ރާއްޖެއާ ދެކޮޅަށް ލަންކާގައި އަޑުއުފުލުމަކީ ނުރައްކަލެއް
ދިވެހި އެމްބަސީއާއި ސޯސަންވިލާ ފަދަ އެސިޓްތައް އަތުލަން ގޮވާލެވެނީ
އެވޭލާ ޒަމާނުއްސުރެ ސްރީލަންކާ އާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ އެއްބަޑު އެއްބަފާ ވަންތަކަމުގެ ގުޅުމެކެވެ. ލަންކާ ރައްޔިތުންގެ ހިތުގައި ދިވެހިންނަށް އޮންނަނީ ލޯތްބާއި އިހުތިރާމާ ކުލުނެވެ. ސިޔާސީ ގޮތުންވެސް ރާއްޖެއާ ލަންކާ ދެމެދު އެއްވެސް ވަރެއްގެ ނުތަނަވަސްކަމެއް ދުވަހަކު ހިނގާފައެއް ނެތެވެ. ދިވެހިންނަށް ރައްކާތެރިކަމާއި އަމާންކަން ލަންކާގައި އަބަދުމެ އޮވެއެވެ.
ބައެއް ކަންކަމުގައި ދުނިޔޭގެ އެހެން އެއްވެސް ބަޔަކަށް ލަންކާއިން ލިބިނުދޭ އެތައް އިމްތިޔާޒެއް ދިވެހިންނަށް ލަންކާގައި ލިބިދީފައި އޮވެއެވެ. ދިވެހިންނަށް ލަންކާ މަރުހަބާ ކިޔަނީ އެއްބަޑު އެއްބަފާ މީހަކަށް މަރުހަބާ ކިޔާފަދަ ލޯތްބާއި އިހުތިރާމާއި ހިތްހެޔޮކަމާއި އެކުގައެވެ. ލަންކާގެ އާއްމު ރައްޔިތުންނަށް ވެސް ނުލިބޭ އެތަކެއް ފަސޭހަތަކެއް ލަންކާގައި ދިވެހިންނަށް ލިބެއެވެ.
ދިވެހީންގެ އެތައް ހާސް ބަޔަކު އަމާންކަމާއެކު ލަންކާގައި ދިރިއުޅެނީ އެހެންވެގެނެވެ. ދިވެއްސެއްގެ ފުށުން ލަންކާގައި ދިމާވާ ނޭއްގާނި ކަމެއްވެސް މާ ބޮޑުކަމަކަށް ނުހަދާ ގިނަ ފަހަރު ނިންމާލަނީ ސުލްހަވެރި ނިންމުމަކުންނެވެ.
އެހެން ނަމަވެސް ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމަށް އެރިފަހުން ދިވެހި-ލަންކާ ގުޅުމަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރަން ފަށައިފިއެވެ. ލަންކާ ރައްޔިތުންގެ ތެރޭގައި ދިވެހިންނާ މެދު ނުތަވަސްކަން އުފެދި ނަފްރަތުގެ ރޫހެއް ހިނގައިގެންފިއެވެ.
ރާއްޖެއާއި ލަންކާއާއި ދެމެދު ވެވުނު އިމިގްރޭޝަނާ ގުޅޭ އެއްބަސްވުމަކުން (އެމްއޯޔޫ) ސްރީލަންކާގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން އަންނަ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރެވެން ފަށައިފިއެވެ. އިމިގްރޭޝަނާ ގުޅޭގޮތުން ވެވުނު އެއްބަސްވުމަކީ އެއް ފަރާތަކަށް ބުރަވެފައިވާ އެއްބަސްވުމެއް ކަމަށް އެ މީހުން ގަބޫލު ކުރެއެވެ. އެއްބަސްވުމުގައި ދިވެހިންގެ މަސްލަހަތު ކުރިއެރުވުމަށް އިސްކަންދިނުމާއި ޑީޕޯޓްކުރުމާއި އާއިލީ މައްސަލަތަކުގައި ސްރީލަންކާގެ ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަންނަ ކަމަށް ލަންކާގެ ގިނަބަޔަކު ގަބޫލުކޮށް ދެކޮޅުވެރި ކަމުގެ އަޑު އުފުލެން ފަށައިފިއެވެ.
