އެމްޑީޕީގެ ޕްރައިމަރީގައި ރޫޅާލަން ޖާގައެއް ނުދިން!
މާލެ ސިޓީ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓްގައި ނެރޭނެ މީހަކު ނިންމަން ބޭއްވި ޕްރައިމަރީން ގިނަ ކަންތައްތަކެއް ސާފުވެގެން ހިނގައްޖެއެވެ. އެތައް ގޮތަކުން އެމްޑީޕީގެ ޕްރައިމަރީ ވެގެން ދިޔައީ އެމްޑީޕީއަށް ވަރަށް ބޮޑު ކާމިޔާބަަކަށެވެ.
އެމްޑީޕީގެ މުޅި ތާރީހުގައިވެސް ނުފޫޒެއް ނެތި އަމާންކަމާ އޮމާން ކަމާއެކު ދެފުށް ފެންނަ ގޮތަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިހާބު ކަމުގައި މިފަހަރުގެ ޕްރައިމަރީ ވެގެން ދިޔަ ދިޔުމަކީ އެންމެ ބޮޑު އެއް ކާމިޔާބެވެ. ޝަކުވާ އުފެދޭޒާތުގެ އެއްވެސް ކަމެއް ނުހިނގާ މުޅި އިންތިހާބު ނިމިގެން ދިޔަ ދިޔުމަކީ ލިބުނު ބޮޑު މޮޅެކެވެ.
އިއްޔެ ނިމިގެން ދިޔަ ޕްރައިމަރީން ފެނިގެން ދިޔައީ ތެދުވެރިކަމާއި، އަހުލާގީ މިންގަނޑުތަކާއި، ހަމަޔާ އުސޫލު ހިފެހެއްޓުމަށް އެމްޑީޕީގެ ގިނަ މެންބަރުން ލޯބިކުރާކަމެވެ. މީހަކު އިހުލާސްތެރިކަމާއެކު ކުރާ ހިދުމަތުގެ އަގު ވަޒަން ކުރަން އެމްޑީޕީ ދަންނަކަމެވެ.
ހަމަ އެހެން އެމްޑީޕީ މެންބަރުން ތިބެނީ ވަކި މީހެއްގެ ވަށައިގެން މުގޯލި އަޅައަޅާ ނޫންކަން ދައްކާ ދީފިއެވެ. ޕާޓީއާއެކު ތެދުވެރިކަމާ އިހުލާސްތެރި ކަމާއެކު މަސައްކަތްކޮށް ނަތިޖާ ނެރެދޭ ލީޑަރުން ދޫކޮށްނުލާނެކަން ސާބިތުކޮށްދީފިއެވެ.
ކުރިން ކިތަންމެ ބޮޑު ހިދުމަތްތެރިއަކަސް ޕާޓީއަށް ކުޑައި މީސްކޮށްފި ނަމަ އިތުބާރު ހޯދަން ގުރުބާނީތަކެއް ވާންޖެހޭނެކަމުގެ އިހުސާސް ކޮށްދީފިއެވެ. ޕާޓީއަށް އިހާނެތިކޮށް ހިތާކޮންމެ މީހަކުވެސް އިސްލާހުވެ ހަމަ މަގަށް އެނބުރި އައުމަށް އެމްޑީޕީގައި ޖާގަ އޮތްކަމާއި އިސްލާހުގެ މަގަށް ރުޖޫއަވެއްޖެކަން މެންބަރުންނަށް ކަށަވަރު ކޮށްދޭން ޖެހޭކަން ބުނެދީފިއެވެ. ޖަޒްބާތުގައި ބަޔަކު ދައްކާހާ ވާހަކައަކަށް ހެއްލި ގެއްލޭ ބަޔަކަށް އެމްޑީޕީ ނުވާނެކަން ކަށަވަރުކޮށް ދީފިއެވެ.
އެމް.ޑީ.ޕީގެ ލޮބުވެތި މެންބަރުން ވަނީ ނިމިދިޔަ ޕްރައިމަރީއަކީ ވަރުގަދަ މުސްތަގުބަލަކަށްޓަކައި ލިބިގެންދިޔަ އާ އުންމީދަކަށް ހަދާދީފައެވެ. ނިމިދިޔަ ޕްރައިމަރީގައި އެމްޑީޕީ މެންބަރުން އެންމެ ސާފުކޮށް ބުނީ ރޫޅާލަން ޖާގަދެވެން ނެތް ކަމަށެވެ.




