ދި ޑިމޮކްރެޓްސް އަކީ އެމްޑީޕީއެއް ނޫން
އެމްޑީޕީ ސްލޮޓް އޮންނާނީ އެމްޑީޕީ މީހުނަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ބާރެއްގެ ބޭނުން ކުރަންޖެހޭ ގޮތްވެސް އެނގެނީ އީވާމެން ވައްޑެމެންނަށެވެ. ރައީސް ސިޔާސީ މަގާމު ދެއްވަންޖެހޭ މީހުންނާއި ވަކި ކުރާންޖެހޭ މީހުން ވެސް އެނގެނީ އެމީހުންނަށޯލައެވެ. އެމްޑީޕީ ކަމުނުގޮސްގެން އެމްޑީޕީން ވަކިވިޔަސް އެމްޑީޕީން ހޯދާދީފައި އޮތް މަގާމެއް މުސާރައެއް ގެއްލިގެން ނުވެޔޯލައެވެ.
ހައިރާން ވާވަރުވެއެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަން ކުރައްވަމުން އެގެންދަވަނީ ކޯލިޝަނަކުންނެވެ. ކޯލިޝަނުގެ މައިޕާޓީއަކީ އެމްޑީޕީއެވެ. ރައީސް ސިޔާސީ މަގާމުތައް ދެއްވުމުގައި އަމަލުކުރައްވަމުން ގެންދަވާފައި އޮތީ ކޯލިޝަން ޕާޓްނަރުންގެ މެދުގައި އެއްބަސްވެފައިވާ ނިސްބަތަކުން ކޯލިޝަން ޕާޓީތަކަށް ސިޔާސީ މަގާމު ދެއްވުމެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބޭނީ އެމްޑީޕީ މީހުންނާއި ޖޭޕީ މީހުންނާއި އަދާލަތު ޕާޓީ މީހުންނާއި އެމްއާރުއެމް މީހުންނެވެ. ޕީޕީއެމް މީހުންނާއި ޕީއެންސީ މީހުނެއް މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ނުތިބޭނެއެވެ. ހަމަ އެހެންމެ ކޯލިޝަން ޕާޓީއަކަށް ނިސްބަތްނުވާ މީހުންނަކަށް މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ތިބެވިގެން ނުވާނެއެވެ.
ކޯލިޝަން ޕާޓްނަރުންގެ ސްލޮޓެއްގައި ސަރުކާރުން ސިޔާސީ މަގާމު ހޯދައިގެން ހުރި މީހަކު ކޮލީޝަންގައި ނުހިމެނޭ ޕާޓީއެއްގެ މެންބަރަކަށް ވެގެން ކޯލީޝަން ޕާޓްނަރުންގެ ސްލޮޓް ހިސޯރުކޮށްގެން ނުތިބެވޭނެއެވެ. މީހަކު ޕާޓީ ދޫކޮށްލާނީ އެ މީހަކަށް ލިބޭ މަންފާތަކާ ވެސް އެކުގައެވެ. ލަދެއް ހަޔާތެއް ހުރިނަމަ އެވާހަކަ ނުވެސް ދައްކާނެއެވެ. ވަޒީފާގެ ބިރު ދައްކަނީއޭ ކިޔައިގެން ނާޖާއިޒު ފައިދާ ނެގޭނެ ކަމަށް ހީނުކުރާށެވެ.
ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އެމްޑީޕީގެ ސްލޮޓްގައި ސިޔާސީ މަގާމު ހޯދައިގެން ހުރި މީހަކު އެމްޑީޕީ ދޫކޮށް އެހެން ޕާޓީއަކާ ގުޅޭނީ ސިޔާސީ މަގާމު ބޭނުން ނެތިގެންނެވެ. އެމްޑީޕީން އެމީހަކު ވަކިވުމުން އެމްޑީޕީގެ ސްލޮޓް އެމީހަކަށް ގެއްލޭން ޖެހެއެވެ. އެސްލޮޓަކީ އެމްޑީޕީ މީހުންގެ ހައްގެކެވެ. އެމްޑީޕީ ދޫކޮށްލައިގެން އެމްޑީޕީގެ ސިޔާސީ ސްލޮޓެއްގައި ހުރުމަކީ ޝަހުސު އޮޅުވާލުމެކެވެ. އެމީހަކު ވަކިކޮށް އެމްޑީޕީ އެހެން މީހަކަށް އެ ސްލޮޓެއް ދޭންޖެހެއެވެ.
ޕާޓީތަކުން ޕާޓީ ސްލޮޓްގައި ސިޔާސީ މަގާމު ދެނީ ޕަޓީއަށްޓަކާ މީހަކު ވެފައިވާ ގުރުބަނީއާއި އެމީހެއްގެ ސަބަބުން ޕާޓީއަށް ރަނގަޅު ގޮތްތަކެއް ވާނެކަމުގެ ޔަގީންކަން އޮންނަ މީހުންނަށެވެ. އެމީހަކު ޕާޓީގައި ނުހުރެ ޕާޓީ ދޫކޮށްލުމުން ކިތަންމެ ބޮޑު ގުރުބާނީއެއް ވެފައި އޮތަސް އެޕާޓީއެއްގައި އެމީހެއްގެ ހައްގެއް އެހިސާބަކުން ނުއޮންނާނެއެވެ. މީހަކާ އިނދެގެން ކިތަންމެ ދަރިންނެއް ލިބިފައި ތިއްބަސް ވަރިވުމަށްފަހު އެދެމީހުނަށް އަނބިފިރި ކަމުގެ ހައްގު ނުއޮންނަ ފަދައިންނެވެ.
މޮޔަނުވާށެވެ. ޕީޕީއެމު ގެ ދަރިއަކަށް ޕީއެންސީ ވެދާނެއެވެ. އެކަމަކު ދި ޑިމޮކްރެޓްސް އަކީ އެމްޑީޕީއެއް ނޫނެވެ. އެމްޑީޕީ ލީޑްކުރާ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ވެސް ނޫނެވެ. އެމްޑީޕީ މެންބަރަކަށް އޮތް އެއްވެސް ހައްގެއް އެމްޑީޕީން ވަކިވެފައިވާ މީހަކަށް އެމްޑީޕީއަކު ނުއޮންނާނެއެވެ. ހަމަތެދެކެވެ. އިނދެ ވަރިކޮށްފައި ތިއްބަސް ދެމަފިރި ކަމުގެ ހައްގު އޮންނަން ވޭހެއްޔެވެ. ނުއޮންނާނެއެވެ. އެކަމަކު އީވާމެންގައި ތިޔަ ހުންނަނީ ސައްޓިނުބައި ބަތްކޮޅު ހެޔޮ ވުމުގެ އުސޫލެވެ.