ފެނަކައިން އިޔާދަކުރަނިވި ހަކަތަ ލ.ގަމަށް

ފެނަކައިން އިޔާދަކުރަނިވި ހަކަތަ ލ.ގަމަށް

ގިނަ ބަޔަކަށް ފެނަކަ ސިފަވެފައި ވަނީ ހަމައެކަނި ޑީސަލް އަންދައިގެން ކަރަންޓު އުފައްދާ ކުންފުންޏެއްގެ ގޮތުގައެވެ.

އެހެންނަމަވެސް ފެނަކައަކީ އިިޔާދަކުރަނިވި ހަކަތައަށް ރައްޓެހި، އަދި ތިމާވެށި ރައްކާތެރި ކުރުމަށް ބާރުއަޅާ ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ ފޯރުކޮށް ދޭން މަސައްކަތް ކުރާ ކުންފުންޏެއްކަން އެނގެނީ ކިތައް މީހުނައް ބާވައެވެ. މި ގޮތުން އިޔާދަ ކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގައި ބެލެހެއްޓުމަށް ހާއްސަ ޑިޕާޓްމަންޓެއް ފެނަކައިގައި ވަނީ ކުރިއްސުރެ ގާއިމް ކޮށްފައެވެ. ފެނަކައިގެ ޓެކްނިކަލް ސާރވިސް އެންޑް ގްރީން އެނާޖީ ޑިޕާރޓްމަންޓުން އަންނަނީ އަތޮޅުތެރޭގެ ރަށްރަށުގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމަށް ސޯލާޕެނަލްތައް ހަރުކުރަމުންނެވެ.

މިގޮތުން އެންމެ ފަހުން ސޯލާޕެނަލް ހަރުކުރީ ލ.ގަމު އިޖުތިމާއީ ސެންޓަރުގައެވެ. މިއީ ފެނަކަ އާއި އެ ރަށުގެ ރަށު ކައުންސިލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިޔަށް ގެންދެވުނު މަޝްރޫއެކެވެ.

ފެނަކައިން ބުނާގޮތުގައި މި ހަރުކުރެވުނު ސޯލާޕެނަލްއިން އުފައްދާ ކަރަންޓު ބޭނުން ކުރަން ފެށުމުން ކުރިން ކަރަންޓުބިލައް އަރަމުން އައި 10,805.45 ރުފިޔާ 1552.02 ރުފިޔާއަށް ބަދަލުވެގެން ދާނެއެވެ. މިއީ ގާތްގަނޑަކަށް ހަ ގުނައަށް ވުރެ ބޮޑު އަގު ހެޔޮވުމެކެވެ.