ގޯތިދޭން ދެކޮޅު- ވޯޓު ހޯދަން މަރެއް
ކުރިން ހޯދާނުދެވުނު ބާރުވެރިކަމެއް ދެބައިން ބާވީމާ ހޯދާ ނުދެވޭނެ
މާލެސިޓީ ކައުންސިލް މޭޔަރ ކަމުގެ އިންތިހާބަކާ ރައީސުލްޖުމްހޫރިއްޔާ އިންޕީޗް ކުރުމަކާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ. ދުވަހަކު ވެސް އިންތިހާބީ މަގާމަކަށް ވާދަނުކޮށް ހިހޫތަނުން ދައުލަތުގެ އިސް އެތައް މަގާމެއް ފުރާ ފޭލިވެފާ ހުރި މީހަކު އަނގަ ދިޔާކުރާތީ ހިނި އާދެއެވެ. މޭޔަރ ކަމަށް ކުރާ ކެންޕެއިން ޓޫލަކަށް ރައީސްގެ އިންޕީޗްމަންޓް ހަދަން ނޫޅޭށެވެ. އެއަށްވުރެ މާލޭ ރައްޔިތުން ތިބީ ހޭލައެވެ.
މާލޭ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދޭތީ ކަންބޮޑުވެގެން އެ ވާހަކަ ދެއްކި ފުރަތަމަ މީހާގެ ފަހުރުވެރިކަމުގައި ހުރިގޮތަށް ހުރިނަމަ ނިމުނީހެވެ. މާލެ ރައްޔިތުންނަށް މާލެ ސަރަހައްދުން ގޯތި ދިނުމާ ފުރަތަމަ ދެކޮޅު ހެދިމީހާ މާލޭ މީހުން ގާތަށް ވޯޓު ހޯދަން އަންނާކަށް ލަދެއް ހަޔާތެއް ނެތެވެ. އަނެއްކާ ވޯޓު ހޯދަން މިއުޅެނީ މާލެ ސިޓީ މޭޔަރު ކަމަށެވެ. ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީތާއެވެ.
މީހަކާއެކު ތާހިރު ދިރިއުޅުމެއް އުޅޭ ނަމޫނާ ކަނބަލެއް ނަމަވެސް ރަނގަޅެވެ. ދިރިއުޅުމުން ވެސް ފެންނަނީ އެއްފަޅިއެވެ. އެހެން ކަމުން އާޒިމާ ޝުކޫރަކީ އުފެދުމުގައި ވެސް ބާތިލު ކަންކަން ނޫނީ ނުދަންނަ ކަނބަލެކެވެ. އާޒިމާއަކީ މާލޭ މީހުނަށް ގޯތިދޭން ދެކޮޅު ވޯޓު ހޯދަން މަރެކެވެ.
އެއަރ މޯލްޑިވްސް މައްސަލައިގައި ދައުލަތަށް ލިބުނު ބޮޑުގެއްލުމު އެންމެ ބޮޑު އެއްޒިންމާ އުފުލަން އެކަމަނާފާނު ޖެހިވަޑައިގަންނަވައެވެ. ބަންޑާރަ ނައިބު ކަމުގައި ހުރެ އެއަރމޯލްޑިވްސް މައްސަލަ ބައިނަލް އަގްވާމީ ޓްރައިބިއުނަލަކަށް ފޮނުވާ މުޅި މައްސަލަ އެފުށް މިފުށަށް ޖަހާލާ އިޔާދަ ނުކުރެވޭ ވަރުގެ ކަންތައް ގަޑަކަށް ދައުލަތް ވައްޓާލީއެވެ.
އައު ގާނޫނު އަސާސީގެ ދަށުން މަޖިލީހުގައި ރައީސްގެ 8 މެންބަރުން ބައިތިއްބައިގެން އިންތިގާލީ މަރުހަލާ އެކުގައި ބަޔަކަށް ދައުލަތުން ހައްގު ނޫން މުސާރައެއް ހޯދާދިން ގާނޫނީ ލަފާ ދީގެން އެކަން ކުރުވިއެވެ.
އައު ގާނޫނު އަސާސީގެ ދަށުން ދެ ދައުރު ވެރިކަން ނުކުރާ މީހަކަށް މައުމޫނު ހަދާ 2008ގައި މައުމޫނަށް ވާދަކުރެވޭ ގޮތަށް ޖާގަ ހަދާދިނުމަށް އިސްވެ ހުއްޓެވެ. އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ނުކުރާ މީހަކަށް ވެގެން 2008ގައި ރިޔާސީ އިންތިހާބުގައި ވާދަކުރެވުނު މައުމޫނަށް އައު ގާނޫނު އަސާސީގެ ދަށުން ވެރިކަން ކުރާ، ކުރީގެ ރައީސުންނަށް ދޭން ކަނޑައެޅިފައި އޮންނަ އިނާޔަތާއި ރައްކާތެރިކަން ހޯދާދީ ދައުލަތަށް މައުމޫނުގެ ބަލަދު އެރުވިއެވެ.
އައު ގާނޫނު އަސާސީގެ ދަށުން ދައުލަތް ހިންގުމުގެ ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ނުގެނެސް ގާނޫނީ އޮނިގަނޑު ނުހަދާ ގާނޫނު އަސާސީ ތަންފީޒު ކުރުވާ ދައުލަތް ފާލުން ނައްޓާލުމުގައި އިސްކޮށް ހުއްޓެވެ.
ޖީއެމްއާރު އެގްރިމެންޓަކީ އުފެދުމުގައި ވެސް ބާތިލު އެއްޗެއް ކަމަށް ބުނެ ދައުލަތަށް 300 މިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއް ދިން އަންހެނާގެ ފުށުން ދައުލަތަށް މުޅިންވެސް ވެފައި އޮތީ ގެއްލުމެވެ. ރައީސް ޔާމީނަށް މަނީލޯންޑް ކުރެވޭ ގޮތަށް ގާނޫނީ ލަފާ ދީގެން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް އުފަން ކުރުވި ބޭކެންބަކީ ކާކުކަން އެނގެއެވެ.
ހާމުންޑިކަން ފޮރުވާ ބުރުގާ އަޅައިގެން މާސާފު މީހަކަށް ހެދިގެން ރައްޔިތުންގެ ކުރި މައްޗަށް ނިކުތަސް މާޒީއަކީ ހުތުރު މުޑުދާރު މާޒީއެކެވެ. އިޔާދަ ނުކުރެވޭ ވަރަށް ގައުމަށް ދިންހާ ގެއްލުން ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެއެވެ. އަންހެނުން ބާރުވެރި ކުރުން ކުރިއަށް ނެރެގެން އަންހެނުންގެ ތާއީދު ހޯދަން އާޒިމާ ޝުކޫރު ނިކުމެ އުޅޭތީ ގިނަ އަންހެނުން ވެސް ގަންނަނީ ލަދެވެ. ބާރުވެރި މަގާމު ތަކުގައި ފެށުނީއްސުރެ ހުރެގެން އަންހެނުންނަށް ލިބިދިން ބާރުވެރި ކަމެއް ނެތީމައެވެ. ޅަނބާޅަ ޅަދޮނޅު ކަމުގައި އަންހެނުންނަށް ހޯދާނުދެވުނު ބާރުވެރިކަމެއް ދެބައިން ބާވީމާ ހޯދާ ދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެެވެ.