އިދިކޮޅުގައި ލާދީނީ ޓެގްއަޅުވައިގެން ކުރަނީ ލާދީނީ ވެރިކަމެއް

އެއްގޮތަށް އަމަލުކުރަން މުއިއްޒު ހުވާކުރި ގާނޫނުއަސާސީ މުއިއްޒާއި އެއްގޮތަށް ބަދަލުކުރުން

އިދިކޮޅުގައި ލާދީނީ ޓެގްއަޅުވައިގެން ކުރަނީ ލާދީނީ ވެރިކަމެއް

އިދި ކޮޅުގައި ތިބެނީ މުއިއްޒު ސިފަކުރާ ގޮތުގައި ލާދީނީ މީހުންނެވެ. އެކަމަކު އެބުނާ ވައްތަރުގެ ލާދީނީ މީހުން ސަމޯއާ އެއްބަސް ވުމުގައި ސޮއެއްނުކުރެއެވެ. ރާއްޖޭގެ ހިޔުމަންރައިޓްއިން އިސްލާމް ދީނާއި ފުށު އަރާ ސާވޭ ހިންގަން ފުރުސަތެއް ނުދެއެވެ. އިލްމު ވެރިންގެ ގޮތުގައި ބެލޭ މީހުން މުއިއްޒުގެ އަމަލުތައް ދިފާއުކޮށް ދޮގުތައް ހަލާލުކުރާހެން ހައްގު ބާތިލަކަށް ނުހަދައެވެ. 

ދޮގުހެދުމުގެ ރެކޯޑް ހާސިލްކޮށްފައިވާ ކަމަށް މުޅި ދުނިޔެ އިއްތިފާގުވާ ރައީސް ދޮގު ހައްދަވަނީ ހަލާލުގޮތުގައި ބާވައެވެ. ބައެއް ވަޒީރު ބޭފުޅުން ތިމާގެ ސިއްރު ގުނަވަންތަށް ފޮޓޯ ނަގާ ވީޑިއޯކޮށް ހިލޭ އަންހެނުންނަށް ފޮނުވާ ކަމުގެ ތުހުމަތު ކުރާ ކުރުން ހަލާލީހެއްޔެވެ. އަތްތިލަ ހިކިކަމުން ބޮނަކުއާ ފެންފުޅިއެއްގެ މަތި ނުނެގިގެން ހިލޭ އަންހެންކު ގޮވައިގެން ބަންދު ތަނަކަށް ވަދެ އަތްތިލަ ތެތްކުރީ ހަލާލު ވާތީ ހެއްޔެވެ. އިމާރާތެއްގެ މަތިން ޅަފުރައިގެ އަންހެންކުއްޖަކު ފުރާޅެއްގެ މައްޗަށް ވައްޓާލި މައްސަލައެއްގެ ހެކިތަކެއް ނައްތާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އުފުލިފައިވާ އަދި ކޮރަޕްޝަނާއި ވައްކަމަށް ތުހުމަތުވާ ވައިޑް ބޮޑީވެސް ހަލާލީހެއްޔެވެ.

