ލާދީނީ ފިކުރު މުއިއްޒު ފުހެލާނެ!

ޝަރީއާ ތަންފީޒު ކުރުމުގެ ހިތްވަރު މުއިއްޒުގެ ނުހުންނާނެ

ލާދީނީ ފިކުރު މުއިއްޒު ފުހެލާނެ!

އީދުގައި ކުލަބޮކި ދިއްލާ ތަކުބީރުގެ އަޑު ގަދަކޮށްލުން ނޫން ހުރިހާ ކަމެއް ޑރ. މުއިއްޒު އިންތިހާބު ވުމުން ރާއްޖޭގައި ފުރިހަމަވެ ނިމުނީ ހެއްޔެވެ. ލާދީނީ ސަރުކާރެކޭ ބުނެ ސަރުކާރެއް ވޯޓުން ފޭލުކޮށްލުމަށް ފަހު، ދިވެހީންގެ ރާއްޖޭން ލާދީނީ ފިކުރު މުޅިން ފުހެވި ސަލަފުއްޞާލިޙުންގެ ޒަމާނާ އެއްފަދަ ދައުލަތަކަށް ދިވެހި ދައުލަތް ޑރ. މުއިއްޒަށް ބަދަލުކޮށް ލެވޭނެ ހެއްޔެވެ. ގައުމުގެ އެންމެންނަކީ އިސްލާމު ދީނުގެ ޞައްޙަ އަގީދާގައި ސާބިތުވެތިބޭ ބަޔަކަށް ވާތަން ދެކެން ވަރަށް ބޭނުމެވެ. 

އިސްލާމް ދީންގެ ހިމާޔަތުގައި ބަޔަކު ނިކުމެ ދިވެހި ތަޚުތަށް ޑރ. މުއިއްޒު ހޮވައިފިއެވެ. ސަރުކާރުގެ މަތިފަޑިން ލާދީނީ މީހުން ކަމަށް ބަޔަކު ތުހުމަތުކުރާ ދިވެހިން ތަކެއް ފެންނަކަމުގެ ބަހަނާގައި ހަޖަމު ނުވެގެން ނިކުތް ބަޔަކު ނިކުމެ ވެރިކަން ބަދަލުކޮށް ލައިފިއެވެ. ޑރ. މުއިއްޒުގެ ސަރުކާރުގެ މަތިފަޑިން ބޯނިވާ ނުކުރާ ރަނގަޅަށް އައުރަ ނިވާ ނުކުރާ އަންހެނަކު އަދި މަތިމަސް ނެތް ތުނބުޅި ހުރި ފިރިހެނަކު ނޫނީ ނުފެންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތަކުގައި ހެދުންލައިގެން އޮރިޔާމާ ނޫޅޭ ބަޔަކު ތިބޭނެ ކަމުގެ އުންމީދު ބޮޑެވެ. އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނާއި ލާދީނީ ވިސްނުމުގެ އެންމެންހެން ދީނީ ބަޔކަށް ހަދާލާތަން ނިކަން ދެކޭ ހިތްވެއެވެ. އިސްލާހު ނުވާ ކޮންމެ މީހެއްގެ މައްޗަށް އިސްތިސްނާއެއް ނެތި އިސްލާމީ ޝަރީއަތް ތަންފީޒު ކުރެވިގެން ދާތަން ފިސާރި ދެކެން ބޭނުމެވެ. 

