މުއިއްޒުގެ ގައުމިއްޔަތަކީ ރަންނަމާރިއާއި ފުރާވަރު އަންހެންކުއްޖެއް!!

މުއިއްޒު ދިރުވާ ގައުމިއްޔަތުގެ ވާހަކަ

މުއިއްޒުގެ ގައުމިއްޔަތަކީ ރަންނަމާރިއާއި ފުރާވަރު އަންހެންކުއްޖެއް!!

ދިވެހީންގެ ރާއްޖޭގައި ރައީސް މުއިއްޒު ދިރުވާ ގައުމިއްޔަތުގެ ވާހަކަ ދައްކާލަމާ ބަހީއެވެ. ދިވެހީންނަށް ދިވެހީންގެ ރާއްޖެ އަނބުރާ ހޯދާ ދިނުމަކީ ރައީސް މުއިއްޒުގެ އަޒުމެކެވެ. ކާބަފައިން އުޅުނު ހާސްކަމެއް ނެތް ދިވެހިންގެ ރާއްޖެއަށް ހިތުލޯބިން ދާން ބޭނުން ނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. ގައުމިއްޔަތު ދިރި އޮންނާނީވެސް އޭރުންނެވެ. ގައުމިއްޔަތު ދިރުވަން ވުޒާރާ ހަދައިގެން ރައީސް މުއިއްޒު ކުރަން އުޅެނީ ކީއްކަމާ މެދު ވިސްނާލުމުން ލޯބިން މަރުވާ ވަރުވެއެވެ.

ދިވެހިންނަކީ ރަށުން ލިބެން ހުރި އެއްޗެތި ބޭނުންކޮށްގެން އޮޑި ދޯނިފަހަރު ބަނދެގެން ދަތުރު ފަތުރު ކުރިބައެކެވެ. ބޮޑު ހަރަދުކޮށްގެން ދަރާވިކިގެން މަތިންދާ ބޯޓާއި ހައިސްޕީޑް ލޯންޗް ފަހަރާއި އިންޖީނު އެޅި ދޯނިފަހަރުގައި ދަތުރު ފަތުރުކޮށް އުޅުނު ބަޔަކު ނޫނެވެ. ދަރާ ވިކިގެން މިހާރު މި ޖަހަނީ ކޮން ސަކަރާތެއް ހެއްޔެވެ. އިހުގައި އުޅުނުހެން ފައްޔާއި ފަންރިޔަލުގައި މިއަދުވެސް ދަތުރު ކުރެވޭނެ ނޫން ހެއްޔެވެ. އޭރަކުން ދަނގަޑާ ފައިބަރާއި ތެލަށް ހަރަދުކޮށްގެން މިޖަހާ މަރުފަލި ޖަހާކަށް ނުޖެހޭނެއެވެ. ގައުމިއްޔަތު ދިރުވުމަކީ އެއީ ނޫން ހެއްޔެވެ.

ވިލަޔަށް ވާހަކަ ގޮވާވަރުގެ ކޮންހާ އުސް އިމާރާތެއް އަޅާކަށް ހެއްޔެވެ. ކުޑަކުޑަ މަސައްކަތަކުން ފަންޖިފުޑިއެއް އަޅާލައިގެން ކާޅިވައް ދިއްލައިގެން ކަށިކެޔޮފަތު ފަންކާއަކުން ވިހެލައިގެން ރޯނުފުރި އެނދެއްގައި ނިދަލައިގެން އުޅުމަކީ ކިހާ އުފާވެރިކަމެއް ހެއްޔެވެ. ގޮނޑު ދޮށާއި ހަނޑަސްބުރިއަށް ގަލޯހާޖާކޮށްގެން މިސްކިތުވަޅުން ފެންވަރާލައިގެން ނޫޅެންވީ ކީއްވެ ހެއްޔެވެ. މުންޑެއް އަނދެ ބޮލުގައި ފޮށައެއް އޮޅާލައިގެން އުޅޭއިރު މާ ފިރިހެން ނޫން ހެއްޔެވެ. އަންހެނުން ކަނޑިއްކާއި ދިވެހި ލިބާސް ލީމާ އެހުންނަ ބަނިޔާދަންކަން ނުހޯދާންވީ ކީއްވެހެއްޔެވެ. ދިވެހިންގެ ގައުމިއްޔަތަކީ އެއީ ނޫން ހެއްޔެވެ.

އެދުރުގެއަކަށް ގޮސް ހަތިމްކޮށްލާ އެއްކޮށް ކަނޑާ ގުނަކޮށްލަން އެނގޭވަރުވީމާ ނިމުނީ ނޫން ހެއްޔެވެ. ކޮންހާ ކޮލަޖަކާ ޔުނިވަރސިޓީއެއް ހަދައިގެން އުޅޭކަށް ހެއްޔެވެ. ދިވެހީންގެ ގައުމިއްޔަތުގައި އެދުރުގެ ވަރެއް ނޯންނާނެ ނޫން ހެއްޔެވެ. 

ފޫޅުމައިންނާއި ހަކީމުން ތިބީމާ ނިމުނީ ނޫންހެއްޔެވެ. ހޮސްޕިޓާތަކާއި ޑޮކްޓަރުންނާއި ނަރުހުން ތިބުމުގެ ބޭނުމެއް ނެތެވެ. ދިވެހީން އުޅުނީކީ އެމީހުން ތިބެގެނެއް ނޫނެވެ. 

ދޮން މީހުން ގެނެސްގެން ހޭނުބަހައްޓާ ޑޮލަރު ހޯދަން ތެޅިފޮޅުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ. ފަޅުގައި އޮންނަ ވެހިމަސްގަނޑަށް ދޮށި އުކާލިޔަސް ލައިގެން ކާވަރުވާނެއެވެ. ދިޔާހަކުރާ ގަބުޅިއާއި ވަޅޯމަހާ ހުރިއްޔާ ފުރާގު ލިބޭނެއެވެ. ކޮންހާ މަރު ސަކަރާތެއް ޖަހާކަށް ހެއްޔެވެ.

ކޮންޕިއުޓަރާއި މޮބައިލް ފޯނާއި އިންޓަނެޓަކީ ދިވެހީންގެ ރާއްޖެއާއި ގުޅުމެއް ހުރި އެއްޗިއްސެއް ނޫނެވެ. ދިވެހި ގައުމިއްޔަތާ އެއްވެސް ރައްޓެހިކަމެއް ހުރި އެއްޗިއްސެއް ނޫނެވެ. 

ރައީސް މުއިއްޒުގެ ދިވެހިންގެ ރާއްޖޭގެ ގައުމިއްޔަތަކީ ރަންނަމާރިއާއި ފުރާވަރުގެ އަންހެން ކުއްޖަކަށް ނުވިއްޔާ ކިތަންމެ ހާވެސް ރަގަޅެވެ.