ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ ޝައުގުވެރި
ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތް.
11 ނޮވެމްބަރ 1978 ގައި ފުރަތަމަ ހުވާ ކުރިރޭ އައި ފުރަތަމަ ނޮވެމްބަރ 3 ގައި އެންމެ ވަޒަނެއް ގޮއްވާ ނުލާ ނިމުނަސް 10 އަހަރު ފަހުން ގެނައި އަސްލު ނޮވެމްބަރ 3 ވެގެން ދިޔައީ 19 ދިވެހިން ޝަހީދުކޮށް، ގައުމަށް ގެއްލުން ބޮޑު ނަމަވެސް ކާމިނީ އާއިލާއިން އުމުރަށް ވެރިކަން ކުރުމަށް ކުރި އުންމީދުގައި ދަމާލި ވަރުގަދަ ބިންގަލަކަށެވެ. 88 ނޮވެމްބަރ 3 އަކީ އިލްޔާސް އިބްރާހިމްގެ މައްޗަށް ކާމިނީގެއިން ގަދަވެ ގަތްކަން އިލްޔާސްއަށް އަންގައި ދިނުމުގެ ފުރަތަމަ މަރުޙަލާއެވެ.
ރޭވުން ހުރި ވަރު ހާމަވާ ކަމަކީ، މާލޭ ފަސްމަތީ ފައިޖެހުނު އިރު ލުތުފީގެ ކޮންޓްރޯލް ގެއްލިއްޖެއެވެ. ލުތުފީ އެ ހުރީ ގަދަވެ ހެޔޮ ހާލުގައެވެ. މިއީ ދޮގެކޭ ބުނި ނަމަ އެއީ ވީގޮތް ކަމަށް ބުނެ ކުރިން އޭނާ ބައެއް މީހުންގާތު ހެދީ ދޮގެވެ.
ފުރަތަމައިނުން ވެސް ކޮމާންޑަރު ވަސަންތީ އަވަސްވެ ގަތީ ގާޒީ ބިލްޑިންގ ކުރިމަތީ ހުރި ފުލުސް އޮފީހާ ޑިފެންސް އިމާރާތުގެ ތެރޭން ލާފައި އެތެރެވާން ކަމަށް ބެލެވެއެވެ. އެކަމަކު އޭނާއަށް ނޭނގޭ އެހެން ރޭވުމެއް އޭނާގެ ފަހަތުގައި ހުއްޓަތީވެ ސިފައިންގެއަށް ވަނަ ނުދީ ކޮމާންޑަރު ވަސަންތީ އޮތީ މޫނު ވަތަށް ފާރުބުޑަށް މަރާ ވައްޓާލާފައެވެ.
އެއާ ދާދި ގާތުގައި ރައީސް އޮފީހާ ގާޒީ ބިލްޑިންގ ދެމެދު ގޯޅިއަށް ބަޑިޖަހާ މަރާ ވައްޓާލާފައި އޮތް ތަމަޅަ ހަނގުރާމަ ވެރިޔަކީ ވަސަންތީ މަރާލި މީހާތޯ ސުވާލު އުފެއްދި ދާނެއެވެ.
ކޮންމެ ގޮތެއް ވިޔަސް 3 ފަށަލައިގެ ބޮޑު ރޭވުމަކުން ހިނގާފައިވާ ކަމަށް ބެލެވޭ 1988 ނޮވެމްބަރ 3 ގެ ގްރައުންޑް ރިއަލިޓީ އިން ފެންނަ ޝައުގުވެރި ކަންކަން ގިނައެވެ.
ފުރަތަމަ ކަމަކަށް ކުރިން ވެސް ބުނި ފަދައިން އެ ބޮޑު އޯކިޑް މަގުގައި ހާމައަށް ހުރި ތީމުގެއާ މާބޮޑު އަޅާލުމެއް ނެތި ހަނގުރާމަވެރިން އެންމެ ފުރަތަމަ ވެސް މިސްރާބު ޖަހާ އެ ދިޔަ ގޮތަށް ގޮސް ވަދެގަތީ މާދުރުގައި ހުރި އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ މއ. ކިނބިގަސްދޮށުގެއަށެވެ. އެގޭ ތެރޭގައި ކުޑަނެވި ތުއްތު މަނިކު ޝަހީދު ކޮށްލީ އިލްޔާހާ ހަމައަށް ދިއުމަށް ހުރި ހުރަހަކަށް އޭނާ ވީމައެވެ. އެއާ ހިލާފަށް ތީމުގޭގައި އުޅުނު މެހި ކުރަފި ހޯނަށް ވެސް ވީކަމެއް ނެތެވެ.