ޝުޖާއަށް ކޮވިޑްގައި މާސްކެއް ނުލިބުނަސް ރުފިޔާ މިލިޔަނެއް ލިބުނެއްނު!

ރޯދަހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ސަރުކާރުން މަސްދަޅު ކޭހެއް ދިނުމަކީ ހަމަ އެންމެ ރަނގަޅުކަމެކެވެ. ތަކެތީގެ އަގު މިހާމަތި ދުވަސްވަރެއްގައި މަސްދަޅު ކޭހެއްވެސް ހިލޭ ލިބުމަކީ ލައްކަ ބޮޑު ލުޔެކެވެ. ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމެކެވެ.
ސަރުކާރުން ހިލޭދޭ މަސްދަޅު ކޭހުގެ ބަރަކާތް ކެނޑޭވަރަށް ސަރުކާރުގެ ދުންމަރިތަކުން އެވާހަކަ އެބަ ދައްކައެވެ. ބަރަކާތްތެރި ރޯދަމަހާ ގުޅުވައި ސަރުކާރުންވިޔަސް ކުރާ ސޮދަގާތަކީ ކުރެވޭ މާމޮޅުކަމަކަށް ހަދައިގެން ދައްކަންޖެހޭ ވާހަކައެއް ނޫނެވެ. ނިއުމަތެއް ލިބިގެން ޝުކުރުވެރިވާ ބަޔަކު ޝުކުރުވެރިވާނީ ބަޔަކު ޔޯގޮވައިގެނެއް ނޫނެވެ.
ސަރުކާރުން މިއަހަރު ހިލޭ މަސްދަޅު ދެވޭތީ ހީވަނީ އެހެން ކަމެއް ހެންނެވެ. އައުކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ގުއިވަޅު މެހި މީހުންގެ ކަންފަތް ބުޑުގައި ބޫން އަޅުވާތީ މީހުން އަރަނީ ރުޅިއެވެ. ގައްމާޒު ހެދިގެން ބާރަށު މައިކުން ތޫރިފެޅޭ ވަރަށް އަޑުލާތީ މީހުންގަނޑު އެތިބެނީ ކަންފަތުގައި އަތް އަޅައިގެންނެވެ. އިހުލާސްތެރި ތެދުވެރި ނިޔަތެއްގައި ދޭ އެއްޗެއްކަމަކަށް މީހުން މިހާރަކު ގަބޫލެއް ނުކުރެއެވެ.
ރައީސް މުއިއްޒު ސަރުކާރުން ރޯދަ ހަދިޔާއަށް މަސްދަޅުކޭސް ހިލޭދެވޭތީ އަރުވާތީ މިފެންނަނީ ހާދަހާ ފޮނެކެވެ. މަސްދަޅުބެހޭތީ މުއިއްޒުގެ ކުލީ ގަލަންތަކާއި މުއިއްޒު ސަރުކާރުން ބައިއެޅޭ މީހުން ފަޔަށް ހިނި އަރައިގެން ތިބެ އެގޮވަނީ ކުރީ ސަރުކާރުން ކޮވިޑްގައި މާސްކެއްގެ މިންވަރުވެސް ހިލޭ ނުދޭވާހަކައެވެ.
ބާރަށު ޝޫޖާއާއި ޝިއުނާ މެންކަހަލަ މީހުން ހާދަހާވާ ހަނދާން ބައްޔެވެ. މުއިއްޒުގެ ބޮޓުންގެ ބަލި ހަނދާނަށް ހަމްދަރުދީވަމެވެ. ރާއްޖޭގައި އޭރު ދިރިއުޅުނުހާ ދޭސީންނާއި ބިދޭސީންނަށް ތިން ޑޯޒް ވެކްސިން ކުރީ ސަރުކާރުން ހިލޭ ނުދޭކަމަކަށް ނުހެދޭނެއެވެ. އެތައް ހާސް ބަޔަކު ފަސްތަރި ރިސޯޓްތަކުގައި ކަރަންޓީން ކޮށްދީގެން ކެއުންބުއިމާ ބޭސް ފަރުވާކުރީ ހިލޭ ނޫންކަމަކަށް ނުވާނެއެވެ.
ކޮވިޑް ތެރޭގައިވެސް ހިލޭ ޑިގްރީ ޕްރޮގްރާމް ހިނގަމުން ދިޔައެވެ. ކޮވިޑް ތެރޭގައި އާމްދަނީ ލިބުން ހުއްޓުނު މީހުނަށް އިންކަމް ސަޕޯޓް އެލަވަންސް ހަމަސް ދުވަސްވަންދެން ދިނެވެ. ބާރަށު ޝުޖާ ކުންފުންޏަށްވެސް އެއް މިލިޔަން ރުފިޔާގެ ކޮވިޑް ސަޕޯޓް އެލަވެންސް ލިބުނު ނޫންހެއްޔެވެ. މާސްކެއް ހިލޭ ނުލިބުނަސް ހެޔތާއެވެ.
އިންކަމް ސަޕޯޓް އެލަވެންސް ދިނީ ރާއްޖޭގެ މަސައްކަތްކުރަމުންދިޔަ ކޮންމެ މުވައްޒަފެއްގެ މުސާރަ 5 ހާސްއަށްވުރެ ދަށްނުވާނެ ގޮތަށެވެ. ސަރުކާރުކާރު މުއައްޒަފެއް އެހެން މުއައްޒިފެއް ތަފާތެއް ނުކުރެއެވެ.
ގައުމުތަކުގެ ބޯޑަރު ބަންދުވެފައި އޮތަސް ބޭރުގައި ހާލުގައި ޖެހިފައި ތިބި އެތައް ސަތޭކަ ބަޔަކު ރާއްޖެއަށް ގެނަސްދިނީ ހިލެއެވެ. ފެންބިލުން %30 ، ކަރަންޓް ބިލުން %40 ދެ މަސްދުވަހު ހިލޭކޮށް ދިނެވެ. މުޅިދުނިޔެ ބަންދުވެފައި އޮތަސް ރާއްޖޭގައި އުފައްދާ އެއްޗެތި ނޫންނަމަވެސް ދަތިކަމެއްނެތި ހެޔޮ އަގުގައި ކާބޯ ތަކެތި އުފައްދާ ބާވަތްތަކާއި ފެނާއި ތަރުކާރީއާއި މޭވާ ހެޔޮއަގުގައި ލިބެން ހުއްޓެވެ.
ގޭގައި ބައިތިއްބައިގެން ދައުލަތުގެ ހުރިހާ މުއައްޒަފުންނަށް ހަމަ މުސާރަ ސެންޓެއްވެސް އުނިނުކޮށް ދިނެވެ.
ކޮވިޑަކީ އެމްޑީޕީގެ ނުވަތަ އިބޫ ސޯލިހުގެ އުފެއްދުމެއް ނޫނެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީވަބާއެކެވެ. ބަޔަކަށް ވެންޓީލޭޓަރ ނޫން އެއްޗެއް ކޮވިޑުން ހަނދާން ނެތަސް މުޅި ދުނިޔޭންވެސް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖުކުރި ފަސްގައުމުން އެއް ގައުމަށް ރާއްޖެވީ ރަނގަޅަށް ސަރުކާރަކުން ގިނަގުނަ ކަންތައްތަކެއް ކުރީމައެވެ. ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ ފުރާނަ ކޮވިޑްގައި ނުގޮސް ސަލާމަތްވީ ހެޔޮވެރިކަމެއް އިބޫ ސޯލިހަށް ކުރެވުނީމައެވެ.