ހަނގުރާމައަކަށް ތައްޔާރުވާން ސިފައިންނަށް އެންގުން

ސްޓްރެޓެޖިކް ސަލާމަތާއި މައިގަނޑު މަސްލަހަތުތައް ހިމާޔަތްކުރުން މުހިންމު

ހަނގުރާމައަކަށް ތައްޔާރުވާން ސިފައިންނަށް އެންގުން

ކުރިމަތިވެދާނެ ހަނގުރާމައަކަށް ތައްޔާރުވެތިބެ، ހަނގުރާމައިގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ އެ ގައުމުގެ ސިފައިންނަށް އަންގަވައިފިއެވެ.

މިއީ ހުޅަނގުގެ ގައުމުތަކާއެކު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައި އެގައުމުތަކުން ދައްކާ ސްޓްރެޓެޖިކް ބިރުދެއްކުމަށް ޗައިނާއިންދޭ އިތުރު އަހައްމިއްޔަތުކަމެއްގެ ނިޝާނެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ރޮކެޓް ފޯސް ބްރިގޭޑެއް ބައްލަވާލެއްވުމަށްފަހު ރައީސް ޝީ ވިދާޅުވީ "ތަމްރީނުތަކާއި ހަނގުރާމައަށް ތައްޔާރުވުން ފުޅާ ދާއިރާއެއްގައި ވަރުގަދަކުރުން" މުހިންމު ކަމަށެވެ. އަދި ސިފައިން ހަނގުރާމައަށް ތައްޔާރަށް ތިބޭކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން، ރައީސް ޝީ ވަނީ ސިފައިން "ވަރުގަދަ ހަނގުރާމަވެރި ގާބިލުކަން" އުފެއްދުމާއި ޗައިނާގެ "ސްޓްރެޓެޖިކް ސަލާމަތާއި މައިގަނޑު މަސްލަހަތުތައް" ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ޝީގެ މި ބަސްފުޅުތައް އައިސްފައިވަނީ ޓައިވާނާ ގުޅޭގޮތުން އެމެރިކާއާއެކު އޮތް ގުޅުން ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން ދެކޭގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބައެކެވެ.

ބީޖިންގއިން ބުނާ ގޮތުގައި އަމިއްލައަށް ވެރިކަން ހިންގާ ޓައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެކެވެ. އަދި ޓައިވާނަށް ރަސްމީ ޑިޕްލޮމެޓިކް ގުޅުން ބޭއްވުމާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގައި ބައިވެރިވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ޗައިނާއިން ބުނެއެވެ.

ނަމަވެސް އެމެރިކާއިން ވަނީ ޓައިވާނުގެ ސަރުކާރާއެކު ގުޅުން ބަދަހިކޮށް، ސިފައިންނަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދީފައެވެ. މިކަމާ ޗައިނާއިން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފާއިތުވި މަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ 228 މިލިއަން ޑޮލަރުގެ ހަތިޔާރުގެ ވިޔަފާރިއެއް ހުއްދަދީފައެވެ. މި ޑީލުގެ ދަށުން ޓައިވާނުގެ ސިފައިންނަށް ބޭނުންވާ ސްޕެއަރ ޕާޓްސް ފޯރުކޮށްދޭން ވަނީ ނިންމާފައެވެ. ޓައިވާނުގެ ދިފާއީ މިނިސްޓްރީން ބުނާ ގޮތުގައި މި ޑީލް ވަރަށް އަވަހަށް ތަންފީޒު ކުރެވޭނެއެވެ.