ފިކުރުގެ ދިރުމަކަށް ދައުލަތެއް ނުހުއްޓުވޭނެ!
ދައުލަތް ހުއްޓުވާން ބަޔަކު އުޅުނަސް ހެޔޮ ވިސްނޭ މެންބަރުން އެ ފުރުސަތެއް ނުދޭނެ
އެއްވެސް އިހުލާސްތެރި ކަމެއްނެތި ޖެއްސުންކޮށް ފުރައްސާރަ ކުރުމުގެ ގޮތުން ފިކުރުގެ ދިރުމުން މަޖިލީހަށް ގަރާރާއި ކުއްލި މައްސަލަ ވެއްދުމުގެ ބޭނުމަކީ ފިތުނަ އުފެއްދުމެވެ. ފިތުނައިގެ އަލިފާނުގައި އެމްޑީޕީ އަންދާ ހުލިކޮށްލުމެވެ. ރައީސް ނަޝީދަށް ވެރިކަންނެތިއްޔާ ސަރުކާރެއްވެސް ވެރިކަމެއްވެސް އޮވެގެން ވާކަށް ނެތެވެ. ފިކުރުގެ ދިރުމުގެ ފިކުރަކީ ނަޝީދު ނޫން އެހެން މީހަކަށް ތާއީދުކުރުމާއި ވޯޓު ދިނުމަކީ ޑިމޮކްރަސީއެއް ނޫނެވެ. ފިކުރުގެ ދިރުމަށް ރިޔާސީ ނިޒާމެއް ކަމަކު ނުދެއެވެ. ރިޔާސީ ޓިކެޓް ކަމުދެއެވެ.
ފިކުރުގެ ދިރުމަށް ނިސްބަތްވާ މެމްބަރުން މަޖިލިހަށް ހުށަހެޅި ގަރާރުތަކެއް މަޖިލީހަކަށް މިއަދަކު ބަލައެއް ނުގަތެވެ. ސައްޕު ޖަހާ ކޮށްލީ ބޭރެވެ. މަޖިލިހުގެ ރިޔާސަތު ބެލެހެއްޓެވި ނައިބު ރައީސް އީވާ އަބްދުﷲ ވޯޓަށް އެހި ގަރާރުތައް ފާސްނުވެ ދިޔައީ ބޯމަތިން ލާފައެވެ.
އައްޑޫ އެއަރޕޯޓް ޕްރައިވަޓައިޒް ކުރުމުގެ ނަމުގައި ފިކުރުގެ ދިރުމުން ގަރާރެއް ހުށަހެޅީ ސަރުކާރުން ހިންގާ އައްޑޫ ތަރައްގީ ކުރުމުގެ ޕްލޭން ފާލުން ނައްޓުވަލާ އައްޑޫގެ ތަރއްގީއަށް ކަމެއް ކުރިޔަ ނުދިނުމަށެވެ. ސަރުކާރުން ވަށާޖެހޭގޮތަށް ރާވާ ހިންގަންފަށާފައިވާ އައްޑޫ ތަރއްގީކުރުމުގެ ބިޔަ މަޝްރޫއު ހުއްޓުވުމަކީ އެ ގަރާރުގެ މަގްސަދެވެ. ފިތުނަވެރި ކަމުން ފުރިގެންތިބެ ދިރުވާން އުޅޭ ފިކުރެއްގެ މަޅީގައި އެމްޑީޕީއާއި އައްޑޫގެ ގިނަ ރައްޔިތުން ތިބީ ޖެހޭ ގޮތަކަށް ނޫނެވެ. ދިވެހި ގިނަ ރައްޔިތުންނަށް ފިކުރެއްގެ ދިރުމަކީ ކޮން އެއްޗެއްކަން އޮޅެގެނެއް ނޫޅެއެވެ.
ދިވެހި ދައުލަތުން ދަރަނި ނެގުމާއި ދެއްކުމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން ކުރަން ދިވެހި ރައްޔިތުން ރައީސުލްޖުމްހޫރިއްޔަ އަކު އައްޔަނުކޮށްފައި އެ ބަހުއްޓެވެ. ދައުލަތް ހިންގުމުގެ ހުރިހާ ބާރުތަކެއް ރައްޔިތުން ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. ޖަވަބުދާރީ ކުރުވުމަށް މަޖިލީހަށް ލިބިދީފައި އޮންނަ ބާރަކީ ދައުލަތް ހިންގިޔަނުދީ ހުއްޓުވުމަށް ދީފައި އޮންނަ ބާރެއް ނޫނެވެ. ދައުލަތް ހިންގުމުގައި މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަންކަމާއި ދައުލަތުގެ ހިންގުމުގެ ތެރެއަށް މަޖިލީހުން ވަދެވޭނެ މިންވަރު ގާނޫނު އަސާސީގައި ބަޔާންވެފައި އޮވެއެވެ.
ރައްޔިތުންގެ މަޖިލީހަކީ ދުވަހުން ދުވަހަށް ދައުލަތް ހިންގުމުގެ ތެރެއަށް ވަދެ ހިންގާބާރު ފައިދަތި އަޅުވަން ތިބޭ ބައެއް ނޫނެވެ. ދަރަނި ނެގުމާ ދަރަނި އަދާކުރުމަކީ އިންތިޒާމެއްގެ ތެރެއިން ތަރުތީބު ވެގެން ކުރެވޭ ކަމެކެވެ. އަމަލީ މަސައްކަތާއި މާދުރުގައި ތިބެ އެހެން ހަދާ، މިހެން ހަދާށޭ ބުނެގެން ޖަޒްބާތުގައި ފާސްކުރާ ގަރާރަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫނެވެ.
ކިތަންމެ ބާރަށް ފިކުރެއް ދިރެ ކޯދުލާ ބަންޑުން ވިޔަސް ރޮނގު ހުރަސް ކުރަން ނުހަދާށެވެ. މަޖިލީހުގެ ދައުރާ މަޖިލީހަކީ ކީއްކުރާ ތަނެއްކަން ދަންނަ ހެޔޮވިސްނޭ މެންބަރުން މަޖިލީހުގައި އެބަ ތިއްބެވިއެވެ. ވަކި މީހަކަށް ވެރިކަން ހޯދާދިނުމުގެ މަސްތުގައި ދައުލަތް ހުއްޓުވާން ބަޔަކު އުޅުނަސް ހެޔޮ ވިސްނޭ މެންބަރުން އެފުރުސަތެއް ފިކުރެއްގެ ދިރުމަކަށް ނުދޭނެއެވެ.