ފުރިހަމަ ތަހުގީގެއް ނުކޮށް ސްރީލަންކާގެ ރައްޔިތުން ޑިޕޯޓްކުރުމުގެ ބާރު ދިވެހި އިދާރާތަކަށް ލިބިދީފައިވާ ކަމަށް ބުނެއެވެ. މިކަމުން ބާރުގެ ނަހަމަ ބޭނުން ހިފުމުގެ ފުރުސަތު އޮތް ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ. ސްރީލަންކާގެ ރައްޔިތުންނާ އިނދެގެން އުޅޭ ދިވެހިންނަށް، ސްރީލަންކާގެ އިދާރާތަކަށް އެންގުމަކާ ނުލައި އެ މީހުންގެ ދަރިން ދިވެހިރާއްޖެއަށް ގެނައުމުގެ ހައްގު ލިބިދީފައިވާ ކަމަށް ވެސް ބުނެވެއެވެ. ދިވެހިންނާ އިނދެގެން އުޅޭ ސްރީލަންކާގެ ރައްޔިތުންނަށް މި އެއްބަސްވުމުގެ ދަށުން މިފަދަ ހައްގުތައް ލިބިދީފައި ނުވާކަމަށް ބުނެއެވެ. އެހެން ކަމުން ދެ ގައުމުގެ ރައްޔިތުންނާއި މެދު އަމަލުކުރެވޭ ގޮތުގައި ހަމަހަމަކަން ގެއްލިފައި ވާކަމަށް ލާންކާ މީހުން ފާހަގަ ކުރެއެވެ.
އެތައް ޒަމާނެއް ވަންދެން ލަންކާގައި ދިރިއުޅޭ ދިވެހި އާއިލާތަކާއި ލަންކާގައި ދިރިއުޅޭ ބައިލައްކައަށް ވުރެ ގިނަ ދިވެހިން ލަންކާއިން ބޭރުކޮށްލުމަށް ގޮވާލެވޭ އަޑު ލަންކާގައި އަންނަނީ ގަދަވަމުންނެވެ. ސްރީލަންކާގެ ޓެކްސް ދައްކާ ރައްޔިތުންނަށް ލިބޭ މާލީ ބުރައަކަށް ދިވެހިން ވެފައިވާ ކަމަށް އަޑުއުފުލެންވެސް ފަށައިފިއެވެ. ދިވެހި އުޅަނދު ފަހަރަށް ކޮލަމްބޯ ބަނދަރުން ހިދުމަތް ދިނުން ހުއްޓާލުމާއި، ސްރީލަންކާގެ ވައިގެ ބަނދަރުތަކުން ދިވެހި މަތިންދާ ބޯޓުތަކަށް ހިދުމަތް ދިނުން ހުއްޓާލުމަށް ބައެއް މަދަނީ ޖަމިއްޔާތަކުން ލަންކާ ސަރުކާރަށް އެބަގޮވާލައެވެ.
ދިވެހި ސަރުކާރުން ސޮވްރިންގެރެންޓީ ދީގެން ސްރީލަންކާގެ ސަރުކާރު ބޭންކުތަކުން ނަގާފައިވާ 750 މިލިއަން ޑޮލަރަށްވުރެ ގިނަ އަދަދެއްގެ ލޯނު އަދާކޮށް ނިންމުމަށް ލަންކާ ސަރުކާރުން ދިވެހި ސަރުކާރުގައި އެދުމަށް ގޮވާލެވޭ އަޑު ދަނީ ވައިގައި ހިފަމުންނެވެ. އޭގެ މުގާބިލުގައި ރާއްޖޭގެ ހައިކޮމިޝަން އިމާރާތާއި ސޯސަންވިލާ ފަދަ ލަންކާގައި ހުރި ދިވެހިރާއްޖޭގެ އެސެޓްތައް އަތުލުމަށް އެބަ ގޮވާލައެވެ.
ރައީސް މުއިއްޒުގެ ދޮންމަ ރާއްޖޭން ޑިޕޯޓްކޮށްލި ކޮށްލުމާއި، ޑޮމެސްޓިކް ވަޔަލެންސެއްގެ މައްސަލާގައި ރާއްޖޭން މިދާކަށްދުވަހު ޑިޕޯޓްކުރި ލަންކާ ރައްޔިތެއް ކަމުގައިވާ ނަދީޝް ޕެރޭރާގެ މައްސަލަ ލަންކާ ރައްޔިތުން ނަގަނީ ހީކުރާކަހަލަ ލުއި ގޮތަކަށް ނޫނެވެ. ގޯސް ވަމުންދާ ލަންކާ-ރާއްޖެ ގުޅުން ރަނގަޅު ކުރުމަށް ދުރާލާ ވިސްނުންތެރިކަމާއެކު ސުލްހަވެރި މަސައްކަތްތަކެއް ނުކުރެވި، ކުރެވުނު ކަންތައް ހަލާލު ކުރަން ސަރުކާރުން އުޅެގެންފިނަމަ ފޫ ނުބެއްދޭވަރުގެ ބޮޑު ގެއްލުމަކަށް ވެދާނެއެވެ.