ބަނޑުހައިހޫނުކަމުގެ ނުރައްކަލުގައި 8000 ކުދިން!

ގައްޒާގައި ފަސް އަހަރުން ދަށުގެ 8،000 ކުދިންނަށް ކާނާ ނުލިބިފާ

ބަނޑުހައިހޫނުކަމުގެ ނުރައްކަލުގައި 8000 ކުދިން!

ފަސް އަހަރުން ދަށުގެ 8،000 ކުދިންނަށް ކާނާ ލިބުން ދަތިވެފައިވާ ގައްޒާގައި "ކާރިސާވެރި ބަނޑުހައިހޫނުކަމެއް" ކުރިމަތިވާނެ ކަމުގެ އިންޒާރު ޑަބްލިޔުއެޗްއޯގެ ވެރިޔާ ދެއްވައިފިއެވެ.

ގައްޒާގެ އޮފިޝަލުން ބުނާ ގޮތުގައި އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް 250 ދުވަސް ވެފައިވާއިރު، މިހާތަނަށް 15،694 ކުދިން ޝަހީދުވެ،  17،000 ކުދިން މައިންބަފައިން ނެތި، ޔަތީމުވެފައި އެބަތިއްބެވެ.

ގައްޒާގެ އުތުރުގައި ކާބޯތަކެތީގެ ދަތިކަން ބޮޑުވެ ނުރައްކާތެރި ދަރަޖައަކަށް ގޮސްފައިވާއިރު،  ކާބޯތަކެތީގެ ގިނަ ބާވަތްތައް ހުސްވެފައިވާ ކަމަށް ގައްޒާގެ އޮފިޝަލުން އަލްޖަޒީރާއަށް މައުލޫމާތު ދީފައިވެއެވެ.

އިސްރާއީލާއެކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރާ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ދޭނެކަމަށް  ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސްއިން ބުނެފައިވެއެވެ. އެހެނަސް އެމެރިކާގެ ހާރިޖީ ވަޒީރު ބްލިންކެން ވިދާޅުވަނީ ހަމާސްއިން ހުށަހަޅާފައިވާ ކަންކަމަށް އެއްބަސްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގައްޒާއާ ދެކޮޅަށް ކުރަމުންދާ ލާއިންސާނީ ހަނގުރާމައިގައި މަދުވެގެން 37،202 މީހުން ޝަހީދުވެ،  84،932 މީހުން ޒަހަމްވެފައިވެއެވެ.