ރައުދަށް ކުރާދައުވާ ސާބިތުނުވުމަށްވުރެ ބޮޑު އިންސާފެއް ޔުމްނަކަށް ނުލިބޭނެ!

ރައުދަށް ކުރާދައުވާ ސާބިތުނުވުމަށްވުރެ ބޮޑު އިންސާފެއް ޔުމްނަކަށް ނުލިބޭނެ!

މާލޭ މައްޗަންގޮޅީ މަންދޫގޭގެ ބައެއްގައި ބަޔަކު ޕާޓީކޮށް ރާބޮއެ މަސްތުވެގެން ދަންވަރު އުޅުނު ވާހަކަ ފެތުރުނީ ފަތުއަޑު ކިޔާފައެވެ. ބިރަކާނުލާ މަޖާކުރަން އުޅުނު އެމީހުންގެ ތެރެއިން ބަޔަކު އެރޭގެ ފަތިސްދަންމަތީގައި އެހެން ގެއަކަށްވަދެ ބުރިބުރިއަށް އަރާއުޅުނު އަންހެނަކު އަނިޔާތަކަކާއެކު ޖެހިގެންހުރި އިމާރާތެއްގެ ފުރާޅުމަތީގައި އޮވެގެން އެކަން ބޮޑު ގައުމީ މައްސަލައަކަށްވިއެވެ. 

އެފަކީރު އަމިއްލައަށް ވެއްޓުނީކަމެއް ވައްޓާލީކަމެއް އަދިވެސް ސާބިތެއް ނުވިއެވެ. ފުރާޅުމަތީގައި އަނިޔާވެފައި އޮތް ޔުމްނަށް އިންސާފު ހޯދަން އެތައް ބަޔަކު މަގަށް ނިކުތެވެ. އެއްވާނަކަށް މަގުމަތީގާ ޖެހުނު މުޒާހަރާ ހިނދެގެން ދިޔައީ ޔުމްނަށް އިންސާފް ނުލިބި ވާނުވާގައެވެ. 

ޔުމްނު ވެއްޓުނު މައްސަލަ ރިޔާސީ ކޮމިޝަން ހަދައިގެ ބަލަމުން ގޮސްގޮސް އޮއްވާ ޔުމްނާއެކު ގެއެއްގެ އެއްބުރިން އަނެއް ބުރިއަށް ދުވެދުވެފައި އުޅުނު ރައުދު ހައްޔަރުކޮށް ތަހުގީގު ނިންމާ ޔުމުނަށް އެހީތެރި ނުވުމުގެ ކުށުގައި ލުއި ދައުވާއެއްކޮށް މުޅި މައްސަލަ އޮއްބާލާ ނިމެނީއެވެ. ރިޔާސީ ކޮމިޝަން އޮތީ އޮތްތާކުއެވެ. ކުޑަމިނުން ޔުމްނުގެ ބަޔާނެއްވެސް މައްސަލައިގައި ނެތި މުޅި މައްސަލަ ރައުދު ބޮލަށް އެ ކަނޑާލަނީ ނަމެއްގައެވެ. 

ޔުމްނާ ރައުދާއެކު ޕާޓީކޮށް ރާބޮއެ މަޖާކުރި މީހުންނާއި އެތަނުގައި ރަލާއި ޑްރަގާއި ގެންގުޅު ބޭނުންކުރި ގޮތުގެ ހަގީގަތް ހޯދުމުގެ ވާހަކަ އެއްވެސް ތަހުގީގީ މުއައްސަސާއަކުން ނުދައްކައެވެ. ކަންހިނގިތާ ހަފތާއަކަށް ވުރެ ގިނަ ދުވަސްވީފަހުން މައްސަލައިގެ ހެއްކާ ގަރީނާ ނައްތާލަން ވަގުތުދީފައި ނަމެއްގައި ފުލުހުންވަދެ ބަލާ ފާސްކުރުމަކުން ލިބޭނެ ހެއްކެއް ގަރީނާއެއް ނުއޮންނާނެއެވެ. ސީސީޓީވީގެ ފްޓޭޖް އޮތް ކަމަކަށްވެސް ނުވިނޫން ހެއްޔެވެ. 

ރައީސް މުއިއްޒުގެ އަރިހުގައި ރައީސް އޮފީހުގައި މަސައްކަތްކުރާ ސިޔާސީ ބަޔަކާއި ވަޒީރުގެ އަމީނުގެ އާއިލީ ބޭފުޅުންނާއި ގަަނޑުވަރާއި ސިޔާސީ ޑިޕްލޮމެޓުންގެ ދަރިންނާ ލާމެހިފައިވާ ބިރަކާ ނުލާ މަޖާކުރުމުގެ މައްސަލަތައް ކުރިއަށް ކެނޑުމަކީ މުސްތަހީލު ކަމެކެވެ. ޑްރަގް ޕާޓީ ބާއްވާ ރާބޮއެ މަޖާކޮށް ހެދިޔަސް އަނިޔާކޮށް ފުރާޅަށް ވައްޓާ ނުހަދާއެކަން ކުރާށޭ ސަރުކާރުން ބުނާކަހަލައެވެ. 

އާހިރުގައި ރައުދުގެ މައްޗަށް އުފުލި ލުއިދައުވާވެސް ސާބިތުނުވެ މުޅި މައްސަލަ ދާނީ ތޮޅިއަށެވެ. ރައުދަށް ކުރާ ދައުވާ ސާބިތުނުވުމަށްވުރެ ބޮޑު އިންސާފެއް ޔުމްނަކަށް ނުލިބޭނެއެވެ. މައްސަލައާއި ގުޅިގެން މަގާމުން ވަކިކުރި މީހުންނާއި ސަސްޕެންޑްކުރި މީހުން އަނބުރާ މަގާމުތަކަށް އަންނަތަން ފެނުމެއްވެސް ދެން ލަހެއް ނުވާނެއެވެ.