15 ހާހޭ ނުކިޔާ ފުރަތަމަ ދީފައިއޮތް ގޯތިތައް ހަވާލުކޮށްބަލަ
މުއިއްޒުގެ ވެރިކަމަށް ދެއަހަރުވާން ދެތިން ދުވަހަށް ވީއެވެ. ބަޖެޓްގެ ގޮތުގައި 120 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދެ އަހަރުތެރޭގައި ތަޅާލައިފިއެވެ. ކުރާކަމެއް ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ.
އަމިއްލައަށް ފަށައިގެން ކަމެއް ނުކުރެވޭތާ ކުރިން ފަށާފައި ހުރި ކަންކަމުން ވެސް ދެތިންކަމެއް ނޫނީ ނިންމުނީއެއް ނޫނެވެ. ކުރީ ސަރުކާރުން ނިންމާފައިވާ އިސްވާރުންގެ ނާދީއާއި ހުޅުލޭ ކާރގޯ ޓާމިނަލާއި ހަންކެޑެ ބުރިޖު ފަދަ ތަނެއް ނޫނީ އިފްތިތާހު ކުރެވުނު ކަމެއް ނެތެވެ. ކާޅު ހާލި ހެދީމާ ކޮވެލި ބިސް އަޅާހެން އަޑުގޮއްވާ ހަވާއަރުވާ ހަދާފައި ވެލާނާ އެއަރޕޯޓް ފަސިންޖަރ ޓާމިނަލާއި ހަނިމާދޫ އައު އެއަރޕޯޓް މުޅިން ނުނިންމާ ރެބަން ކެނޑުން ނޫން ކަމެއް ކުރެވުނީއެއް ނޫނެވެ.
މުއިއްޒު ވެރިކަމަށް އައިރު ރައީސް ސޯލިހު ސަރުކާރުން ވަނީ މާލޭގެ އެތައް ހާސްބައެއްގެ ބޯހިޔާވަކަން ހައްލުކޮށްދިނުމަށް 9000 ގޯތި މާލެ ސަރަހައްދުން ދީފައެވެ. ރައީސް ސޯލިހުގެ ވެރިކަން ނިމުނުއިރު 9000 ގޯތީގެ ތެރެއިން ނުހިކިއޮތީ އެންމެ 600 ގޯއްޗެވެ. ދިންތާކުން ދިންގޮތަކަށް މާލޭ މީހުނަށް ގޯތިތައް ހަވާލުކުރުމަށް ވައުދުވެގެން ވެރިކަން ހޯދިފަހުންވެސް 2 އަހަރު ފުރެން 3 ދުވަހަށް ވީއެވެ. ނުހިކި އޮތް 600 ގޯތި ހިއްކާ ގޯތިތައް ހަވާލުކޮށް ލޯނު ދީގެން އިމާރާތް ކުރުވަން ފަށާހާ ދުވަސްވީއެވެ. އެކި ފަހަރު އެކި ބަހަނާ ދައްކައިގެން މާލެ ސަރަހައްދުން ދީފައިވާ ގޯތިތައް ހަވާލުނުކޮށް ހުރެ މާލޭ މީހުންނޭ ބޯހިޔާވަހިކަމޭ މުއިއްޒު ނުކިޔާށެވެ.
ކުރީ ސަރުކާރުން މާލޭގެ ހިޔާވަހިކަމަށް ހައްލު ހޯދުމަށް ދޫކޮށްފައިވާ 9000 ގޯއްޗާއި 4000 ފުލެޓް ދެން ކަނޑައަލާފައިވާ މީހުނަށް ނުދީ 15000 ގޯއްޗާއި 7000 ފްލެޓްގެ ވާހަކަ ނުދައްކާށެވެ. ފުރަތަމަ ބިންވެރިޔާ ސްކީމުން ގޯތި ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންނާއި ގެދޮރުވެރިޔާ ސްކީމުން 4000 ފްލެޓް ލިބިފައިވާ މީހުނަށް އެތަންތަން ހަވާލުކޮށް ބަލާށެވެ.
ރަސްމާލެއިން ދޫކުރާކަމަށް ބުނާ 15000 ގޯއްޗާއި 7000 ފްލެޓްގެ ހުވަފެން ދަައްކައިގެން، ގުޅާލެވޭ ގޮތަށް އޮތް މާލެ ސަރަހައްދުން ދިން ގޯތިތައް ނުދީ އެބިންތައް ހިފަހައްޓައިގެން ވެރިން ނަހަމަގޮތުގައި ފައިދާ ނަގަން ބާއްވާ ބިންތަކަކަށް ހަދަން ނޫޅޭށެވެ. ގެދޮރުވެރިޔާއާއި ބިންވެރިޔާ ސްކީމްގެ 2 ވަނަ ފޭހުގެ ފޯމްލީ މީހުން ހަނދާން ނައްތާލާ އުތުރުތިލަފަޅުން ގޯތި ދިނުން އޮއްބާލައިގެން ހުންނަން ނުހަދާށެވެ. ފުށިދިއްގަރުފަޅަކީ މާލެއަށް އޮތް ހައްލެއް ނޫނެވެ.

