެލާއި ގޭސް ނެތުމުންނެވެ. އެކި ފަހަރު އެކިވަރަށް ކަރަންޓް ކެނޑެމުން ދުވާލުގެ ބޮޑު ބައެއްގައި މުޅި ގައުމުގައި ކަރަންޓް ނެތޭ ހިސާބަށް ލަންކާ ދިޔައީ އެއްދުވަހަކުން ނޫނެވެ. 

ކަރަންޓަކީ ހަމައެކަނި އަލިކަން ހޯދަން ބޭނުންވާ ހަކަތައެއް ނޫނެވެ. ހުރިހާ އިގުތިސޯދީ މަސައްކަތަކާ ގުޅި ލާމެހިފައި އޮންނަ ކަރަންޓް ނުލިބޭން ފެށުމުން ހަމައެކަނި އަނދިރި ވަނީއެއް ނޫނެވެ. ދިރިއުޅުމާ ގުޅިފައިވާ އެތައް ކަމަކާއި މަސައްކަތަކާ ހުއްޓި ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުން ވަނީއެވެ.

ތެލުގެ ސްޓޮކް ހުސްވީވީހެން ގިނަ ގިނައިން ކަރަންޓް ކެނޑޭނެއެވެ. އެންމެ ފަހުން ތެޔޮނެތިގެން އިންޖީނުތައް ނުހިންގިގެން ކަރަންޓް ނުލިބި، ބޭނުންވާ ތެޔޮ ނުލިބިގެން އުޅަދު ފަހަރުގެ ދަތުރު ފަތުރު ހުއްޓި ގައުމު ހުއްޓެނީއެވެ.

ގޮތް ނޭނގޭ ގޮތްގޮތަށް އަވަސް އަވަހަށް ކަރަންޓް ކެޑުމަކީ ބިރުވެރި ކަމެކެވެ. ކިތަންމެ ވަރަކަށް ކަރަންޓް ކެނޑުނަސް ކަރަންޓް ކެނޑެނީ ތެޔޮ ނެތިގެން ކަމަކަށް ތެޔޮ ބިލްތަކަށް ފައިސާ ނުދެއްކިގެން ކަމަކަށް އެއްވެސް ސަރުކާރަކުން އެއްބަހެއް ނުވާނެއެވެ. އާހިރުގައި ވާނެ ހަތަރެތިވެ ގޮތް ހުސްވީމާ އެއްބަސްވާއިރު އޮންނަނީ ވެވަށް ވެއްޓުނު ގެރިއަށްވެ ހަތަރު އުދަރެސް ފެނުޖެހިފައެވެ. ނިދިނިދި އޮއްވާ އެދިޔައީ ކަރަންޓޭބުނެ ކަރަންޓް އެނބުރި އަންނާނެކަމަށް ހިތް ހަމަޖައްސާލައިގެނެއް އޭރަކުން ނުތިބެވޭނެއެވެ.