ޝިޔާމަށް: ފިޔޯރީ މަސްފެކްޓަރީއަށް ޗަކޮއި ޗަކުރަނީ ކީއް!

ޝިޔާމަށް: ފިޔޯރީ މަސްފެކްޓަރީއަށް ޗަކޮއި ޗަކުރަނީ ކީއް!

ފެލިވަރުގައި މަސް ބަންދުކުރާ ކާރުހާނާއެއް ތަރައްގީކުރުމަށާއި ގދ. ފިޔޯރީ އާއި ދ. މާދެލީގައި މުޅިން އަލަށް މަސް ކާރުހާނާ ގާއިމް ކުރަން އެއްބަސްވީ ފަހުން އަހަރު ދުވަހަށްވުރެ ގިނަވެއްޖެއެވެ. މަސް ޕްރޮސެސް ކުރާ 3 ކާރުހާނާ ހެދުމަށް ޗައިނާ ކުންފުންޏެއް ކަމަށްވާ ޑޮންގފަންގ އިލެކްޓްރޯނިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއި އެކު މުއިއްޒު ސަރުކާރުން ސޮއިކުރީ 2024 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

50 މިލިޔަން ޑޮލަރ ހަރަދުކޮށްގެން 100 ޓަނު މަސް ބަންދު ކުރެވޭ ވަރުގެ ކާރުހާނާއެއް ފެލިވަރުގައި ތަރައްގީ ކުރަން އޮތީ ކަނޑައެޅިފައެވެ. ދ. މާދެލީގައި ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 50 ޓަނުގެ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ. މާދެލީ ޕްރޮޖެކްޓަށް 75 ނުވަތަ 100 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް އަންދާޒާ ކުރިއެވެ. ފިޔޯރީގައި 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 100 ޓަނުގެ މަސް ބަންދުކުރާ ކާރުހާނާއެއް ގާއިމްކުރުމަށް ވެސް 75 ނުވަތަ 100 މިލިއަން ޑޮލަރު ހަރަދުކުރާނެ ކަމަށް މިނިސްޓަރ ޝިޔާމް އެދުވަހު ބުނެފައިވެއެވެ. 

އެއްބަސްވެފައިވާ ގޮތުން ސޮއިކުރާތާ 18 މަސް ދުވަހުގެ ތެރޭގައި 3 ފެކްޓަރީ ނިންމާ ހިންގަން ފަށަން ޖެހެއެވެ. އެހެން ކަމުން މިއަހަރު (2025) ގެ އޮކްޓޯބަރ މަހު 3 ފެކްޓަރީ ހުންނަން ޖެހޭނީ ހިނގަ ހިނގައެވެ. އެއްބަސްވުމުގައި ވާގޮތުން 3 ކާރުހާނާގެ އޮޕަރޭޝަން ފެށެން ދެން މިއޮތީ އެންމެ 4 މަސްދުވަހެވެ. 

އެހެން އެކަން އޮތްއިރު މި އަހަރު މޭމަހު ބޭއްވި "އަހާ ފޯރަމް"ގައިވެސް ފިޔޯރީ މަސްބަންދު ކުރާ ކާރުހާނާގެ ވާހަކަ ވަޒީރު ޝިޔާމް ދެއްކިއެވެ. އަހާ ފޯރަމުގައި ވަޒީރު ޝިޔާމް ބުނީ ފިޔޯރީގައި ގާއިމްކުރާ މަސްކާރުހާނާގެ މަސައްކަތް މިއަހަރު ތެރޭގައި ފަށައި ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. "އަހާ" ފޯރަމްގައި އަމާޒުވި ސުވާލަކަށް ޖަވާބު ދެމުން މިނިސްޓަރ ޝިޔާމް ބުނެފައިވަނީ ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތްތައް ނިމިފައިވާކަމަށާއި އީޕީސީގެ ކޮންޓްރެކްޓުގައި ސޮއިކުރުމުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ. 

ތިން ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލް މަހު (އެޕްރީލް 2025) ގައި ވަނީ ސޮއިކޮށްފައިވާ ކަމަށް 2025 ގެ މޭމަހު ބުނީމާ އުފެދޭ ސުވާލުތައް ގިނައެވެ. 2024ގެ އެޕްރީލްގައި ޑޮންގފަންގ ކުންފުންޏާއެކު 3 ފެކްޓަރީ އަޅަން ވީ އެއްބަސްވުމަކީ ކުރިމަތީގައި އޮތް މަޖިލިސް އިންތިހާބަށްޓަކާ ވެވުނު ފޭކް އެއް ބަސްވުމެއްކަން ފަޅާއެރީއެވެ. އަނެއްކޮޅުން ތިން ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި އެޕްރީލް 2025 ގައި ސޮއިކޮށްފައި ވާއިރު ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތްތައް ނިމިގެން "އަހާ ފޯރަމް" 5 ގެ ދެ ދުވަހެއް ފަހުން ސޮއިކުރަން އޮންނާނީ ކޮން އީޕީސީ ކޮންޓްރެކްޓެއްގައި ހެއްޔެވެ. 

ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ވަރަށް ދޮގު ހެދުމުގައި މީހަކަށް ދޫކުރާ މީހަކު މުއިއްޒު ސަރުކާރުގައި ނެތެވެ. ދޮގު ހެދުމާއި ސްކޭމް ހިންގުން ނޫންކަމެއް ނެތްއިރު ދެކޮޅުޖެހޭ ގޮތަށް ދޮގެއް ހަދަންވެސް އެނގެނީއެއް ނޫނެވެ. ޝިޔާމޫއެވެ. ޗަކޮއި ޗަކުރަނީ ކީއްހެއްޔެވެ.