އަދުލާއި އިންސާފާއި މަސްލަހަތަކީ އިސްލާމް ދީނުގެ މައި އެއްތަނބު ކަމަށް ރީލޯޑް ކުރަން ނުޖެހޭ އިލްމުވެރިން ބުނެއެވެ. ކޯޓުތަކުގެ ތަރުތީބު ގެއްލުވާލާ ގޭގެ ކާ މޭޒުތަކުގެ މަތީގައި ހުކުމްތައް އިއްވަން ނިންމުން ހަލާލީއެވެ. ދީނީއެވެ. ބޭރުގައުމެއްގެ ދަރިވަރަކު ތަޖުރިބާ ދަތުރެއްގައި އުޅެނިކޮށް ނިޔާވި މައްސަލައެއްގެ އިހުމާލު ބޮލުގައި އެޅި އެކަން ދައުލަތެއްގެ ބާރުން ސިއްރު ކުރާ ކަމުގެ ތުހުމަތުވާ ދިގުދިގު ރަށެއްގެ މައްސަލައެއްގެ ހިއްސާދާރަކަށް ވުމީ ހަލާލު ދީނީ ކަމަކީ ހެއްޔެވެ. ރައްޔިތުންގެ ޒާތީ މައުލޫމާތުތަކަކުން ވައްކަންކޮށް ވަކި ސިޔާސީ ޕާޓީއަކަށް ފައިންނާއި ނޭފަތާއި އެހެނިހެން ތަންތަނުން ވަގުފޯމުތަކެއް ފުރުވާ އިލެކްޝަންސް ކަމިޝަނުން ޖަމާއަތެއް ޖުރިމަނާ ކޮށްފައި އޮވެމެ ވަގަށްނެގި މެންބަރުން ހޮމަނައިގެން ދަފްތަރު ބޮޑުކޮށް އެމީހުންގެ ބޮލަށް ދައުލަތުން ޕާޓިއަށް ފައިސާ ނެގުން ހަލާލީ ހެއްޔެވެ. ނޫނެކެވެ. އެއަށް ކިޔަނީ ވައްކަމެވެ. ހިޔާނާތެވެ. އެއީ އަނިޔާވެރިކަމެވެ. ދޮގާ މަކަރެވެ. 

ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސް ނެތް ބަޔަކު ހިމެނޭ ސަރުކާރު މަޖިލިހުގެ ވެރިއަކަށް އަމާޒުވާ އިމާރާތަކަުން ވެއްޓި ދޮންދަރިއަކު ވެއްޓުނު މައްސަލައެއްގައި ތުހުމަތުވާ މީހަކު އަދުލާއި އިންސާފުގެ ތަރާދުގައި ހަލާލީއެވެ. ޖުވާ ކުޅުމާއި ފާހިޝް އަމަލު ތަކަށް ތުހުމަތުވާ ޅިޔަނުން ގަޔަށް ބާރުވާ ކަހަލަ ހެދުން އަޅައިގެން ސިއްރުން ގޮނޑުދޮށްތަކުގައި ހިލޭ އަންހެނުން ގޮވައިގެން ޗުއްޕާ ޗުއްޕީ ކުޅުން ހަލާލުވެ އިންސާފުވެރީއެވެ. އެ މީހުން ލާދީނީއެއް ނޫނެވެ. ރާއްޖޭގެ މަސްލަހަތަށް ހެދިފައިވާ ހުރިހާ ގާނޫނުތަކެއް މުގުރާލާ ގާނޫނުއަސާސީއާއި ހިލާފަށް ކަންކަން ނިންމުންވެސް އިސްލާމީ ސައްހަ ކަމަށް ފެތުނީއެވެ. ކޮރަޕްޝްނާއި ފައިސާ ގޯނި އުފުލިކަމަށް ބަރުއަޑަކުން ބުނާ މީހުންވެސް ނަޒާހަތްތެރީއެވެ. ހަލާލީއެވެ. ގާތުގައި އެވަރުގެ ދީނީ އަމަލުތައް ކުރާ މީހުންތިބިއްޔާ ލާދީނީ ބަޔަކު ބޭނުމެއް ނުވާނެއެވެ. 

