ބާއްވާ ބޮޑު ޖަލްސާއަކުން ތާއީދެއް ނުފެންނާނެ.

ބާއްވާ ބޮޑު ޖަލްސާއަކުން ތާއީދެއް ނުފެންނާނެ.

‏ވިސްނާ ވިސްނާވެސް ޕީއެންސީ ވެރިކަމަށް ދެއަހަރު ފުރުން ފާހަގަ ކުރަން ދާންޖެހޭ ސަބަބެއް ހަމަ ނުވިސްނުނެވެ. ނެތްވަރު ދައްކާފައި ނެތް ފައިސާ ހަރަދުކޮށްގެން އެކިކަންކޮޅުން މީހުންގެނެސްގެން ޖަހަން މިއުޅެނީ ކޮން ސަކަރާތެއް ހެއްޔެވެ.

ބޮޑު ހަރަދުކޮށްގެން މަޝްހޫރު ފިލްމް ސްޓާރުން ލައްވާ ވީޑިއޯ ކްލިޕްތައް ހަދައިގެން ފަތުރަމުންދަނީ ހިލެއަކު ނޫނެވެ. ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދު ދީގެން މީހުން އުފުލުމަކީވެސް ކޮންމެތާކުން ކުރިޔަސް ކުޑަކުޑަ ހަރަދެއް ނޫނެވެ.

މިވަރުގެ ކެމްޕެއިނެއް ހިންގައިގެން ބަޔަކު އެއްތަން ކުރަނީ ކާކަށް ކޮން އެއްޗެއް ދައްކަން ހެއްޔެވެ. މާލެ ޖައްސާލަން ބޭނުންވެފައި ތިބިއެތައް ބަޔަކަށް ހިލޭ ޓިކެޓް ލިބުމުން މާލެ ނާންނާނެ ކަމެއް ނެތްތާއެވެ. ބަޔަކު ބައިހަދާފައި ދައުލަތް ލޫޓުވާއިރު އެމީހުން އަތުން ޓިކެޓްގަޑެއް ވެސް ލިބުމަކީ ލައްކަވަރެއް ކަމަށް ދެކިގެން މާލެ އަންނަ މީހުންވެސް އުޅޭކަމަށްވެއެވެ.

ރާއްޖެ އޮތް ހާލަތަށް ވިސްނާ ހަމަ ބުއްދި ހުރި އެކަކުވެސް މުއިއްޒު ކުރަން އުޅެނީ ހަމަޖެހޭ ތާކުންތާކުޖެހޭ ކަމެއްކަމަކަށް ގަބޫލެއް ނުކުރެއެވެ. ކުޑަމިނުން ބުރަދަނެއް އޮތް އިންތިހާބެއްވެސް ކުރިމަތީގައި އޮތިއެއް ނޫނެވެ. ސަރުކާރެއްގެ ނިސްބަތުގައި ކައުންސިލް އިންތިހާބަކީ އެތެރިގޭ އިންތިހާބެކެވެ. ސަރުކާރު ދެމިއޮތުމާ ކައުންސިލް އިންތިހާބާ ގުޅުމެއް އޮންނަނީއެއް ނޫނެވެ. 

ސަރުކާރަށް ރައްޔިތުންގެ ރުހުން އޮތްކަން އާރާބާރުގައި ތިބެގެން ބާއްވާ ބޮޑު ޖަލްސާއަކުން ސާބިތުކޮށެއް ނުދެވޭނެއެވެ. މިނިވަން އިންތިހާބަކުން ނޫނީ ރައްޔިތުންގެ ތާއިދު އޮތްވަރެއް ނޭނގޭނެއެވެ. ހިއްވަރެއް ހުރިއްޔާ ސަރުކާރާމެދު ރައްޔިތުންނަށް ފެންނަ ނުފެންގޮތް ބަލައިލަން މުޅި ރާއްޖޭން ފެންނަ ނުފެންނަ ވޯޓެއް ނަގާ ބަލާށެވެ. ހުތުރުގޮތަކަށް ގިނަ ބަޔަކު މުއިއްޒަށް ނޫނެކޭ ބުނާތަން ފެންނާނެއެވެ.