ޒަރިޔަންދަށް: ތައްސަބުން ފޯވެހުރެ ކޮރަޕްޝަނޭ ނުކިޔާ!
ރަށްރަށުގައި ވަޒީފާ އުފެއްދީތީ ހަޖަމުނުވަނީ މަވެތިކަމުން
ޒާތީ ތައައްސަބުން ފުރެގެންހުރެ ޒަރިޔަންދު ބަޔަކަށް ވިސްނާދޭން އުޅެނީ ކޮން އެއްޗެއްކަން އޮޅިގެން ބަޔަކު ނޫޅެއެވެ. 2018 ވަނަ އަހަރު، ފެނަކަ ކޯޕަރޭޝަންގައި ތިބީ 2756 މުވައްޒަފުންކަން ނޭގެނީ ކާކަށް ހެއްޔެވެ. ހަމައެހެން 2023 ވަނަ އަހަރުގެ ނިޔަލަށް ތިބީ 7132 މުވައްޒަފުން ކަންވެސް އެންމެނަށް އެނގެއެވެ.
2018 އިން 2023 އަށް ހޭދަވި 5 އަހަރު ތެރޭގައި އެކުންފުންޏަށް 4376 މުއައްޒަފުން އިތުރުވެގެން ޒަރިޔަންދުގެ ދެފައި ކައިރި ނުވެގެން އުޅޭއިރު އެ ކުންފުނީގެ ހިންގުމަށް އައި ބޮޑު ހެޔޮ ބަދަލު ނުފެންނަ ވަރަށް އަނދިރިވީމާ ޒާތީވެގެން ގޮވޭނީ މޮޔައެވެ. އެންމެ ފުރަތަމަ ފެނަކައިގެ އިހުތިސޯސުގައި އޮތީ ކިތައް ރަށުގެ ކަރަންޓާއި ނަރުދަމާގެ ހިދުމަތްކަން ޒަރިޔަންދަށް އެނގޭ ހެއްޔެވެ. މާލެސަރަހައްދާއި މާލެއަތޮޅާއި ފެލިދެއަތޮޅާއި އަރިއަތޮޅު ނޫން ހުރިހާ ރަށަކާއި ސިޓީއެއްގެ ކަރަންޓާ ނަރުދަމާގެ ހިދުމަތް ދިނުން މަތިކޮށްފައި އޮތީ ފެނަކައަށްކަން ނޭނގެންޏާ އެހެން ވެދާނެއެވެ.
ފެނަކައިގެ އިހުތިސާސްގައި އޮތް 170 ވަރަކަށް ރަށުގެ ތެރެއިން 2019 ވަނަ އަހަރަށް ފެށުނުއިރު ވިއްސަކަށް ރަށުގައި ނޫނީ ހައްތަހާވެސް ހުރީ ދަރު ދުނބުޅި ބައުބަދިގެ ގަޑެއް ފަދަ އިންޖީނުގެ ތަކެވެ. އެކަށީގެންވާ ކޭބަލް ނެޓްވޯކެއް ނެތެވެ. އިންޖީނުގެ އަޑުގަދަކަމުން ރަށުގައި މީހުން އުޅެން އުދަގުލެވެ.
އިންޖީނުގެއާއި ކައިރި ހިސާބުގެ ގޭގޭވަޅުން ފާނޯވެ ހިލެނީ ތެލެވެ. ގެދަބުޅީގެ ސަބަބުން އަތްދޮށް ފޮއްޗަށް ނުވާ އުނު އަންނައުނެއް އެ ހިސާބު ގަނޑުގެ މީހުންގެ އަތުގައި ނޯވެއެވެ.
އިންޖީނުގޭގެ އުދަގުލުގެ ވާހަކައާއި ބޮޑުގެރި ބޭރަށް ހިންގާހެން ކަރަންޓް ކެނޑޭ ވާހަކައާއި އާއްމުންގެ ގޭގޭގެ އިލެކްޓްރިކް އަގުބޮޑު އާލާތްތަކާއި މުދަލަށް ގެއްލުން ވުމުގެ ވާހަކައަކީ މުޅި ރާއްޖޭގައި އެންމެން ދައްކާ އެއް ވާހަކައެވެ. ގިނަ ރަށްރަށުގައި އިންޖީނު ހިންގާ މީހަކާއި 24 ގަޑިއިރު ފޯރިމަރާ ދެ މީހަކު ނޫނީ ނުތިބެއެވެ. އަމްދުން ބިލްހެދުމާއި އިދާރީ މަސައްކަތް ކުރެވެނީ ކުރެވޭނެ ގޮތަކަށެވެ. ހަމައެއްލަމައެއް ނެތިއެވެ.
