ބަޔަކު މެރުމަށް އޭއައި އެހީތެރިވިކަމަށް ތުހުމަތުކޮށް ދައުވާކޮށްފި
ޓަމްބްލާ ރިޖްގައި ހިނގި ބަޑީގެ ހަމަލާއާ ގުޅިގެން އޯޕަން އޭއައި އާއި ދެކޮޅަށް ދައުވާކޮށްފިއެވެ. އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނި " އޯޕަން އޭއައި" އާއި ދެކޮޅަށް ދައުވާ ކުރީ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ޓަމްބްލާ ރިޖްގައި ދިން ބަޑީގެ ހަމަލާއެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 12 އަހަރުގެ އަންހެން ކުއްޖެއްގެ މަންމައެވެ.
އާޓިފިޝަލް އިންޓެލިޖެންސް އުފައްދާ ކުންފުނި "އޯޕަން އޭއައި" އާ ދެކޮޅަށް ކުރި ދައުވާގައި ބުނެފައިވަނީ އެ ކުންފުނީގެ ޗެޓްބޮޓެއް ކަމަށްވާ "ޗެޓް ޖީޕީޓީ" އިން، ހަމަލާ ދިން މީހާއަށް އެކަން ރޭވުމުގައި އެހީތެރިވެދީފައިވާ ކަމަށެވެ.
ދައުވާ ހުށަހެޅި ސިއާ އެޑްމަންޑްސް ބުނާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު އަށް މީހަކު މަރާލުމަށްފަހު އަމިއްލައަށް މަރުވި އުމުރުން 18 އަހަރުގެ ޖެސީ ވަން ރޫޓްސެލާރ އަށް، އެ ޗެޓްބޮޓް މެދުވެރިކޮށް "މައުލޫމާތާއި، އިރުޝާދާއި އަދި އެހީތެރިކަން" ފޯރުކޮށްދީފައިވެއެވެ.
ދައުވާގައި އިތުރަށް ބުނެފައިވަނީ، ހަމަލާދިން މީހާގެ ޕޯސްޓްތަކުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އެ ކުންފުނީގެ އެތެރޭގެ ނިޒާމުތަކުން ދެމުންދިޔަ ނަމަވެސް، އޯޕަން އޭއައި އިން އެކަމާ މެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
ހާދިސާގެ ތަފްސީލަށް ބަލާއިރު، ހަމަލާދިން މީހާ އެންމެ ފުރަތަމަ އޭނާގެ މަންމައާއި އެއްބަނޑު އެއްބަފާ ކޮއްކޮ މަރާލުމަށްފަހު، ޓަމްބްލާ ރިޖް ސެކަންޑަރީ ސްކޫލަށް ގޮސް ފަސް ދަރިވަރުންނާއި ޓީޗަރެއްގެ އެހީތެރިއަކު މަރާލިއެވެ. އަދި މި ހަމަލާގައި މާޔާ ގެބާލާ ހިމެނޭހެން ދެ ދަރިވަރަކު ޒަހަމްވިއެވެ.
ތުހުމަތުތަކާ ގުޅިގެން އޯޕަން އޭއައި އިން އަދި މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މައްސަލައަކީ އަދި ކޯޓުގައި ސާބިތުވެފައިވާ މައްސަލައެއް ނޫނެވެ.
މި ހަމަލާގައި ސިކުނޑިއަށް ބޮޑެތި އަނިޔާތަކެއް ލިބުނު މާޔާ، ހަފްތާތަކެއް ވަންދެން ފަރުވާ ހޯދުމަށްފަހު މިހާރު އަންނަނީ އަމިއްލައަށް ނޭވާލަމުންނެވެ.




