އޭސީސީ ކޮށްދޭނެ ކަމަކީ މަތިންދާ ބޯޓު ވިއްކި ޖަރީމާ ހަލާލުކުރުން!

އޭސީސީ ކޮށްދޭނެ ކަމަކީ މަތިންދާ ބޯޓު ވިއްކި ޖަރީމާ ހަލާލުކުރުން!

ގާނޫނު ތަކާއި ގަވައިދު ތަކާ ހިލާފަށް އައިލެންޑް އޭވިއޭޝަނުން މަތިންދާ ބޯޓެއް ވިއްކާލީ އަޅަންޖެހޭ އެންމެންނަށް ބައިއަޅައިގެން ކަމަށްވެއެވެ. ކޮރަޕްޝަނާއި ފަސާދައިންގެ ތެރެއިން ވިއްކާލި މަތިންދާ ބޯޓަކީ ވެސް ކުރީ ސަރުކާރުގެ ކަމެއް ކަމަށް ހަދަން އުޅެން ހަދައިގެން އެކަން ވެސް އެ ގޮވީ އަތަށެވެ. 

ދޮގު ހަދަން އުޅެ ފުލެއް ބެދޭ ގޮތަށް މި ސަރުކާރަށް ދޮގެއް ހަދަން އެނގެނީ އެއްވެސް ނޫނެވެ. 22 ސެޕްޓެމްބަރު 2022 ގައި ކޮށްފައިވާ އިއުލާނެއްގެ ދަށުން ވިއްކާލި ބޯޓެއް ކަމަށް ހަދަން އުޅެގެން އިތުރަށް އެވީ ބަރަހަނާއެވެ. އެ ބުނާ އިއުލާނެއްގެ ދަށުން ބޯޓު ގަތުމަށް ބިޑް ހުށަހަޅަން ޖެހެނީ 30 އޮކްޓޯބަރ 2022 އަށެވެ. އަނެއްކޮޅުން ބޯޓުވިއްކުމަށް 20 ނޮވެމްބަރ 2022 ގެކުރިން ކުންފުނީގެ ބޯޑުން ފާސްކޮށް ވިއްކުމުގެ އެގްރިމަންޓްގައި 30 ނޮވެންބަރ 2022 ގެ ކުރިން ސޮއިކުރަން ޖެހެއެވެ. މިހެން އޮތް ކަމެއްގައި މުޅި އިޖުރާތު ބާތިލުވެ ދެ އަހަރެއްހާ ދުވަސްވީ ފަހުން 29 އޮގަސްޓް 2024 ގައި އިއުލާނު ނުކޮށް މަތިންދާ ބޯޓެއް ވިއްކާލައިގެން ހިންގާލި ޖަރީމާ ނިކަން ދެކެބަލަާށެވެ.  

އިއުލާނު ނުކޮށް ބަޔަކަށް ދޮންކަޅު އަންގާނުލާ 3.7 މިލިޔަން ޑޮލަރަށް މަތިންދާ ބޯޓެއް ވިއްކާލައިގެން އެތިބީ ހެވި ދިލިފައެވެ. އަދަދު ނޫހުގެ ހިއްވަރު ގަދަ ނޫސްވެރިން އެކަން ހޯދާ ބަލާ ހާމަ ނުކުރިނަމަ އޮންނާނީ ބޮޑު ސިއްރެއްގެ ގޮތުގައި ފަސްއެޅި ފޮރުވިފައެވެ. މީޑިއާ ކޮންޓްރޯލް ކުރަން އެހާވަރުން ހިފާލާފައި މި ސަރުކާރުން އެތިބީ މި ކަހަލަ ޖަރީމާތައް ފެންމަތިވިޔަ ނުދީ ހިންދާލުމުގެ ނުބައި ނިޔަތުގައެވެ. 

ބަލަން ތިބޭށެވެ. އިއުލާނު ނުކޮށް ގާނޫނާއި ހިލާފަށް އައިލެންޑް އޭވިއޭޝަނުން މަތިންދާ ބޯޓެއް ވިއްކާލި މައްސަލަ އޭސީސީން ބަލަން ފަށައިފިކަމަށް ބުނުމަކީ އަނެއް ސިހުރެވެ. މަޖިލީހުގެ މެޖޯރިޓީއާއި އެކު ހިނގަ ހިނގާ އޮންނަ ސަރުކާރެއްގެ ކޮރަޕްޝަން މައްސަލައަކީ އޭސީސީއަށް ބެލޭނެ އެއްޗެއް ނޫނެވެ. ބަލާނެވެސް އެއްޗެއް ނޫނެވެ. 

އޭސީސީ ކޮށްދޭނެހާވެސް ކަމަކީ ޖަރީމާ ހަލާލުކޮށް ދިނުމެވެ. ބޯޓު ވިއްކުމުގެ މުއާމަލާތު ހިންގާފައި ވަނީ ގާނޫނާއި ގަވައިދު ތަކުގައި ކަނޑައަޅާފައިވާ ވަރަށް ވުރެވެސް މާ ރަނގަޅަށް ކަމަށް ކަނޑައަޅާ ދިނުމެވެ. ޝަރީއަތަށް ފޮނުވަންޖެހޭ ވަރުގެ ކުޑަވެސް ކަމެއް މަތިންދާ ބޯޓު ވިއްކުމުގައި ހިނގާފައި ނުވާކަމަށް ނިންމާ މައްސަލަ ފައިލް ކުރުމެވެ. އެހެން ނޫނީ ނުނިމޭ މައްސަލައެއްގެ ގޮތުގައި ދަންމާލާ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައި ބަޔަކު ވާޖަހާ ގުދުކޮށްފާ ބޭއްތިއްބުން ނޫންކަމެއް އޭސީސީއަކުން ނުކުރާނެއެވެ.