އެންމެފަހުން ރާއްޖެ-ލަންކާ-އިންޑިއާ އެއްބޯޑަރަށް ހަދާލީތަ!

ލަންކާ-އިންޑިއާ ދާއަޅާ ބޯޓުފަހަރު ރާއްޖޭގެ ސަރަހައްދުގާ މިނިވަން ކަމާއެކު!

އެންމެފަހުން ރާއްޖެ-ލަންކާ-އިންޑިއާ އެއްބޯޑަރަށް ހަދާލީތަ!

ރާއްޖޭގެ ސަރަހައްދަށް ދާއަޅާ ދެބޯޓެއް ވަދެގެން އުޅޭތާ ދެދުވަސް ވަނީއެވެ. ހއ. އިންނަފިނޮޅާ 25 މޭލުކައިރީގައި އުޅޭ ދެބޯޓުން އެއްބޯޓަކީ ސްރީލަންކާ ބޯޓެކެވެ. އަނެއް ބޯޓަކީ އިންޑިއާ ބޯޓެކެވެ. 

ހަމަގައިމުވެސް އެ ދެބޯޓަކީ އިހަވަންދިއްޕޮޅު ބަންކަރިންގ ހިދުމަތުން ތެޔޮ އަޅާކަށް ފެން އަޅާކަށް ރާއްޖެ ވަދެެން އުޅޭ ބައެއް ނޫނެވެ. އެ ދެބޯޓަކީވެސް ދާއަޅައިގެން މަސްވެރިކަން ކުރަން އުޅޭ ދެބޯޓެވެ. ރާއްޖޭގެ ސަރަހައްދަށް އެ ދެބޯޓުވަދެގެން ވަގަށް މަސްވެރިކަން ކުރުންނޫން ކަމެއް ކުރާކަށް ނުއޮންނާނެއެވެ. 

ރާއްޖޭގެ ސަރަހައްދަށް ގަވައިދާ ހިލާފަށް މަސްވެރި ދެބޯޓެއް ވަދެގެން އުޅޭތާ ދެދުވަސްވާއިރު ރާއްޖޭގެ ދިފާއީ ބާރަށް ނޭނގެންޏާ މިލިޔަނުން ހޭދަކޮށްގެން ބެލެހެއްޓޭނީ ކޮން ސިޔާދަތެއް ހެއްޔެވެ. ދެދުވަސް ވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓާ ކޯސްޓު ގާޑްގެ ހަބަރެއް ހިލަމެއްނެތެވެ. ރާއްޖޭގެ ޑްރޯން އެއަރފޯސް ވީތަނެއް ނޭގެއެވެ. އެ ސަރަހައްދުގެ ދިވެހި މަސްވެރިންގެ ބަޔަކު އެކަން އެމްއެންޑީއެފަށް އަންގަން ކުރިހާ މަސައްކަތްވެސް ކާމިޔާބުވީ ކަމަކަށް ނުވެއެވެ. 

ރާއްޖޭގެ ސަރަހައްދު ބަލަހައްޓަން ބަޖެޓުން ބޭރުން ޑްރޯން ގަނެގެން ގެނެސް އަންއާމްޑް-އެއަރފޯސް އެއް ރާއްޖޭގައި ގާއިމުކުރެވިގެން ފޮނުއެރުވީ މީގެ ދެތިން މަސް ކުރިންނެވެ. ރާޑަރުތަކާއި ހެލްކޮޕްޓަރާއި ޑޯނިއާ ބޯޓު ބޭނުންކޮށްގެން ބަލަހައްޓާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ ކަނޑުތަކުން ވަގަށް ކުރާމަސްވެރިކަން ކުރުން ހުއްޓުވުން މިހާރު ނުހިމެނެނީ ހެއްޔެވެ. 

އެންމެ ފަހުން އިންޑިއާއަށް ކުރި ދަތުރުގައި ދަމާލި ރާއްޖޭގެ ސިޔާދަތީ ފަލަ ރޮނގުގެ ތެރެއަށް އިންޑިއާއި ލަންކާ ވައްދާ ރާއްޖޭގެ ކަނޑުތަކުން އިންޑިއާ-ލަންކާ މަސްވެރިންނަށް މަސްވެރިކަން ކުރެވޭ ގޮތަށް ތިން ގައުމު އެއް ބޯޑަރަށް ހަދާލީހެއްޔެވެ. ނޫނީ ރާއްޖޭގެ ދިފާއީ ބާރަކީ އެހާވެސް ޒިންމާދާރު ކަމެއްނެތް ބޭކާރު ތަކަށް މިހާރު ވީހެއްޔެވެ. މުއިއްޒު ވަށައިގެން އަރިއަރިއަށް ގުދުވެ ފައިޖަހާ ކުރުނީސް ކުރުން ނޫންކަމެއް ދިވެހި ސިފައިންނަށް ނެތުނީ ހެއްޔެވެ.