1975 ވަނަ އަހަރުން ފެށިގެން މުސްލިމު ގައުމުތަކުގެ އުސޫލުތައް ގެއްލުވާލަން ދުނިޔޭގެ ބާރުތަކުން މަސައްކަތް ކުރަމުންދާ މަސައްކަތްތަކުގެ ބޮޅެއްގައި ހިމެނޭ ސަމޯއާ އެއްބަސްވުމުގައި 2024 ވަނައަހަރު ސޮއި ކުރުވީ ވެސް އިސްލާމް ދީނަށް ނަސްރު ދޭށެވެ. އެއީ ދީނީ ކަމެކެވެ. 2023 ނޮވެމްބަރު 14 ވަނަ ދުވަހު އިންޓަރނޭޝަނަލް ފިގުހު އެކަޑެމީއިން ސަމޯއާއި އެގްރީމަންޓަކީ އިސްލާމް ދީނުގެ އަސްލު ތަކާއި ފުށު އަރާ އެއްބަސްވުމެއް ކަމަށް ކަނޑައަޅާ މުސްލިމު ގައުމުތަކުން ބައިވެރި ނުވުމަށް އިލްތިމާސް ކޮށްފައިވަނިކޮށް ދިވެހިރާއްޖެއިން އެ އެއްބަސް ވުމުގައި 2024 ވަނަ އަހަރުގެ މިނިވަން ދުވަހާއި ގާތްވެފައި ވަނިކޮށް ޖުލައި މަހުގެ 1 ވަނަ ދުވަހު ސޮއިޖެހީ ވަރަށް ބޮޑަށް ދީނީ ވީމައެވެ. އެމްޑީއެންގެ ރިޕޯޓުގައި ހާސިލު ކުރުމަށް އަމާޒުހިފާފައިވާ ކަންކަމާއި މެދު ފެންނަގޮތްތަކެއްގެ ދިރާސާއެއް ހެދުމަށް 2024އިން 2025 އަށް ދިރާސީ ސާރވޭއެއް ހެދީ އިސްލާމް ދީނަށް ނަސްރު ދޭށެވެ. 

ދަންނަވަން ބޭނުން ވާހަކައެއް ވެރިމީހާއަށް ދެންނެވި ދާނެއެވެ. ރައީސެވެ. ރައްޔިތުންނަށް މަނިކުފާނު ރަގަޅަށް އެގި ދަސްވެއްޖެއެވެ. މަނިކުފާނު އައްޔަނު ކުރީ ގާނޫނު އަސާސީ އާއި އެއްގޮތަށް ވެރިކަން ކުރާށެވެ. މަނިކުފާނު ތިޔަ ބަދަލު ކުރަނީ މަނިކުފާނުގެ ދޮގުތައް ތެދު ކުރާން އެ ގާނޫނު އަސާސީ އެވެ. މަނިކުފާނު މާތް ކަލާނގެ ގަންދީ ހުވާ ކުރެއްވީ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތަށް ވެރިކަން ކުރާށެވެ. ކޮންމެ މަޖިލިސް ބަންދަކާއި ދިމާކޮށް ދައުރުން ބޭރުން ބާއްވާ ސަރުކާރުގެ މަޖިލިހުން ތިޔަ ބަދަލު ކުރަނީ ދިފާއު ކުރާނެ ކަމަށް ގަންދީ ހުވާ ކުރި ރާއްޖޭގެ ދުސްތޫރެވެ.

ގާނޫނު އަސާސީ އާއި އެެއްގޮތަށް ވެރިކަން ކުރަނީއެއް ނޫނެވެ. މަނިކުފާނަށް އުޅެން އެންމެ ފަސޭހަ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރަނީއެވެ. އެކަމަކު އަދިވެސް ލާދީނީ އިދި ކޮޅެވެ. މަނިކުފާނު ތިޔަ ހުންނެވީ ލާދީނީ ވެފައެއް ނޫނެވެ. ލާދީނީ އަދި ލާ ގައުމީ ވެފައެވެ. މަނިކުފާނާއި އަދި މަނިކުފާނާއި އެއްހަމައެއްގައި އަރިހުގައި ތިޔަ ގެންގުޅުއްވާ އަޅު ކުދިންނާއި ގާނޫނު އަރާ ހަމަކުރާނެއެވެ.

ބިރުވެތި ވާށެވެ. الله ވަޙީ ކުރައްވާފައިވަނީ “كُن فَيَكُونُ” އެވެ. އެހެންކަމުން ދޮގާ މަކަރާއި ދުރުހެލި ވާށެވެ. އަދުލު ވެރިވާށެވެ. އެހެން މީހުންގެ ހައްގުތަކަށް އިހުތިރާމް ކުރާށެވެ. ނުވާނަމަ އަވަހަށް ދުރަށް ވަޑައިގަންނަވާށެވެ. ނޭގޭކަން އެނގުމަކީ ވެސް އެނގުމުގެ ބާވަތެކެވެ. ނަމަވެސް ނޭގޭކަންވެސް ނޭގުމަކީ ގާފިލުކަމެކެވެ. ހުދުމުހުތާރު ވުމެކެވެ.