ދެބަސްވުމުގެ ތެރެއިން އެއްބަސްވުމުގެ ހިއްވަރު އެމްޑީޕީގައި ހުންނާނެ!
ދެބަސްވުމުގެ ތެރެއިން އެއްބަސްވުމަކަށް ރާއްޖޭގައި އާދެވޭ ހަމައެކަނި ޕާޓީއަކީ އެމްޑީޕީއެވެ. އެމްޑީޕީގެ އެތެރޭގައިވެސް ބޭރުގައިވެސް ނުތަނަވަސްވާ އެތައް މައްސަލައެއް އަބަދުވެސް އޮވެއެވެ. ދެބަސްވުންތަކުގެ ތެރެއިން އެއްބަސްވެ މައްސަލަތަކާއެެކު އެންމެ ވަރުގަދަ ޕާޓީގެ ގޮތުގައި ދެގޮތެއްނުވެ އޮތް ޕާޓީއަކީ އެމްޑީޕީއެވެ. ތަފާތު ފިކުރާއެކު އެއް އަމާޒަށް ދަތުރު ކުރުމުގައި އަދިވެސް އޮންނާނެ ސިޔާސީ ޕާާޓީއަކީ އެމްޑީޕީއެވެ.
ވަކި މީހަކު ބުނީމާ ބުނާހާ ގޮތަކަށް އެމްޑީޕީއެއް ނުހިނގާނެއެވެ. ނުވެސް ހިންގޭނެއެވެ. އެމްޑީޕީއަކީ ތަބަކަށްލާފައި މަގާމުދޭ ޕާޓީއެއް ނޫނެވެ. ހުރިހާ ފަށަލައެއްގައި ވެސް އެމްޑީޕީގައި ތިބޭނީ އިންތިހާބީ މީހުންނެވެ. ޕާޓީގެ ރައީސާއި، ޗެއާޕާސަނާއި ގައުމީ ހިންގާ ކޮމެޓީއާއި ގައުމީ މަޖިލީހުގައި ވެސް ތިބޭނީ އިންތިހާބީ މީހުންނެވެ. ކޮންމެ ދާއިރާއަކަށް ރައީސަކާއި ކޮންގްރެސްއިން އިންތިހާބުކުރާ 15 މެންބަރުން ހިމެނޭ ގޮތަށް ވާދަވެރި އިންތިހާބުތަކެއްގެ ތެރެއިން ގައުމީ މަޖިލީހެއް ހޮވާފައި އޮންނަ ޕާާޓީއަކީވެސް އެމްޑީޕީއެވެ.
ޕާޓީގެ ރައީސްއާއި ޗެއަރޕާސަނަކީ ޕާޓީގެ ހުރިހާ މެންބަރުންނަށް ހުޅުވާލައިގެން ބާއްވާ އިންތިހާބަކުން ހޮވާފައި ތިބޭ ބައެކެވެ. ގޮފިތަކުގެ ހިންގާ ކޮމެޓީއާއި ދާއިރާގެ ރައީސުންނަކީ އެބައެއްގެ ތެރޭގައި ބާއްވާ ވާދަވެރި އިންތިހާބުތަކުން ހޮވާފައި ތިބޭ ބައެކެވެ. ޕާޓީގެ އެތެރޭގެ ކޮމެޓީތަކަށް ވެސް މީހުން ކަނޑައަޅަނީ ގައުމީ މަޖިލީހަށް ހުށަހަޅާ ފާސް ކޮށްގެންނެވެ.
އެމްޑީޕީގެ ކޮންމެ ފެންވަރެއްގެ ސިޔާސީ މަގާމަކީވެސް ކޮންމެ މެންބަރަކަށް ވެސް އިންތިހާބު ވެގެން އާދެވޭ ގޮތަށް ހުޅުވިފައިވާ މަގާމު ތަކެކެވެ. ޕާޓީގެ ރައީސް އާއި ޗެއާރޕާސަން ރުހުނަސް ނުރުހުނަސް ވާދަވެރި އިންތިހާބުތަކުގައި ވާދަކޮށްގެން ކޮންމެ ފެންވަރެއްގެ މަގާމަކަށް ކޮންމެ މެންބަރަކަށްވެސް އައުމުގެ ފުރުސަތު ތައްމިނަށް އެމްޑީޕީގައި ހުޅުވިފައިވެއެވެ. ޕާޓީގެ މަގާމުތަކަށް އިސްކުރާނެ މީހުން ނިންމާނީ އިންތިހާބުތަކުގައި މެމްބަރުންނެވެ.
އެމްޑީޕީ އަކީ ވަކި މީހެއްގެ މުށުތެރޭގައި ފިތިފައި އޮތް ޕާޓީއެއް ނޫނެވެ. އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ގަޔަށް ހެޔޮވަރަށް ފަހާފައިވާ ކޯޓެއްވެސް ނޫނެވެ. ވަކި މީހެއްގެ ނުވަތަ ވަކި އާއިލާއެއްގެ ބާރާއި ސިޔަާސީ ލެގަސީ ނަގަހައްޓާ ދަމަހައްޓަން މަސައްކަތްކުރާ ޕާޓީއެއްނުމެ ނޫންމެއެވެ. އެމްޑީޕީއަކީ ވަކި ބައެއްގެ ސިޔާސީ އައްޑަނައެއްވެސް ނޫނެވެ. އެފަދަ ގޮތަކަށް ބަޔަކު އަތްގަދަކޮށް އެމްޑީޕީ ހިސޯރުކުރާކަށް މެންބަރުން ފުރުސަތެއް ނުދޭނެއެވެ. އެމްޑީޕީ ސިޔާސީ ހަތިޔާރަކަށް ހަދައިގެން މަވެތިކަން ދައްކަންއުޅޭ ނަމަ އެކަމާ ނުބެހެވޭނެ ހަމަ އެކަކުވެސް އެމްޑީޕީއަކު ނުހުންނާނެއެވެ.
އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބޭނީ ފިސާރި މިނިވަން މެމްބަރުންނެވެ. އެ މީހަކު ދެކޭގޮތް ހާމަކުރަން ފަސްޖެހޭ އެކަކުވެސް ނުހުންނާނެއެވެ. ބޭނުން އެއްޗެއް ލިޔަންވެސް ލިޔާނެއެވެ. ކިޔަންވެސް ކިޔާނެއެވެ. ދިމާއަށް ބުނަންވެސް ބުނާނެއެވެ. އެއީ އެމްޑީޕީއެވެ. ސިއްރުކޮށް ފޮރުވާކަށް އޮތް އެއްޗެއް އެމްޑީޕީއަކު ނުއޮންނާނެއެވެ. ހިޔާލު ތަފާތުވުންތަކާ ވަޒަން ހަމަ ތިލަފަތާއެކު ރަންރީދޫ ކުލައިގައި އެންމެ ނަން ހިނގާ ޕާޓީގެ ގޮތުގައި 20 އަހަރު އެމްޑީޕީ ދެމިއޮތީ ދެބަސްވުމުގެ ތެރެއިން އެއްބަސްވުމުގެ ހިއްވަރު ހުރީމައެވެ.