އެންމެ ދިވެއްސަކު ވެސް ބަނގުރާ ބޮއެގެން އުޅޭއަޑު އަހާކަށް ބޭނުމެއް ނޫނެވެ. ބަނގުރާ ވިއްކާ ވިޔާފާރި ކުރުން ނެތި އިގްތިސާދު ކޮޅަށް ޖަހާލާތަން ފެންނާނެ ތާއެވެ. ޑްރަގް ނެގުމާ ޑްރަގް ޑީލްކުރުން އެއްވެސް ވަރަކަށް ނެތި ހުޅުހުޅުން ދޫވެފައި މަގުމަތީގައި ބަޔަކު ނޫޅޭ ދުވަސް އަންނަނީ ތާއެވެ. ޒިނޭ ކުރުމާއި ހަށިވިއްކުން މުޅިން ހުއްޓުވާ ލާނެތާއެވެ. ދޮގު ހެދުމާ ދޮގު ފެތުރުން ހަތިމް ވެގެން ދާނެތާއެވެ. އެއްޖިންސުން ގުޅުން ހިންގުމަކީ އަމްދުން ނެތް ކަމަކަށް ހަދާލާނެތާއެވެ. ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުމުގެ ކުލަވެސް ނުއޮންނޭ ދުވަހަކަށް އަލިވިލެނީ ތާއެވެ. 

ވައްކަމާއި ފޭރުމާއި ހިޔާނާތްތެރިވުން މުލުން ލުހެވިގެން ދާތަން ފެނުމަށް އެދެވެއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ނެތި ހިނގައްޖެ ކަމުގެ އިހުސާސް ރައްޔިތުން ކުރާތަން ދެކިލާ ހިތްވެއެވެ. މަނީލޯންޑް ކުރުމަކީ ނެތް ކަމަކަށްވެ މަކަރާ ޙީލަތް ހެދުމަކީ ދަންނަ ކަމަކަށް ވެސް ނުވާ ދުވަސް ދާދި ކައިރި ވެއްޖެއެވެ. ކޮރަޕްޝަނާއި ފަސާދައަކީ ނެތް އެއްޗަކަށް ވާނެއެވެ. ރިބާ ކީއްކުރަން ހެއްޔެވެ. އިންޓަރެސްޓްގެ ނަމުގައި ވެސް ދަރަންޏެއް ނުވަތަ ލޯނެއްގެ މުއާމަލާތެއް ނުހިންގާނެ ތާއެވެ. 

ދެބަވޮޑުވުމާއި ނެތި މޮށުމުގެ އަސަރެއް ވެސް ނެތް ދިވެހިންގެ ރާއްޖެއަށް ދެވެނީއެވެ. އެ ތާނގާ އަބުރާ ބެހުމާއި އިންސާނީ ކަރާމާތް ނަގަލާ އެކުވެސް ނޫޅޭނެއެވެ. މަލާމާތާއި ފުރައްސާރަ ކުރުމަކީ އޮތް ކަމަކަށް ނުވާނެއެވެ. ހައްދު ޖެހުމާއި އަތްކެނޑުމާއި ރަޖަމް ކުރުމާއި ޤިޞާޞް ހިފުމުގައި މިސާލެއްނެތް ފަދަ ގައުމަކަށް ދިވެހީންގެ ރާއްޖެ ވާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ. 

ބަރާބަރަށް ފަސް ވަގުތު ނަމާދު ގާއިމު ނުކުރާ އެކަކު ނެތި ޒަކާތް ދިނުމާއި ރޯދަހިފުމާއި ހައްޖުވުމުގައި ދެވަނައެއް ނެތް ދީންވެރި ބަޔަކަށް ދިވެހި ހުރިހާ ރައްޔިތުން ބަދަލުކޮށްލާ ސަރުކާރަކަށް ޑރ. މުއިއްޒުގެ ސަރުކާރު ވެގެން ދާތަން ފެނުމަށްވުރެ އެދޭ އެހެން ކަމެއް ނެތެވެ.

ސުވާލަކީ ދިވެހީންގެ ރާއްޖެއަކީ އިސްލާމް ދީނުގެ ސައްހަ އަގީދާއާއި އެއްގޮތަށް އިސްލާމީ ޝަރީއާ ތަންފީޒު ކުރުމުގެ ހިތްވަރާ ފަންވަރު ޑރ. މުއިއްޒުގައިގާ ހުންނާނެ ކަމާ މެދު އުފެދޭ ސުވާލެވެ. ލާދީނީ އަސަރު ފުހެލަން ޑރ. މުއިއްޒަށް ކުރެއްވޭނެ ކަމަކީ ކޮބައިކަމާމެދު އުފެދޭ ސުވާލެވެ.