ފެނަކަ ސައީދު ދިރިހުރުމުގެ ހައްގުން މަހުރޫމުކުރާ އިންޓެލިޖެންސް ރިޕޯޓް

ފެނަކަ ސައީދު ދިރިހުރުމުގެ ހައްގުން މަހުރޫމުކުރާ އިންޓެލިޖެންސް ރިޕޯޓް

2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާތިލް ކޮށްލީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ރައީސް މައުމޫނާއި ގާސިމް އިބްރާހީމް ޖަލަށްލީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ކާނަލް ނާޒިމް ފްރޭމް ކުރީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ސްޕްރީމް ކޯޓުން ޓިނު ނެގީ އިންޓެލިޖެންސް ރިޕޯޓަކުންނެވެ. ރާއްޖޭގެ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކަކީ އެއިރަކު އޮންނަ ސަރުކާރަކުން ހިފާ ހައްޔަރު ކުރަން ބޭނުންވާ މީހުން ހިފާ ހައްޔަރު ކުރުމަށާއި ސިޔާސީ ގޮތުން ސަރުކާރުން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ބޭނުންކުރާ އެންމެ ތޫނު ހަތިޔާރެވެ. 

ފެނަކަ ސައީދު ދިރިހުރުމާއި ބޭސް ފަރުވާ ކުރުމުގެ ހައްގުން މަހުރޫމް ކުރުމަށް ވެސް ބޭނުންކުރާ ހަތިޔާރަކީ އިންޓެލިޖެންސް ރިޕޯޓެވެ. ފެނަކަ ސައީދުގެ މުދަލާއި ފައިސާ ރާއްޖޭން ބޭރުގައި ހުރިކަން ސައީދަށް ނޭނގުނަސް ފުލުހުންނަށް އެނގެއެވެ. ސައީދުގެ މުދަލާއި ފައިސާ ހުރީ ރާއްޖޭން ބޭރުގައި ކޮންތަނެއްގައި ކިހާވަރަކަށް ކަމެއްވެސް ސައީދަކަށް ނޭނގެއެވެ. އެ ހުރިހާ އެއްޗެއް ވެސް އެނގެނީ ދިވެހި ފުލުހުންގެ އިންޓެލިޖެންސަށެވެ. 

ސައީދުގެ މުދާ ތަކަކާއި ފައިސާ ތަކެއް ރާއްޖޭން ބޭރުގައި ހުރިކަން ސައީދަށް އެނގުނީ ހިތުގެ ފަރުވާއަށް ބޭސް ފަރުވާއަށް އިންޑިއާއަށް ފުރުމުގެ ހުއްދަ އަކަށް އެދުމުން ކްރިމިނަލް ކޯޓުންނެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކުން އެކަން ކުރިމިނަލް ކޯޓަށް އެނގިގެން ބޭސް ފަރުވާ ކުރުމުގެ ހައްގުން ސައީދު އެވަނީ މަހުރޫމް ކޮށްފައެވެ. ކޯޓަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅުމުގެ ހުސޫމަތު ސައީދަށް އޮތްކަމަށް ކޯޓަށް ފެނިގެންނެވެ. 

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގައި އެބުނާ މުދަލާ ފައިސާ ރާއްޖޭން ބޭރުގައި ހުރިތަނަކާއި ހުރިވަރެއް ފުލުހުންނަށް ވުރެ ބޮޑަށް އެނގެން ވާނީ ހަގީގަތުގައި ސައީދަށް ތާއެވެ. ސައީދަށް ނޭނގި އޭނާގެ އެތައް ބައިވަރު މުދަލަކާއި ފައިސާއެއް ރާއްޖޭން ބޭރުގައި ހުރިކަން އެނގުމުން އެތަކެތި ސައީދުގެ މިލްކިއްޔާތުގެ ތެރެއަށް ވައްދަން ސައީދު ބޭނުން ވާނެތާއެވެ. އެކަމަށް ބޭނުން ވެގެން އެދުމުން ސައީދަށް އެއީ ކޮންތާކު ހުރި ކޮން އެއްޗެއް ކަމެއް ބުނެއެއް ނުދެވުނެވެ. ބުނެއެއް ނުވެސް ދެވޭނެއެވެ. ބުނެދެވޭނީ ވުޖޫދުގައި ހުރި އެއްޗެއް ނަމަތާއެވެ. ވުޖޫދުގައި ނެތް އެއްޗެއް ހުރިކަމަށް ހަދައިގެން އަނިޔާވެރި ވުމަށް އިންޓެލިޖެންސް ރިޕޯޓެއް އުފަންކޮށްގެން އުޅެނީއެވެ. 

ނަޖާއިޒު ގޮތުގައި ހޯދި މުދަލާއި ފައިސާކަމަށް ވިޔަސް އެއީ ކޮންތާކު ހުރި ކޮންފައިސާއެއް ކަމާ މުދަލެއްކަން އެ ނިސްބަތްވާ ފަރާތަށް ނާންގާ ދައުލަތުގެ މުއައްސަސާތަކުން މީހަކާއި މެދު ގޮތްނިންމަން ބޭނުން ކުރުމަކީ އަނިޔާއެވެ. ނާޖާއިޒު ގޮތުގައި ހޯދި މަންފާއެއްކަން ސާބިތު ނުވާހާ ހިނދަކު މުދާ ހޯދުމާއި މުދާ މިލްކުކޮށް މުއާމަލާތް ކުރުމުގެ ހައްގުން މަހުރޫމު ކުރުމުގެ ބާރެއް ޝަރީއަތަށް ވެސް ލިބިގެން ނުވެއެވެ. އަމްދުން ދިރިހުރުމާއި ބޭސްފަރުވާ ކުރުމުގެ ހައްގުން މީހަކު މަހުރޫމު ކުރުމަށް އިންޓެލިޖެންސް ރިޕޯޓަކުން ބާރު ހޯދުމަކީ ރޭވިގެން ދޭ އަނިޔާއެވެ.