ފެނަކަ ސައީދާއެކު މޭޔަރ މުއިއްޒު ވެސް ހުންނަން ޖެހޭނީ ޖަލުގައި!
މަގާމުގެ ބޭނުންކޮށްގެން ހައްގުނޫން ފައިދާއެއް ބަޔަކަށް ހޯދާދިނުމުގެ ކުށުގައި ފެނަކަ ސައީދު 4 އަހަރަށް ޖަލަށް ލައިފިއެވެ. ސައީދުގެ ކުށަކީ ސައީދަށް ފެނަކައިގެ އެމްޑީކަން ލިބުމުގެ މާކުރިން ފެނަކައިން ބަޔަކާއެކު ވެފައިވާ އެއްބަސްވުމަކަށް ފެނަކައިން އަަމަލު ނުކޮށްގެން ގެއްލުމުގެ ބަދަލު ހޯދަން އެ ކުންފުނިން އެދުމުން ގެއްލުމުގެ ބަދަލު ދިނުމެވެ.
މައްސަލައެއް ނެތެވެ. ސައީދު އެކުރީ ކޮށްގެން ނުވާނެ ކަމެކެވެ. 1.3 މިލޔަންގެ އެއްބަސްވުމަކާ ޔާމީނު ވެރިކަމުގައި ފެނަކައިން ހިލާފުވެފައި ވާތީ ބްލޭޒަން އިންކް އަށް 8 ލައްކަ 40 ހާސް ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޝަރުއީ ހުކުމެއްނެތި ދިނުމަކީ ގޯހެކެވެ. މަގާމުގެ ބޭނުންކޮށްގެން ހައްގުނޫން ފައިދާއެއް ބަޔަކަށް ހޯދާދިނުމުގެ ގޮޅިއަށް ކިތަންމެ ރަނގަޅަކަށްވެސް ފެނަކަ ސައީދު އެހުރީ ފެތިފައެވެ.
ސުވާލަކީ މަގާމުގެ ބޭނުންކޮށްގެން ހައްގުނޫން ފައިދާ ހޯދާދީފައިވާ ޑރ. މުއިއްޒު މެން ކަހަލަ އެތައް ބަޔަކު މަތިހަށި ނަގާފައި އުޅޭއިރު ގާނޫނުގެ ދިގުއަތް އެ މީހުނަށް ނުފޯރަނީ ކީއްވެހެއްޔެވެ. އެންޓި ކޮރަޕްޝަން ކަމިޝަނުން ބަލަން އެނގެނީ ވަކި ބައެއްގެ މައްސަލަ އެކަނި ހެއްޔެވެ. ހުށަހެޅިފައިވާ އެތައް މައްސަލައެއް ޕާކްކޮށްލާފައި ބާއްވައިގެން ވަކި ބައެއްގެ މައްޗަށް ގާނޫނު ހިންގަން އޭސީސީ އާއި ޕީޖީ ފޫގަޅާލާފައި މިތިބީ ކީއްވެ ހެއްޔެވެ.
މަގާމުގެ ބޭނުންކޮށްގެން ހައްގުނޫން ފައިދާ ބަޔަކަށް ހޯދާ ދިނުމުން ގާނޫނު ނުހިގާ އެކަކީ ޑރ. މުއިއްޒެވެ. އޭގެ އެންމެ މިސާލަކަށް އާސަހަރާ މިސްކިތު މައްސަލަ އެކަނިވެސް ފުދެއެވެ.
ޑރ. މުއިއްޒު މާލޭ މޭޔަރަކަށް ހުރިއިރު އާސަހަރާ މިސްކިތް ތަރައްގީ ކުރުމަށް ބަޔަކަށް ކޮންޓްރެކްޓް ދިނެވެ. ދެ މަސްތެރޭގައި ހުރިހާ މަސައްކަތެއް ނިންމާ ހިދުމަތް ދޭން ކޮންޓްރެކްޓް ކޮށްގެން އާސަހަރާ މިސްކިތުގެ މަރާމާތުގެ މަސައްކަތް ފެށީ 2023 އަހަރުގެ މެއި މަހުއެވެ. ދެ މަހުން ނިންމަން ކުރި ކޮންޓްރެކްޓަށް ސިޓީ ކައުންސިލުން ފާސްކުރި ބަޖެޓަކީ 4.9 މިލިއަން ރުފިޔާއެވެ.
ކޮންޓްރެކްޓްގައި ކުރަން ބުނެފައިވާ މަސައްކަތް ނުކުރެވި އޮތްތާ އޮއްވާ ނުކުރާ މަސައްކަތަށް ކޮންޓްރެކްޓަރަށް 3.9 މިލިއަން ރުފިޔާ ދީފައި އޮވެ ޕްރޮޖެކްޓަށް ބަދަލުތަކެއް ގެނެސް މަސައްކަތް މުއިއްޒުވެ އެންމެ ފަހުން ކޮންޓްރެކްޓް ކުރީ ބާތިލެވެ. މަސައްކަތް ނުކުރަނީސް މުޅި ކޮންޓްރެކްޓްގެ 3/4 ގެ ފައިސާ ބަޔަކަށް ދިނުމަށް ފަހު ކޮންޓްރެކްޓް ބާތިލު ކޮށްލައިގެން އެ ބަޔަކަށް ހައްގުނޫން ފައިސާތަކެއް މިހާރުގެ ރައީސް އޭރުގެ މޭޔަރު މުއިއްޒު އެ ވަނީ ހޯދާދީފައެވެ. ކުޑަމިނުން މުއިއްޒު ހައްގުނޫން ފައިދާ ހޯދާދިން ބަޔަކީ ކޮންބައެއްކަން އަދި އަދަށްވެސް ވަނީ ސިއްރު ކޮށްފައެވެ.
މަގާމުގެ ބޭނުންކޮށްގެން ހައްގުނޫން ފައިދާ ބަޔަކަށް ހޯދާދިނުމުގައި ފެނަކަ ސައީދެކޭ މޭޔަރ މުއިއްޒެކޭ އޮތީ ކޮންތަފާތެއް ހެއްޔެވެ. ހުރިއްޔާ ހުރި ތަފާތަކީ ސައީދު ޖަލުގައި ހުރެފައި މުއިއްޒު ރިޔާސީ ގަނޑުވަރުގައި ހުރުމެވެ.

