މީހުނަށް ވަގަށްގޮވަމުން ވައްކަންކުރުން މެކުހުގައި!
ހަދާނެ އެއްޗެއް ހަދާއިރު ފަސް އަހަރުވަންދެން ތިބެންވީތަ!
ދިވެހި ރައްޔިތުންގެ ބަޔަކު ވޯޓް ދީގެން މުއިއްޒަށް ފަސް އަހަރަށް ވެރިކަން އޮތީ ދީފައެވެ. ފަސް އަހަރަށް ވެރިކަން ދިން ބަޔަކު ދިނިއްޔަކީ ގައުމު ވީދާ ނޮޅާ ކާނެ މީހަކު ނެތިގެން ގައުމު ވީދާ ނޮޅާ ކާކަށް ނޫނެވެ.
މުއިއްޒުގެ ވެރިކަމަށް މިވީ އެންމެ އަހަރެކެވެ. އެތައް މިތަނުން އިވެނީ ގައުމު ދަވާލާ ކައި ހުސްކުރާ ވާހަކައެވެ. ދޮންކަޅު އަންގާނުލާ ދައުލަތުގެ ބަޖެޓުން 30 ބިލިޔަން ރުފިޔާއަށް ހެދިނުހެދި އެނގޭ އާދަމު ދަރިއަކު ނެތެވެ. ކަންކަން ކުރުމަށް ތަންތަނާ ލާޖައްސާ އެކިއެކި ކުންފުނިތަކުން ފައިސާ ނަގާ އެތައް ބިމަކާ ފައިސާ ދައުލަތުން ލޫޓުވާލުމަށް ފަހު އެއްބަސްވުން ބާތިލު ކުރަނީއެވެ.
ފުށިދިއްގަރުފަޅުގައި ރަސްމާލެ ހެދުމަށް ބަޔަކަށްދީ ހުޅުމާލޭ ބިމުން އެތައް ހެކްޓަރެއްގެ ބިން އެ މީހުނަށްދީ ރަސްމާލެ ނުހިއްކާ އެއްބަސްވުން ބާތިލުކޮށްލީއެވެ. މުއިއްޒާއި ފަޒުލަށް ބައިއަޅާގެން ރާޖޫ ކިޔާ މީހަކު ދައުލަތުގެ ބިންތަކެއް ކައްވާލައިފިއެވެ.
ޕޯޓެއް ހަދަން ބޭރު ބަޔަކާއެކު އެމްއޯޔޫއެއްގައި ސޮއިކުރީ އެކަން ނުކުރަނީސް އެއްބަސްވުން ބާތިލުކޮށްފިނަމަ އެތައް ސަތޭކަ މިލިޔަން ޑޮލަރެއް ސަރުކާރުން އަނބުރާ ދައްކަން ޖެހޭ ގޮތަށެވެ. ޕޯޓް އެއްބަސްވުން ހެދީވެސް އެކަން ނުކޮށް އެމީހުން އަތުން އެތައް ސަތޭކަ މިލޔަން ކައްވާލައިގެން އެމްއޯޔޫ ބާތިލު ކުރާގޮތަށެވެ. ދައުލަތް ދަވާލުމުގެ އައު އުކުޅުގެތެރެއިން އެ އެއްބަސްވުން ބާތިލުކޮށް ދައުލަތުން އެތައް ސަތޭކަ މިލިޔަން ޑޮލަރ އެ ޕާޓީއަށް ދައްކަން ޖެއްސީއެވެ.
ތިނަދޫ ފަޅުގައި އެއަރޕޯޓެއް އެޅުމުގެ ނަމުގައި ބާރައަށްވުރެ ގިނަ ފަޅުރަށް ބަޔަކަށްދީ އެ މީހުން އަތުންވެސް އެތައް މިލިޔަން ޑޮލަރ ކައްވާލިކަމަށް ތުންތުން މަތިން އިވެއެވެ. ބަންކަރިންގ ހިދުމަތް ދިނުމުގެ ނަމުގައިވެސް ވިޓޯލް ކުންފުންޏާއެކު ހަދައިގެން އުޅޭ އެއްބަސްވުމުގައި ވެސް އޮތީ މިލިޔަން ޑޮލަރގެ ކޮރަޕްޝަންއެވެ. އާހިރުގައި ދައުލަތުގެ އެންމެ ކާމިޔާބު ކުންފުނި އެސްޓީއޯ އެދަނީ ހަނާވަމުން ފަނާވަމުންނެވެ.
ފުނަދޫ ތެޔޮ ސްޓޯރޭޖް ނަގާ ހުޅުލެއާއި ފުނަދުއާއި މާލެއާއި ގުޅާލާ މިނީ-ރޭލް ލިންކާއި ސީޕްލޭން ޓާމިނަލް ބަދަލު ކުރުމަކީ ރޭވިފައި އޮތް ބޮޑެތި ކޮރަޕްޝަނެވެ. އަލިފާން ނިވާ ޑްރޯނާއި ސަރޗް އެން ރެސްކިއު ޑްރޯންގެ ވާހަކަ ދެއްކުމެއް ނެތެވެ. ގެއްލުނު ކަނޑު ހޯދުމުގެ ނަމުގައިވެސް އެތައް މިލިޔަން ޑޮލަރެއް ތަޅާއަޅާލައިފިއެވެ.
ހާލުދެރަ އެންސްޕާއެއް އާސަންދައެއް ސްޓެލްކޯއެއްް ފެނަކައެއް ފިއުލް ސަޕްލައިއެއް އެމްޑަބްލިޔުއެސްސީއެއް އެމްޕީއެލްއެއް އެޗްޑީސީއެއް ދުލެއް ނުކުރެއެވެ. ފަންޑް މެނޭޖުމެންޓެއް، ޑިވްލޮޕްމެންޓް ބޭންކެއް، ބީއެމްއެލްއެއް އެމްއެމްއޭ އެއް ކިޔާނެކަމެއް ނެތެވެ. ލޫޓުވުމާއި ހިޔާނާތާއި ކޮރަޕްޝަނާ ފަސާދައިން ވަނީ ފޯވެފައެވެ.
އަނެއްކޮޅުން ބިމާ މުދާ ލޫޓުވުމުގައި މުއިއްޒާއި މުއިއްޒުގެ ބައިވެރިން ތިބީ އެނދު ކެނޑިފައެވެ. އެމީހަކަށް އަތުޖެހުނު ފައިސާއަކާއި އެއްޗެއް ލޫޓުވުމުގައި މޫނެއް ކަނދުރާއެއް ނުބަލައެވެ. މައިސޯބާ އެއްގޮތަށް ކުދި ސޯބުތައް އެނބުރެނީ ފަތުއަޑު ކިޔާފައެވެ. ކުރީ ސަރުކާރަށް ވަގަށް ގޮވަމުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތައް ވާގިނައްތާލައިގެން އެންމެ އަހަރެއްގެ ތެރޭގައި ގައުމު ދަވާލުމުގައި ހިސާބެއް ކިތާބެއް މިނެއް ހައްދެއް ނެތެވެ.
މިހާވަރުން ދަންޏާ މުއިއްޒު ވެރިކަމުގެ ފަސްއަހަރު ނިމޭއިރު ރާއްޖެއަށް ޖެހިފައި އޮންނާނެ ނިކަމެތި ހާލު ހިތައްވެސް އަރުވާލަން ދައްޗެވެ. ހަދާނެ އެއްޗެއް ހަދަން މިވަރުގެ ވެރިކަމެއް ފަސް އަހަރުވަންދެން ބާއްވައިގެން ހަމަ ތިބެންވީ ހެއްޔެވެ.