2019 އިން 2023 އަށް ހިނގާ ދިޔަ ފަސް އަހަރު 120 ރަށަށް ވުރެ ގިނަ ރަށުގައި އެންމެ ޒަމާނީ ފެންވަރަށް އިންޖީނުގެ އަޅާ ރަށްރަށުގެ ރައްޔިތުން އެދޭ ފެންވަރުގައި ކަރަންޓްގެ ހިދުމަތް 24 ގަޑިއިރު ދެވެން ފެށުނެވެ. ބޮޑު ގެރި ބޭރަށް ހިންގާހެން ކަރަންޓް ދިޔުން ހުއްޓި ކޮންމެ ރަށަކީ އެ ރަށެއްގައި ކުރެވޭ އިގްތިސޯދީ އަދި އިޖުތިމާއީ ކަންކަމަށް ބޭނުންވާ ވަރަށް ކަރަންޓް ލިބޭ ރަށްރަށަށް ބަދަލުކޮށްލިއެވެ.
އެތައް ރަށެއްގައި ނަރުދަމާއާއި ފެނުގެ ނިޒާމް އެންމެ ޒަމާނީ ފެންވަރަށް ގާއިމުކޮށް ފެނަކައިން ދެމުންދާ ހިދުމަތެއްގެ ގޮތުގައި ދެވެން ފެށުނެވެ. ޒަމާނީ ފެންވަރަށް ރަށްރަށުގެ ކަރަންޓްގެ ހިދުމަތް ދިނުން ފުޅާވުމާ ގުޅިގެން އެ ހިދުމަތް ދަމަހައްޓާ ބަލަހައްޓަން އެކިފެންވަރުގެ އެތައް މުއައްޒަފުންނެއް ބޭނުންވިއެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ހިންގާ ބެލެހެއްޓުމަށްވެސް އެކިފެންވަރުގެ އެތައް މުއައްޒަފުންނެއް ހޯދަން ޖެހިގެން ހޯދިއެވެ.
ބައެއް ރަށްރަށުގެ އައު އިންޖީނުގެ އެޅުމާއި ފެނުގެ ނިޒާމުގެ މަސައްކަތާއި ނަރުދާމާގެ މަސައްކަތް އިން ހައުސްކޮށް ކުރުމަށް ހަމަ ޖެހިގެން އެކަންކަން ކުރުމައްޓާކާ ދާއިމީ މުއައްޒަފުންނާއި ކޮންޓްރެކްޓް މުއައްޒަފުން ފެނަކައަށް ވެއްދިއެވެ. ފެނަކައިގެ އާދައިގެ ވަޒީފާތަކެއް އެތައް ރަށަކުން އެތައް ބަޔަކަށް ލިބިގެން ދިއުމަކީ ރަށްރަށުގެ އެތައް އާއިލާއަކަށް ހަމަޖެހުން ލިބި އަނބިދަރިންގެ ގާތުގައި ތިބެގެން އާމްދަނީ ލިބޭނެގޮތް މެދުވެރި ވުމުގެ ސަބަބެކެވެ.
ރަށު މީހާއަށް އާމްދަނީ ލިބިގެން ހަމަ ޖެހިގެން އުޅެލަން ފުރުސަތު ލިބުމަކީ ޒަރިޔަންދުމެން ކަހަލަ މަވެތި މީހުނަށް ހަޖަމްވާނެ ކަމެއް ނޫނެވެ. އަމްދުން ނިކަމެތި ރައްޔިތުންގެ ބަޔަކަށް ރަށުގައި ތިބެގެން އާމްދަނީ ލިބޭނޭ ގޮތް ހަދާދޭ ވެރިއަކަށް ރައްޔިތުމީހާގެ ހިތުގައި އުފެދޭ ލޯބި ނަފްރަތަށް ބަދަލުކުރަން ފިތުނަވެރި ވާހަކައަކަށް ފެނަކައިގެ މުއައްޒަފުންގެ ވާހަކަ ދައްކާނެއެވެ. ޒަރިޔަންދެއް ކަމަކު ތައްސަބުން ފޯވެހުރެ ކޮރަޕްޝަންގެ ވާހަކަ ނުދައްކާށެވެ.