ގޭންގްތައް ނެރެގެން ދިފާއު ކުރެވުނު ސަރުކާރެއް ނެތް!
އަޅާ ކޮންމެ ކަތި ފިޔަވަޅަކުން ސަރުކާރު ތިރިވާނީ ކުޑަކަކޫ މައްޗަށް

ބުނަން ހެއްޔެވެ. މުއިއްޒު ދައްކާހާ ވާހަކައަކަށް ހެއްލި މީހުން ތިބީ ހުއްޓޭ ގޮތަކަށް ނޫނެވެ. މުއިއްޒަށް ހުއްޓުވޭނީ މުއިއްޒުގެ ބަތާކައިގެން އުޅޭ ސިޔާސީންނާއި ސަރުކާރު ކުންފުނިތަކުން މުސާރަ ދީގެން ގެންގުޅޭ މީހުންނާއި ބައިއަޅައިގެން ގައުމު ލޫޓުވާ ލުޓޭރުންނާއި ލުޓޭރުންގެ އައުވާނުންނެވެ.
މުއިއްޒު މުޒާހަރާއަށް ބިރު ނަގާވަރުން ހެދޭ ނުހެދޭ ނޭގި މުޒާހަރާއަށް މީހުން ފޮނުވަން ހިތްވަރު ދެނީވެސް ވަކި ވަރަކަށް ނޫނެވެ. އޮޑިޓަރ ޖެނެރަލް ލައްވާ ނެރުވި ފެނަކަ އޯޑިޓް ރިޕޯޓްގެ ސަބަބުން މުޒާހަރާއަށް މީހުން ނިކުތުމަށް ލިބުނީ އިތުރަށް ހިއްވަރެވެ. ފުލުހުން ލައްވާ ނެރުވި ސާބިތު ނުހިފޭ ބަޔާނާއި މާލެތެރޭގައި ފުލުހުން ލައްވާ ހިންގުވާ ބިރު ދެއްކުމުގެ ހަރަކާތް ތަކުންވެސް ލިބެނީ ހިތްވަރެވެ. ރާއްޖޭގެ ބޮޑެތި ފުޓްބޯޅަ ކުލަބްތަކަށް ގަނޑުކޮށް ސްޕޮންސަރ ދިނަކަސް އެންމެނެއް މުއިއްޒަކަށް ނުހުއްޓުވޭނެއެވެ.
ލީފްލެޓް މާލެތެރެއަށް އަޅާ، ސްޕީކަރު ތަކުން އަޑުހަރުކޮށް ލޫޓުވާ ވާހަކަ ގޮވަމުން ޕިކަޕްތަކުގައި ވެރިކަންކުރާ ޕާޓީން ނިކުމެ ހޯބޯލެވި ވަރަކަށް މުޒާހަރާއަށް އަންނަނީ ޖޯޝާ ފޯރިއެވެ. އިދިކޮޅުން ނުކުރާވަރަށް ސަރުކާރުން މުޒާހަރާ ޕްރަމޯޓް ކުރިކުރިހެން ލިބެނީ ހިތްވަރެވެ. އަނެއްކޮޅުން ކިތަންމެ ވަރަކަށް ހުކުރު ހުތުބާ ސިޔާސީކޮށްގެން ކުޅެން އުޅޭ ދީނީ ކާޑު ހިނގާ ވަރަށްވުރެ ގިނަ ރައްޔިތުންގެ ލޭހޫނެވެ.
ކުޑަގިރީގައި ގޭންގް ތަކުގެ ލީޑަރުން އެއްކޮށްގެން އަޅާ ފައިސާއާއި ރާވާ ރޭވުމުންވެސް މުޒާހަރާއަށް ދިޔުމަށް ލިބެނީ އިތުރު ހިއްވަރެވެ. ތަޅާފޮޅުމާއި މާރާމާރީއަށް މަޝްހޫރު މީސް މީހުން ޕީއެންސީއަށް ވައްދާ ސްޓޭޖް މަތީން އިއްޒަތް ދޭތަން ދެއްކީމާ ވާން މިއުޅެނީ ކީއްކަން އެކަކަށްވެސް ނޯޅެއެވެ. އިއްޔެއާއި ހަމައަށް މުއިއްޒު ސަރުކާރާ ދިމާ އިދިކޮޅަށް ތިބެފާ ކުއްލިއަކަށް ޕާޓީ ބަދަލު ކޮށްލުވުމުގެ ފަހަތުގައި އޮތީ މުޒާހަރާއާއި ދިމާކޮށް ސަރުކާރުން އިސްވެ އޮވެ ހަމަނުޖެހުން ހިންގަންކަން އޮޅެގެނެއް މީހަކު ނޫޅެއެވެ. އާހިރުގައި ގޭންގްތަކުގެ މީހުންވެސް ލިބޭ ފައިސާ ކޮޅާއެކު އަރާ ތިބޭނީ ރައްޔިތުންގެ ފަޅީގައެވެ. އެންމެ ފަހުގެ ގޮވާންކޮޅު ކަނޑާ ބަލާއަންނަ ގޮވުމުން ދިޔަކަސް މަރުވާ ކުރިއަކަށް ފެންދޭކަށް އެކަކުވެސް ނުހުންނާނެއެވެ.
ސަރުކާރުން ރާވައިގެން ކުރާކަމަކުން މުޒާހަރާ ހަލަބޮލި ކޮށްލައިގެން ސިފައިންނާއި ފުލުހުން ލައްވާ ޖައްސުވަން އުޅޭ ސަކަރާތެއްވެސް ނުޖެއްސޭނެއެވެ. މުޅި ގައުމު ހަމަ މަގުން ކައްސުވާލުމަށް ސަރުކާރުގައި ތިބި ލުޓޭރުން ކުޅޭހާ ކުޅިޔަށް ގިނަ ސިފައިންނާއި ފުލުހުން ތިބީކީ ރުހިގެނެއް ނޫނެވެ. ވަކި ހިސާބަކުން ޗޭން އޮފް ކޮމާންޑް އާއްމު ރައްޔިތުންގެ އަތްމައްޗަށް ފުރޮޅިގެން ދިޔުމަކީ އައުކަމެއް ނޫނެވެ.
ވެރިކަމުގައި ފައިވިއްދައިގެން ތިބުމުގެ ނިޔަތުގައި ސަރުކާރުން އަޅާ ކޮންމެ ކަތި ފިޔަވަޅަކީ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިވާނޭ ކަމެކެވެ. ބެދޭމަޅި ނުފެނި ސަރުކާރުން ހިންގާން ރާވާ ކުޅިގަނޑު ފުށުންޖެހި ދޮޅިކެނޑިގެން ވެއްޓެން އެދޭވަރުން މުޒާހަރާއަށް މީހުން ނިކުންނާނެއެވެ.